02 Apr 2017, 22:35
މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޅ. އަތޮޅު ބުރުގައި ކުރެންދުއާ ނައިފަރު ވާދަކުރި މެޗު އެއްވަރުވެއްޖެއެވެ. ޅ. އޮޅުވެލިފުށީ ދަނޑުގައި ކުޅުނު އެ މެޗު އެއްވަރުވީ 2-2ގެ ނަތީޖާއަކުންނެވެ.
ނައިފަރާ ކުރެންދޫ މިއަދު ހަވީރު ބައްދަލު ކުރި މެޗުގެ ކުޅުން ދިޔައީ ވަރަށް ހަމަހަމަކޮށެވެ. ފުރަތަމަ 45 މިނިޓްގެ ތެރޭގައި އެއްވެސްޓީމަކަށް ލަނޑެއް ނުޖެހުނު އިރު ދެ ޓީމުގެ ގޯލްތައްވެސް ފެނިގެންދިޔައީ ފަހު ހާފުގައެވެ. އެންމެ ފުރަތަމަ ދެ ލަނޑު ޖަހައި ލީޑު ނެގީ ކުރެންދޫންނެވެ. އެޓީމަށް ގޯލްތައް ކާމިޔާބުކޮށްދިނީ ހުސައިން ޖިނާހު އާއި އަހުމަދު މިދާހު އެވެ.
ދެވަނަ ހާފުގެ ބޮޑުބައި މިނަތީޖާގައި ކުރެންދޫ އޮތްނަމަވެސް އެޓީމުގެ އުންމީދުތައް ފުނޑު ފުނޑުވެގެންދިޔައީ މައިދާން ސޯލިހު ނައިފަރަށް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނައިފަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އަލީ މުޚުތާރެވެ.
މި ދެޓީމުގެ ނަތީޖާ ހަމަހަމަވުމުން ފައިނަލަށް ދަތުރުކޮށްފައިވަނީ ނައިފަރު އަތުން ތިން ޕޮއިންޓް ހޯދި އޮޅުވެލިފުށްޓެވެ.
މިނިވަން ޗެމްޕިއަންޝިޕްގައި ޅ. އަތޮޅުން ބައިވެރިވެފައި ވަނީ ޖުމްލަ ތިން ޓީމެވެ.
މުބާރާތުގައި އޮޅުވެލިފުއްޓާ ދެކޮޅަށް ފައިނަލުގައި ނުކުންނާނޭ ޓީމެއް ކަށަވަރުވާނީ، މާދަމާ ކުރެންދުއާ އޮޅުވެލިފުށި ކުޅޭ މެޗަށް ފަހުއެވެ.