02 Apr 2017, 15:12
ވޮޝިންޓަން (އެޕްރީލް 2) : އެމެރިކާގެ މީޑިއާއަކީ ދޮގު ޚަބަރު ފަތުރާ މީޑިއާއެއް ކަމަށާއި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތެރެއަށް ރަޝިޔާ ނުފޫޒު ފޯރުވިކަމަށް ބުނެ އެކަމުގައި ވެސް އެމެރިކާގެ މީޑިއާ ހަދަމުން ގެންދަނީ ދޮގުކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރައްވައިފި އެވެ.
ޓްރަމްޕް ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތެރެއަށް ރަޝިޔާ ނުފޫޒު ފޯރުވިކަމަށް ބުނެ އެމެރިކާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ދޮގުހެދުމުގެ އިތުރުން އެކަން އަދަޔާ ޚިލާފަށް ބޮޑުކޮށްލުމުގެ ފަހަތުގައި ވެސް ވަނީ އެމެރިކާގެ މީޑިއާކަމުގަ އެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ރިޔާސީ ކެންޕޭންގެ ދުވަސްވަރު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރްސަތު އޭނާއަށް ނެތްކަމަށް ބުނެ ވެސް އެމެރިކާގެ މީޑިއާ އިން ފާޑުފާޑުގެ ވާހަކަތައް ފެތުރިކަމަށާއި ނަމަވެސް ރިޔާސީ އިންތިޚާބުގެ ނަތީޖާ ދިޔައީ އެފަރާތްތައް ލަފާކުރި ގޮތާ މުޅިން ޚިލާފަށް ކަމުގަ އެވެ. ޓްރަމްޕަކީ ރިޔާސީ ކޭންޕޭންގެ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ވެސް އެމެރިކާގެ މީޑިއާ އަށް ވަރަށް ގިނައިން ބަހުގެ ޙަމަލާތައް ދެއްވާ ބޭފުޅެކެވެ.
ޓްރަމްޕް އެމެރިކާގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު މިދިޔަ ފެބްރުއަރީ މަހު ވައިޓް ހައުސް ބޭއްވި ނޫސްކޮންފަރެންސަކަށް އެމެރިކާގެ އެމެރިކާގެ މީޑިއާގެ ވަސީލަތްތަކުގެ ތެރެއިން ނިޔުޔޯކް ޓައިމްސް އާއި ސީއެންއެން ފަދަ މަޝްހޫރު އެތައް ވަސީލަތްތަކެއް ވެއްދުން ޓްރަމްޕްގެ އަމުރަށްވަނީ މަނާކޮށްފަ އެވެ. މިމައްސަލާގައި ވައިޓް ހައުސްއާ ދެކޮޅަށް އެމެރިކާގެ ނޫސްވެރިންގެ ބައެއް ޖަމްއިއްޔާތަކުންވަނީ އިހްތިޖާޖްކޮށްފަ އެވެ. އިޙްތިޖާޖްކުރި ނޫސްވެރިންގެ ޖަމްއިއްޔާތަކުން ނެރުނު ބަޔާންތަކުގައި ބުނެފައި ވަނީ މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދައުވާކުރާ އެމެރިކާއަށް ކުރިމަތިވި ބޮޑު ލަދުވެތިކަމެއް ކަމަށާއި މިކަމުގެ ސަބަބުން އެމެރިކާގެ ނޫސްވެރިކަން ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ ނޫސްވެރިކަމަށް ވުރެ އެތައް ގުނައެއް ފަހަތަށްގޮސްފި ކަމުގަ އެވެ.
މިދޔަ ފެބްރުއަރީ މަހުގެ 24ގައި ވައިޓް ހައުސްގައި ބޭއްވި ނޫސް ކޮންފަރެންސަކަށް ވަނުން މަނާކުރި އެމެރިކާގެ ޚަބަރު ފަތުރާ ވަސީލަތްތަކުގެ ތެރޭގައި ނިޔުޔޯކް ޓައިމްސް އާއި ސީއެންއެން އާއި ޕޮލިޓިކޯ މަޖައްލާއާއި އެނޫން ވެސް ޓްރްމްޕާ ދެކޮޅަށް ފާޑުކިޔާ އެމެރިކާގެ އެތައްް ނޫހަކާއި ޓީވީ ޗެނެލްތަކެއް ހިމެނެ އެވެ. މިކަމާގުޅިގެން އެ ފަރާތްތަކުން ގެންދަނީ ވައިޓް ހައުސްގައި ބާއްވާ ނޫސް ކޮންފަރެންސްތައް ބޮއިކަޓް ކުރަމުންނެވެ. (އަލްޖަޒީރާ)