02 Apr 2017, 22:44
ސަރުކާރުން އިދިކޮޅު ފަރާތަތަކަށް ބިރު ދައްކާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރިއެވެ. ނަމަވެސް އެދުވަހުގެ ޖަލްސާއިން ފާސްވީ މަޖިލީހުގެ ރައީސްގެ އިތުބާރު އޮތް ކަމަށެވެ.
އެ ދުވަހު ނެގި ވޯޓަށް ފަހު އިދިކޮޅު ޕާޓީތަކުގެ ބައެއް މެންބަރުން ގެންދަނީ އެކިއެކި މައްސަލަތަކުގައި ފުލުހަށް ހާޒިރުކޮށް ބަޔާން ނަގަމުންނެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ބިރު ދައްކަމުންދާ ކަމަށެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތު ތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށެވެ. ބައެއް މެންބަރުން ފުލުސް އޮފީހަށް ހާޒިރު ކުރަނީ ޤާނޫނީ ހެކިތަކެއްގެ މައްޗަށް އެކުލެވޭ މައްސަލަތަކެއްގެ ތަހުގީގުތަކެއް ކުރުމަށް ކަމަށް ސަރުކާރުން ބުނެއެވެ.
ސަރުކާރުން ބުނަނީ އެފަދަ މައްސަލަތައް ތަހުގީހު ކުރުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށާއި ރާއްޖޭގެ ޝަރުޢީ ނިޒާމާއި، ފުލުހުންގެ މުއައްސަސާއަކީ، ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ، އަދި ސިޔާސީ ގޮތުންވެސް ބާރު ނުފޯރުވޭނެ ކަމަށެވެ.
"އިދިކޮޅު ފަރާތްތަކާ ދޭތެރޭ ނުޙައްޤުން ބާރު ހިންގޭނެކަމަށް، ނުވަތަ އެފަދަ އަމުރެއް ކުރެވިދާނެ ކަމަކަށްވެސް މި ސަރުކާރުގެ ވިސްނުމަކު ނެތް. އަދި ކުރީގެ ސަރުކާރުތަކުން އަމަލު ކުރެއްވި ފަދައިން، ޤާނޫނީ ގޮތުން ލިބިދީފައިވާ ބާރުގެ ބޭރުން އެއްވެސް ކަމެއް ނުކުރައްވާނެ،" ރައީސް އޮފީހުގެ ބައިނަލްއަގްވާމީ ތަރުޖަމާނު އިބްރާހީމް ޙުސައިން ޝިހާބު ވިދާޅުވިއެވެ.
ޝިހާބު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ޝައުގުވެރިވަނީ މީޑިއާތަކުގެ ސަމާލުކަން ހޯދައި ދެއްކުންތެރިކަން ދައްކަން ކަމަށާއި، އެފަދަ އަމަލުތަކުގެ ސަބަބުން ދައުލަތަށާއި، ދައުލަތުގެ މުއައްސަސާތަކަށް އިހުތިރާމް ކުޑަވެ، އިދިކޮޅު ފަރާތްތަކުގެ ޒިންމާދާރުކަން ކުޑަކަމަށް ފެންނަ ކަމަށެވެ. އަދި އެފަދަ އަމަލު ތަކުން ޤައުމުގެ ސިޔާސަތުތަކާއި، ޤަނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާމެދު ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމަށް މަގުފަހިވެ، ރައްޔިތުންނަށް ގެއްލުންވާ މިންވަރަށް ތެދު ހަގީގަތް އޮޅެމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.