05 Jul 2011, 12:25
މޯލްޑިވްސް ފިލްމް އެސޯސިއޭޝަނުން އަލަށް ތައާރަފްކުރި މޯލްޑިވްސް ފިލް އެވޯޑް 2011 ގައި 12 އެވޯޑާއެކު އެންމެ މޮޅު ފިލްމުގެ މަގާމު ޑާކްރެއިން އެންޓަޓެއިންމަންޓްގެ "ހެޕީބާތްޑޭ" ހޯދައިފި އެވެ.
އެންޝޯންޓާ ފިލްމް އެވޯޑްގައި ހެޕީބާތްޑޭއަށް ފީޗާ ފިލްމުގެ ބައިން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް މުއުމިން ފުއާދަށް ލިބިފައިވާއިރު އެންމެ މޮޅު ބަތަލުގެ އެވޯޑް ލިބިފައިވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އަށެވެ. މިއީ މިފަދަ ފިލްމް އެވޯޑެއް ޔޫއްޕެ ޖެހިޖެހިގެން ހާސިލް ކުރި ތިން ވަނަ ފަހަރެވެ.
"ހެޕީބާތްޑޭ" އިން އެންމެ މޮޅު ސައުންޑް މިކްސިން އެވޯޑާއި އެންމެ މޮޅު ސައުންޑް އެޑިޓިން އެވޯޑު އަދި އެންމެ މޮޅު އެޑިޓިންގެ އެވޯޑް ވެސް ލިބިފައި ވަނީ އަލީ ޝިފާއު އަށެވެ. އެންމެ މޮޅު އާޓް ޑިރެކްޓާގެ އެވޯޑް މުއުމިން ފުއާދާއި އަލީ ޝިފާއު ގެންދިޔައިރު އެންމެ މޮޅު ސިނެމޮޓޯގްރަފީ އެވޯޑާއި އެންމެ މޮޅު އޮރިޖިނަލް ސްރީން ޕްލޭ އެވޯޑް ވެސް ލިބިފައިވަނީ މުއުމިން ފުއާދަށެވެ. އަދި އެންމެ މޮޅު އޮރިޖިނަލް ސްކޯ އެވޯޑް އަބްދުލް ބާސިތާއި ޝާޒް ސަޢީދަށް ލިބުނު އިރު އެންމެ މޮޅު ކޮސްޓިއުމް އެވޯޑް އިބްރާހިމް އަލީ އާއި އައިމިނަތު ހަސަން ގެންދިއަ އެވެ. އެންމެ މޮޅު އަމިއްލަ ރާގުގެ އެވޯޑުގެ އަރާމު އެލަވައިން މުހައްމަދު ފުއާދުއަށް ލިބުނީ ވެސް ހެޕީބާތްޑޭއިންނެވެ.
ފީޗާ ފިލްމުގެ ބައިން މުހިންމު ގިނަ އެވޯޑްތަކެއް ހެޕީބާތްޑޭ އިން އުފުލައިލި އިރު އެންމެ މޮޅު ކުރު ފިލުމްގެ އެވޯޑް ލިބުނީ އަހުމަދު ފަލާހުގެ "ފަގީރުކޮއި" އަށެވެ. އެބައިން އެންމެ މޮޅު ބަތަލާއަކަށް ޝީލާ ނަޖީބު އަދި އެންމެ މޮޅު ބަތަލަކަށް ހޮވުނީ މުހައްމަދު އަބްދުﷲ )މުހައްމާ( އެވެ. ކުރު ފިލްމުގެ ބައިން އެންމެ މޮޅު ޑިރެކްޓަރަކަށް ހޮވިފައިވަނީ ފަގީރުކޮއިގެ ޑައިރެކްޓާ އަހުމަދު ފަލާހެވެ.
ފީޗާ ފިލްމް ކެޓަގަރީން އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިފައިވަނީ ޔޫސުފް ގައި އަދާކުރި ރޯލުން ނިއުމާ މުހައްމަދަށެވެ. އަދި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ޝީލާ ނަޖީބަށް ލިބިފައިވާއިރު އަލަށް ނުކުތް އެންމެ މޮޅު ސަޕޯޓިން ބަލުގެ އެވޯޑް ލިބިފައިވަނީ ފިލްމް "ހިތްރޮއްވާ ނުލާ" އިން އަބްދުﷲ މުއާޒު )މުއާ( އަށެވެ. އަދި ބެލުންތެރިންގެ އެންމެ މަގުބޫލް ފިލްމަކަށް ހޮވިފައިވަނީ ފާތުމަތު ނަހުލާގެ ޔޫސުފެވެ.
އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގޭ އެވޯޑް ފިލްމް ހަލާސްގެ "ހާދަދަހިވެތި ބެލުމެކޭ" އެ ލަވައިން މަރިޔަމް އުނޫޝާއަށެވެ. ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑް ޔޫސުފްގެ "ހައިރާންވާހާ ޗާލޭ ތިލޯ" އެލަވައިން މުހައްމަދު އަބްދުލް ޣަނީ )ތޭރަވާ( އަށެވެ. ކޮރިއޮގްރަފާ އެވޯޑް ފިލްމް އަލީ ޝީޒަނަށެވެ. ލީރިކްސްގެ އެވޯޑް މައުސޫމް ޝާކިރަށް ލިބުނު އިރު މޭކަޕް އާޓިސްޓްގެ އެވޯޑް ހޯދީ މުހައްމަދު މަނިކެވެ. އެންމެ މޮޅު ކުޑަ ކުއްޖާގެ އެވޯޑާއި އެންމެ މޮޅު ޑެބިއުޓް އެވޯޑް ފިލްމް ޔޫސުފް އިން އަހުމަދު ލައިސް އާސިމް ވަނީ ގެންގޮސްފަ އެވެ.
އެވޯޑް އެހްފަލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވީ ގިނަ ދުވަސްތަކެއް ވަންދެއް އެދާއިރާގައި ހިދުމަތްކޮށްދެއްވަމުން އަންނަ ރޯނު ހަސަން މަނިކަށެވެ. އެ އެވޯޑް އެނާއަށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.
މުނިފޫހިފިލުމުގެ ހަރަކާތްތަކާއެކު ރޭ ބޭއްވި ހަފްލާގާއި ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޔާނާ އާއި އާމިރު ހާންގެ ފިލްމް ގަޖްނީގެ ލަވަކިޔުންތެރިޔާ ބެންނީ ޑަޔާލްވެސް ބައިވެރިވި އެވެ. އަދި ރޭގެ އެ ހަފްލާގައި މެނީޑަޔާލްގެ ޝޯ އެއް ވަރަށް އަވަހަށް މާލޭގައި ބާއްވާނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.