އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ކާލޮސް ޓެވޭޒް ކްލަބް ދޫކޮށްލަން ބޭނުންވާކަމަށް އަނެއްކާވެސް އޭނާ ބުނެފިއެވެ. މީގެކުރިންވެސް އެތައް ފަހަރަކު ޓެވޭޒްވަނީ ކުލަބް ދޫކޮށްލާނެ ކަމަށް މީޑިއާގައި ބުނެފަ އެވެ. މިފަހަރު ޓެވޭޒް އެހެން ބުނީ ކްލަބްގައި ޓެވޭޒް މަޑު ކުރާނެ ކަމަށް ކޯޗް މަންޗިނީ ބުނެފައި ވަނިކޮށެވެ.

"އަހަރެން މެންޗެސްޓާ ސިޓީން ވަކިވާން ބޭނުން. އަހަރެން ކްލަބުގެ ސަޕޯޓަރުންނަށާއި ވެރިޔާ ޝޭއިޚް މަންސޫރަށް އިޚްތިރާމްކުރަން. އެމީހުންވެސް އަހަރެންނަށް އިޚްތިރާމްކުރޭ. އަހަރެން އުންމީދުކުރުން ނިމިގެންދިޔަ 12 މަސްދުވަސްތެރޭ އަހަރެންނަށް ދިމާވި ދަތިތައް އެންމެންވެސް ގަބޫލުކުރާނެކަމަށް." ޑެއިލީ ނިއުސް އަށް ދިން އިންޓަވިއުއެއްގައި ޓެވޭޒް ބުންޏެވެ.


ސިޓީގެ ޗެއާމަން ޚަލްދޫން އަލް މުބާރަކް ބުނެފައި ވަނީ، ކުލަބް ދޫކޮށްލާނެ ކަމަށް ބުނެ ޓެވޭޒް ވާހަކަ ދައްކާފައިވާ ކަމަށާއި އެގޮތުން އޭނާ ކުލަބް ދޫކޮށްލަން ނިންމުމުގެ ފަހަތުގައި އާއިލާގެ ނިންމުންތަކެއްވާ ކަމަށެވެ.

އާއިލާއާއެކު ވަގުތު ހޭދަކުރުމަށާއި ގާތުގައި ހުންނަން ބޭނުންވާތީ ސިޓީން ވަކިވާން ބޭނުންވާ ކަމަށް ބުނެ ދައްކާ ސަބަބަކީ އޭނާ އަބަދުވެސް ގެންގުޅޭ ސަބަބެވެ.

"އަހަރެންގެ ދަރިންނާ ދުރުގައި މެންޗެސްޓާގައި އުޅެން ވަރަށް އުނދަގޫ. އަހަރެންގެ ހުރިހާކަމެއް ބިނާވެފައިވަނީ އަހަރެންގެ ދެ ކުދިން ކޭޓީއާއި ފްލޮރެންސިއާއެކު އަހަރެން ބޭނުމީ އެމީހުންނާ ގާތުގައި ގިނަ ވަގުތު ހޭދަކުރަން. އެކުދިންނަށް ހުރެވޭ ފަދަތަނަކު އަހަރެންނަށް ހުރެވޭނީ." ޓެވޭޒް ބުންޏެވެ.
ސިޓީގެ ކެޕްޓަން، ޓެވޭޒަށް ސިޓީގައި ލިބުނު ކާމިޔާބީތަކާއި ކްލަބަށް ހޯދައިދެވުނު ކާމިޔާބީއަށް ފަޚްރުވެރިވާވާކަމަށް ވެސް ޓެވޭޒް ބުންޏެވެ.

"އަހަރެންގެ ކެޕްޓަންކަމުގެ ދަށުގައި ޓީމަށް ހޯދައިދެވުނު ކާމިޔާބީތަކާއި އަހަންނަށް ލިބުނު ކާމިޔާބީތަކަށް އަހަރެން ފަޚްރުވެރިވަން. މެންޗެސްޓާ ސިޓީން ކުރިއަށް އޮތް ސީޒަންގައި ޗެމްޕިއަންސް ލީގުގައި ރަނގަޅު ކުޅުމެއް ދައްކާ ޕްރެމިއާ ލީގު ކާމިޔާބުކުރާނެ ކަމަށް އުންމީދުކުރަން،" ޓެވޭޒް ބުންޏެވެ.

ނިމިގެންދިޔަ ސީޒަންގައި ޕްރެމިއަރ ލީގުގައި އެންމެ ގިނަ ގޯލް ޖެހި ޓެވޭޒް ހޯދަން ރެއާލް މެޑްރިޑާއި ޔުވެންޓަސްއިން މަސައްކަތްކުރާ ރިޕޯޓްތައް ބުނެ އެވެ. މީގެއިތުރުން ދާދިފަހުން އިންޓަރމިލާންގެ އެޓޫއާއި ޓެވޭޒްއާއި ބަދަލުކުރުމަށް ވާޙަކަދެވެނު ކަމަށް މަންޗިނީ ވެސް ވަނީ ބުނެފަ އެވެ.