02 Apr 2017, 14:15
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބޮލީވުޑު ލަވަތަކަށް ލޯބިކުރާ ފަރާތްތަކަށް ހުޅުވާލައިގެން ސްޓާ ޕްލަސް އިން ކުރިއަށް ގެންދިޔަ މިޔުޒިކް ރިއަލިޓީ ޝޯވ 'ދިލް ހޭ ހިންދުސްތާނީ' ގެ ޓައިޓްލް، އޮމާންގެ ހައިތަމް މުހައްމަދު ރަފީ ހޯދައިފި އެވެ.
ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މުބާރާތުގެ ފައިނަލް ހައިތަމް ކާމިޔާބު ކުރީ ބަރްނާލީ އެންޑް ޔޫފަނީ ގްރޫޕް އާ ވާދަކޮށްގެންނެވެ. މުބާރާތުގެ ތިންވަނަ ލިބުނީ މަންމަ އަދި ދަރިފުޅު ޑުއޯ އަށެވެ.
ހައިތަމް ވަނީ އޭނާގެ ލަވަކިޔުމުގެ ތަފާތު ސްޓައިލް އާއި ރީތި އަޑުން އެތައް ބައެއްގެ ހިތްތައް މިލްކު ކޮށްފަ އެވެ. ހައިތަމް ވަނީ އިންޑިއާގެ ރައްޔިތުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭނާ އަށް ލިބުނު ތަރުހީބަށް ޝުކުރު އަދާކޮށްފަ އެވެ.
"އަހަރެންގެ ހަޔާތުގައި ލިބުނު ކާމިޔާބީތަކަށް ވަރަށް ބޮޑަށް ހަމްދު ކުރަން. ދުވަހަކު ވެސް ހިތަކަށް ވެސް ނާރާ އޮމާން އަށް އުފަން އާދައިގެ މީހަކު، އޭނާގެ ވަޒީފާ ދޫކޮށްލާފައި ލަވަކިޔުންތެރިއަކަށް ވުމުގެ އުންމީދުގައި އައުމުން މިހާ ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު ލިބޭނެ ކަމަކަށް. ޚާއްސަކޮށް އިންޑިއާ ރައްޔިތުންގެ ފަރާތުން ލިބުނު ލޯތްބާއި ތަރުހީބަށް ޝުކުރު އަދާކުރަން،" ހައިތަމް ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ދިލް ހޭ ހިންދުސްތާނީގައި ހައިތަމް ބައިވެރިވީ އޭނާ އަދާކުރަމުން ދިޔަ ޕާސަނަލް ބޭންކަ އެއްގެ ވަޒީފާ ދޫކޮށްލުމަށް ފަހު އެވެ.
ހައިތަމް އަށް ވަނީ 25 ލައްކަ އިންޑިއަން ރުޕީޒްގެ ފައިސާގެ އިނާމުގެ އިތުރުން ޝޯވ ގެ ޓްރޮފީ ރޭ ހަވާލުކޮށްފަ އެވެ.
ޝޯވގެ ޖަޖުންގެ ޕެނަލުގައި ހިމެނެނީ ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު އާއި މިޔުޒިކް ޑިރެކްޓަރު ޝޭކަރު ރާވްޖިއާނީ އާއި، ލަވަކިޔުންތެރިޔާ ބާދްޝާހް އަދި ޝަލްމަލީ އެވެ.
އެ ޝޯގައި އިންޑިއާ، ރަޝިޔާ، އެމެރިކާ، އޮމާން ފަދަ ގައުމުތަކުން މީހުން ވަނީ ބައިވެރިވެފަ އެވެ.