މީގެ ތިން މަސް ކުރިން ހއ. ދިއްދޫގައި ގުރޫޕަކުން ރޭޕްކޮށްލި ކަމަށް ބުނާ ކުޑަ އަންހެން ކުއްޖާ އިއްޔެ ސްކޫލަށް ނިކުތުމުން އެ ކުއްޖާ ސުކޫލަށް ނިކުތުމާ ދެކޮޅަށް ބަޔަކު އަޑު އުފުލާފައި ވާތީ ހެލްތު މިނިސްޓްރީން އެކަން ކުށްވެރިކޮށްފި އެވެ.

ހެލްތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގުރޫޕަކުން ބަދުއަޚްލާގީ ޢަމަލު ހިންގި ކަމަށް ބުނާ ކުއްޖާގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ތަހުގީގުކޮށް އެ ކުއްޖާ ސްކޫލަށް ނުކުތުމުގެ ހުއްދަދީ، އެ ކުއްޖާ ސްކޫލަށް ނިކުތުމުން އެ ރަށުގެ ބަޔަކު އެ ކުއްޖާ ސްކޫލަށް ނިކުތުމާ ދެކޮޅު ހެދުމުގެ ގޮތުން ސްކޫލް ދޮށަށް އެއްވެ ހަމަނުޖެހުންތައް ހިންގުމަށް ކުރި ޢަމަލުތަކާ މެދު އެ މިނިސްޓްރީން ކަންބޮޑުވާ ކަމަށް ބުނެފައިވެ އެވެ. އަދި އާންމުންގެ ފަރާތުން އެފަދަ ޢަމަލުތަކެއް ހިންގުމަކީ ކުށްކުރާ މީހުން، ކުށްކުރުން ތަކުރާރުކުރުމަށް ލިބިގެންދާނެ ހިތް ވަރެއް ކަމަށް އެ މިނިސްޓްރީން ދެކޭ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

މަދު ބަޔަކު ނަމަވެސް ހިންގި އެ ޢަމަލަކީ އެ އަންހެން ކުއްޖާގެ ހައްގަށް އެހެން ބަޔަކު އަރައިގަނެ، އަނިޔާތަކެއްދީ، އެކަމުގެ ނޭދެވޭ ޖިސްމާނީ އަދި ނަފްސާނީ އަސަރުތައް ކުއްޖާ ތަހައްމަލް ކުރަމުންދާ ދަނޑިވަޅުގައި ކުއްޖާ އަށް ލިބެން ޖެހޭ އިންސާނީ ހައްގަކުން މަހުރޫމުކޮށް، އިތުރު އަނިޔާތަކެއް ލިބިގެންދާ ކަމެއް ކަމަށް ހެލްތު މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކިވަރުގެ ފަރާތްތައް ރާއްޖޭގައި ހަރަކާތްތެރި ވަމުންދާ އިރު އެ ހާދިސާގައި އަނިޔާ ލިބުނު ކުއްޖާގެ ހައްގުގައި ވަކާލާތުކޮށް ކުއްޖާ އަށް އިންސާފާއި ހައްގު ހޯދައިދިނުމަށް އަޑުއުފުލާނެ ބަޔަކު ނެތީތީ ހިތާމަކުރާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ހެލްތުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ މި އަހަރުގެ އޭޕްރީލް މަހު ހިނގައި ދިޔަ ހާދިސާ ފުލުހުން ތަހުގީގު ކުރުމަށް ފަހު ވަކި ގޮތެއް ނިމެންދެން އަންހެން ކުއްޖާ ސްކޫލަށް ނުފޮނުވާ ބެހެއްޓުމަށް ދަރިވަރުގެ ބެލެނިވެރިންނަށް ސްކޫލަށް ވަނީ އަންގާފަ ކަމަށެވެ. އަދި އެ ފިޔަވަޅުގެ ސަބަބުން ގާނޫނީ ގޮތުން ލިބިގެންވާ އަސާސީ ހައްގުތަކުގެ ތެރެއިން އެކުއްޖާ މަހުރޫމްވަމުންދާތީ އެ ކުއްޖާ އަށް ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހެލްތު މިނިސްޓްރީން އެދިފައިވާނެ ކަމަށާއި އަންހެން ކުއްޖާގެ ކުށެއް ނެތް ކަމަށް ނިންމާ ދުވަހުން ފެށިގެން އެ ކުއްޖާ އަށް ސްކޫލަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެޑިއުކޭޝަނުން އެ ސްކޫލަށް ވެސް އަންގާފައިވާނެ ކަމަށް ވެސް ހެލްތުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރޭޕްގެ މައްސަލައާ ގުޅިގެން ސަސްޕެންޝަންގައި ހުރި 13 އަހަރަށްދާ އެ އަންހެން ކުއްޖާ ސުކޫލަށް ނެރުމަށް އެޑިޔުކޭޝަނުން އަންގައި އެ ކުއްޖާ ކިޔަވަން އިއްޔެ ނުކުތުމުން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ހައެއްކަ މީހަކު ނުކުމެ އިއްޔެ ހެނދުނު އެ ސުކޫލުގައި ވަނީ ތަޅުއަޅުވައިފަ އެވެ.

ރޭޕްގެ އެ މައްސަލައިގާ އެ އަންހެން ކުއްޖާ ސުކޫލް ބޯޑުން ސަސްޕެންޑް ކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް އަޕަނޯތު އެޑިޔުކޭޝަން ޔުނިޓު ހިންގުމާ ހަވާލުވެ ހުންނެވި ސްޕްރިޓެންޑެންޓް އޮފް އެޑިޔުކޭޝަން އިބްރާހިމް ރަޝީދު ވަނީ ވިދާޅުވެފަ އެވެ.

ބަޔަކު މީހުން އެ އަންހެން ކުއްޖާ ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގާ އެ އަންހެން ކުއްޖާ ސުކޫލުން ސަސްޕެންޑް ކުރުމުން އެ ކުއްޖާގެ ބެލެނިވެރިން ވަނީ އެ މައްސަލަ ހިއުމަންރައިޓްސް ކޮމިޝަނަށާއި އެޑިޔުކޭޝަން މިނިސްޓްރީ އަށް ވެސް ހުށަހަޅައިފަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ޚާއްސަ އުސޫލަކުން ޢަމަލު ކުރުމާ ބެހޭ ގާނޫނު ބުނާ ގޮތުން ކުޑަ ކުއްޖަކަށް ޖިންސީ ޢަމަލު ހިންގުމަށް ރުހުމެއް ނުދެވޭނެ އެވެ.