02 Apr 2017, 16:18
ދުބާއީ (އޭޕްރިލް 2): ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދުބާއީގެ ބުރުޖް ޚަލީފާ ކައިރީ ހަދަމުން އަންނަ އިމާރާތެއްގައި ރޯވެއްޖެ އެވެ.
ދުބާއީ ސަރުކާރުގެ މީޑިއާ އޮފީހުން ބުނި ގޮތުގައި މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރޯވެފައި ވަނީ ދި އެޑްރެސް ރެޒިޑެންސެސް ފައުންޓެއިން ވިއުސް ޓަވާސް ކިޔާ 63 ފަންގިފިލާގެ އިމާރާތެއްގަ އެވެ. އެ އިމާރާތުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް މީޑިއާ އޮފީހުން ބުނެ އެވެ.
މީގެ ކުރިން 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެސް ބުރުޖް ޚަލީފާ ކައިރީ ހުންނަ އިމާރާތެއްގައި ރޯވެފައިވެ އެވެ. އެ ހާދިސާގައި 16 މީހަކަށް އަނިޔާވި އެވެ.
މިއަދު ރޯވި ފައުންޓެއިން ވިއުސް ޓަވާސްގެ އިމާރާތަކީ 2015 ވަނަ އަހަރު ރޯވި އިމާރާތް ބިނާ ކުރި އެމާރު ޕްރޮޕަޓީސް އިން އިމާރާތް ކުރަމުންދާ ތަނެއް ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި އެއިމާރާތުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައި އޮތީ އަންނަ އަހަރުގެ އޭޕްރިލް މަހަށް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ފަހަކަށް އައިސް ދުބާއީގެ އިތުރުން ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ އެހެން ސިޓީތަކުގައި އަލިފާނުގެ ހާދިސާތައް ހިނގުން ވަނީ އާއްމުވެފަ އެވެ. އިމާރާތް ކުރުމާއި ސަލާމަތީ ކަންތައްތަކާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އެފަދަ ހާދިސާތައް އާއްމުވެފައި ވަނީ ހުޅުހިފާޒާތުގެ އެއްޗެހި އިމާރާތް ކުރުމަށް ބޭނުން ކުރުމުގެ ސަބަބުންނެވެ. (އަލްޖަޒީރާ)