02 Apr 2017, 16:04
އޯޓިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިންސްޓިޓިއުޓް އޮފް ކައުންސިލިން އެންޑް ސައިކޯ ތެރަޕީ (އައިސީޕީ) އިން ސްކްރީން ކުރާ ފަރާތްތަކަށް އެކަމަށް ދާ ޙަރަދުގެ ދެބައުކުޅަ އެއްބައި ހިލޭ ދިނުމަށް ނިންމައިފިއެވެ.
އެ ޕްރޮގްރާމް މިއަދު އިފްތިތާހު ކޮށްދެއްވީ އައިސީޕީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިސީޕީގެ މެނޭޖިން ޑިރެކްޓަރު ސިދާތާ ޝަރީފު ވިދާޅުވީ މީގެ ކުރިން ވެސް ވަރަށް ގިނަ ފަރާތްތަކަކުން އޯޓިޒަމްއަށް ސްކްރީންކޮށްފައިވާ ކަމަށާއި އަދި ތަފާސް ހިސާބްތަކަށް ބަލާއިރު އޯޓިޒަމްއަށް ސްކްރީން ކުރާ ފަރާތްތައް އަންނަނީ އިތުރުވަމުން ކަމަށެވެ.
އައިސީޕީން މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިދާތާ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު
"މިއީ އަޅުގަނޑުމެންގެ ސޯސަލް ރެސްޕޯންސިބިލިޓީގެ ތެރެއިން ފެށި ޕްރޮގްރާމެއް. މިމަހުގ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ދަށުން އޯޓިޒަމް ސްކްރީނިން 50 ޕަސެންޓް ފްރީ ވާނެ،" ސިދާތާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އައިސީޕީއާ އެންމެ ގާތުން މަސަތްކަތްކުރާ އިމާދުއްދީން ސްކޫލާއި އަމީނިއްޔާ ސްކޫލްގެ އިތުރުން އޯޓިޒަމް އެސޯސިއޭޝަނުން ކަނޑައަޅާ ކުދިންނަށް ހިލޭ ސްކްރީން ކުރުމުގެ ފުރުސަތު ދީފައިވާނެ ކަމަށެވެ.
އައިސީޕީން ބުނީ މާލެ ފިޔަވައި ދެން އެންމެ ގިނަ އަދަދަކަށް އޯޓިޒަމް ކުދިން އުޅޭ ކަމަށް ރިކޯޑް ކުރެވިފައިވާ އައްޑޫ ސިޓީއަށް މި މަހުގެ 15 އަދި 16 ގައި ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ދަތުރުގައި ހިތަދޫގައި ހުންނަ އައިސީޕީގެ އައިއެމްޑީސީ މަލްޓި ސްޕެސަލްޓީ ހޮސްޕިޓަލުން ހިދުމަތް ދިނުމަތް ހަމަޖެހިފައިވާ ކަމަށެވެ.