ރީޖަނަލް އެލަޔަންސް ފޯރ ފޮސްޓަރިންގް ޔޫތު (ރަފީ) ޖަމިއްޔާގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި، ރަފީ ޖަމިއްޔާގެ 40 މެމްބަރުން ބައިވެރިވިއެވެ.

ރަފީ ޖަމިއްޔާގެ ފައުންޑިންގް ޕްރެޒިޑެންޓް އާއިޝަތު ރަފިއްޔާ "ސަން"އަށް ވިދާޅުވި ގޮތުގައި ގާނޫނީ ގޮތުން ޖަމިއްޔާއިން ކުރަންޖެހޭ ބައެއް ކަންކަން، އެ ބައްދަލުވުމުގައި ވަނީ ފުރިހަމަކޮށްފައެވެ.

އެގޮތުން ނިމިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި ފައިނޭންޝަލް ރިޕޯޓު އިއްވައި ފާސްކުރުމާއި، މިއަހަރަށް ޖަމިއްޔާއިން ކަނޑައަޅާފައިވާ ބަޖެޓު ފާސްކުރުން ހިމެނެއެވެ.

ރަފިއްޔާ ވިދާޅުވީ، ރަފީ ޖަމިއްޔާއިން މިއަހަރުގެ ތެރޭގައި ހިންގަން ރާވާފައިވާ ދެ ހަރަކާތެއް މައުލޫމާތު، ބައްދަލުވުމަށް ހާޒިރުވި މެމްބަރުންނާ ހިއްސާ ކުރެވުނު ކަމަށެވެ.

އެ ހަރަކާތްތަކަކީ ސިޔާސީ އަދި އާންމު ޚިދުމަތުގެ ދާއިރާއިން އަންހެން ކުދިން ތަމްރީނު ކުރުމަށްޓަކައި ރޯޔަލް އިންސްޓިޓިއުޝަން އޮފް ސިންގަޕޫރާ ގުޅިގެން ހިންގާ "ވިމެން ހީރޯސް" ކިޔާ ޕްރޮގްރާމަކާއި، ދިވެހި މައިންނަށް ޚާއްސަކޮށްގެން، އެމެރިކާގެ ޖަމިއްޔާއަކާ ގުޅިގެން ހިންގާ އެއް މަސް ދުވަހުގެ ޕްރޮގްރާމެކެވެ.

ރަފީ ޖަމިއްޔާއަކީ ޒުވާނުން ބާރުވެރިކުރުމުގެ މަގްސަދުގައި އުފެއްދި ރާއްޖޭގެ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ ޖަމިއްޔާއެވެ. ރަފީ ޖަމިއްޔާއިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ، ޒުވާނުންނަކީ ބާރުވެރި ބަޔަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އޭގެ ތެރޭގައި "ޔޫތު އޭޒް މިލީނިއަމް އެސެޓްސް"ގެ ނަމުގައި ހިންގި ސިލްސިލާ ޓްރެއިނިންގް ޕްރޮގްރާމްތަކަކާއި، ރާއްޖެއިން ބޭރުގައި ބާއްވާ، ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ބައިނަލްއަގުވާމީ ބައްދަލުވުންތަކަށް ރާއްޖޭގެ މަންދޫބުން ފޮނުވުން ފަދަ ހަރަކާތްތައް ހިމެނެއެވެ.