ސަރުކާރުގެ ހައްޖާއި އުމްރާ ގްރޫޕަށް މިއަދު ތިން އަހަރު ފުރުނު އިރު އެކުންފުނީގެ އަމާޒަކީ އެކުންފުނިން ދިވެހިންނަށް ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ވީހާވެސް ފުރިހަމަ ޚިދުމަތެއް ދިނުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް ވިދާޅުވެއްޖެ އެވެ.

ހައްޖު ކޯޕަރޭޝަނަށް ތިން އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ހޮޓެލް ޖެންގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެ ކުންފުނީގެ އުމުރުން ތިން އަހަރު ފުރުނުއިރު، އަދިވެސް ކުންފުނި އޮތީ ކުންފުނި އުފެއްދުމުގެ މަގްސަދު ހާސިލް ކުރުން މަތީ ދެމި ތިބެ ކަމަށެވެ. އަދި އެ ކުންފުނިން ދިވެހި ހައްޖާޖީންނާއި އުމްރާވެރީންނަށް ދެމުން އަންނަނީ ފެންވަރު ރަނގަޅު ފުރިހަމަ ޚިދުމަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަންގެ ތިން ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުރިމަގު ބައްޓަން ވެގެން ދާނީ ދިވެހި ރައްޔިތުންނަށް މިއަށްވުރެ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭ ފަދަ ގޮތަކަށް،" ޔާމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކުންފުނީގެ ޚިދުމަތްތައް ރައްޔިތުން ބަލައިގަންނަ ކަމީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އެ ޚިދުމަތް ދެގޮތެއް ނުވާ ގޮތުގެ މަތިން ދެވެމުން އައީ ދިވެހި ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަމުގެ ދަށުން ކަން ފާހަގަކުރައްވައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޝުކުރު ދަންނަވާފައެވެ.

ހައްޖު ކޯޕަރޭޝަންގެ ތިން ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެ ކޯޕަރޭޝަނަށް ތިން އަހަރު ފުރުނު އިރު ކުންފުނީގެ ދަށުން 2900 އަށްވުރެ ގިނަ މީހުން ހައްޖަށް ގޮސްފައިވެއެވެ.

އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ރައްޔިތުންނަށް މުހިއްމު ޚިދުމަތެއް ކަމަށެވެ. އަދި ރަށްފުށުގައި ދިރިއުޅޭ މީހުންނަށްވެސް ހައްޖަށްދާން ފައިސާ ދެއްކޭ ފަދަ ނިޒާމެއް ގާއިމް ކޮށްފައި އޮތުމަކީ ރައްޔިތުންނަށް ހުޅުވާލެވުނު ފަހި އަދި ފަސޭހަ ފުރުސަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިކަންކަން މިގޮތަށް ދާ ދިއުމުގައި ރާއްޖެއަށް ސައުދީ އަރަބިއްޔާއާ އޮންނަ ގާތް ގުޅުމަކީ އަޅުގަނޑުމެންނަށް ފާހަގަ ކުރެވިގެންދާ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަންގެ ތިން ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި، ސައުދީ އަރަބިއްޔާގެ އެމްބަސީއެއް ގާއިމް ކުރެވިފައި ހުރުމުން ދިވެހި ހައްޖުވެރިންނާއި އުމްރާވެރިންނަށް ފަސޭހަތަކެއް ލިބިގެން ދެއެވެ. އަދި އެކަން ތަސައްވުރު ކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަން އުފެދިގެން އައީ، ރާއްޖޭގައި ހަރަކާތްތެރިވި ބައެއް ހައްޖު އުމްރާ ގްރޫޕުތަކުން މީހުން ހައްޖަށް ގެންދަން ފައިސާ ނަގައި، އެފަރާތްތައް ހައްޖަށް ފޮނުވުމުގައި ނުކުޅެދުމުގެ ސަބަބުން ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. އެކުންފުނި އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އޭރުގެ އިސްލާމިކް މިނިސްޓަރު އަދި މިހާރު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އޭރުގެ އިސްލާމިކް މިނިސްޓަރުގެ ނައިބު ޑރ. މުނީޒާ އެވެ.