އައްޑޫ ސިޓީ ހިތަދޫގެ ކުނިގޮނޑުގައި އަލިފާން ރޯވެ، އަނދަމުން އެބަ ދެއެވެ.

އައްޑޫ ސިޓީއިން "ސަން"އަށް މައުލޫމާތު ދިން ފަރާތަކުން ބުނި ގޮތުގައި، ހިތަދޫއާއި މަރަދޫއާ ދެމެދު އޮންނަ ހިތަދޫގެ ކުނިގޮނޑުގައި ރޯވެފައި އޮންނަތާ ތިން ވަރަކަށް ދުވަސް ވެދާނެއެވެ.

އަދި އަލިފާންގަނޑު ބޮޑުވެ، އަނދަން ފެށީ މިރޭ 7:00 ހާ އިރު ކަމަށް "ސަން"އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އަދުނާން މުހައްމަދު ވިދާޅުވީ، ހިތަދޫ ކުނިގޮނޑުގައި އަނދަމުންދާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް އައްޑޫ ސިޓީގެ އެމްއާރުޑީސީއާ ގުޅިގެން ސިފައިން ކުރަމުން ގެންދާ ކަމަށެވެ.

"އެމްއާރުޑީސީއާ އެކު އެމްއެންޑީއެފުން އެކޮޅުގައި ހަރަކާތްތެރިވަމުން ދަނީ،" އަދުނާން ވިދާޅުވިއެވެ.

އަދުނާން ވިދާޅުވީ ކުނިގޮނޑު މީގެ ތިން ދުވަސް ކުރީއްސުރެ އަނދަމުންދާކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

އައްޑޫލައިވް ނޫހުން ބުނާ ގޮތުގައި، އެސަރަހައްދުން ބައެއް ތަކެތި ގޮވާ އަޑުވެސް މިއަދު އިވުނެވެ.