ރ. އަތަޅު މަޑުއްވަރީ ކައުންސިލްގެ ރައީސާ އެކު ކައުންސިލްގެ އިތުރު މެމްބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކައުންސިލްގެ ދެ ގޮނޑި ހުސްވެއްޖެއެވެ.

ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ތަސްމީލް 'ސަން' އަށް ވިދާޅުވީ ކައުންސިލްގެ ރައީސްގެ މަގާމްގައި ހުންނެވި ހަސަން އަބްދުއްރަހީމް އިސްތިއުފާ ދެއްވީ މިއަދު ކަމަށާއި ކައުންސިލް މެމްބަރު ނަސްރުﷲ ހުސެއިން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

'ސަން' އަށް އެނގިފައިފާ ގޮތުގައި ހަސަން އަބްދުއްރަހީމް އިސްތިއުފާ ދެއްވީ އޭނާއަށް އެހެން ވަޒީފާއެއް ހަމަޖެހުމާ ގުޅިގެންނެވެ. އަދި ނަސްރުﷲ ހުސެއިން އިސްތިއުފާ ދެއްވީ މިދިޔަ މަހު 26 ގައި ކައުންސިލްގެ ގާނޫނީ ދައުރު ހަމަވެ އިތުރަށް އެމަގާމުގައި ހުރުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ވިދާޅުވެއެވެ.

މިއަހަރުގެ ޖެނުއަރީ 14 ގައި އިލެކްޝަން ކޮމިޝަނުން ބާއްވަން މަސަތްކަތްކުރި ލޯކަލް ކައުންސިލް ތަކުގެ އިންތިހާބު ވަނީ ސިވިލް ކޯޓުގެ ހުކުމަކުން ފަސްކޮށް އެ އިންތިހާބު ބޭއްވެންދެން ކައުންސިލްތައް ދެމި އޮންނާނެ ކަމަށް ހުކުމް ކޮށްފައެވެ.