ތިއޭޓަރ މިރާޖް އާއި އޯކޭޒް އިންކް ގުޅިގެން އުފައްދާފައިވާ ފިލްމު "އިލް ނޮއިސް" މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ޕްރިމިއަރ ކުރަން ނިންމާފިއެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ޝްވެކް ސިނަމާގައި ރިލީޒް ކުރުމަށް ކުރިން ނިންމާފައިވާ "އިލް ނޮއިސް" ރިލީޒްކުރާ ތާރީޚަށް ބަދަލުގެނެސްފައިވަނީ ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ ހުމާއި ރޯގާގެ ސަބަބުންނެވެ.

އެޑްވާޑް ބެނެވިކް ނަމަކަށް ކިޔާ މީހަކަށް ޖެހިފައިވާ ބައްޔެއް ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ އެ ފިލްމު މި މަހުގެ 27 ވަނަ ދުވަހު ރިލީޒް ކުރާނެ ކަމަށް އިއުލާން ކޮށްފައިވަނީ ރޭ ލެކިއުޓްގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.

"އިލް ނޮއިސް" ގެ ފޯސްޓަރެއް---

އެފިލްމު އަޅުވާނެ ތާރީޚު އިއުލާން ކުރުމަށް ބޭއްވި ހަފްލާގައި ވަނީ ޓީވީއެމްގެ ހޭޔަންބޯ ޕްރޮގްރާމްގައި ރިލީޒް ކުރި "އިލް ނޮއިސް" ގެ ޓްރެއިލާ ވެސް ދައްކާލާފައެވެ.

އަހުމަދު މައުރޫފް ޖަމީލުގެ ސްކްރީންޕްލޭ އަކަަށް އިސްމާއީލް ނިހާދު ޑައިރެކްޓް ކޮށްފައިވާ "އިލް ނޮއިސް" ގެ ޝޯތައް އަޅުވަން ފެށުމާއި ހަމައަށް ރޭ ބޭއްވި އިވެންޓްގެ ކޮންމެވެސް ކުލައެއް ލެކިއުޓްގައި އާޓްޕީސްއެއްގެ ގޮތުގައި ބެހެއްޓިފައި ހުންނާނެއެވެ. އަދި އެ ހިތްގައިމު އާޓްޕީސްތައް ބަލާލަން ލެކިއުޓަށް ޒިޔާރަތް ކޮށް ލުމަށް އެ ފިލްމުގެ ޓީމުން އެދެއެވެ.

ރޭ ބޭއްވި އިވެންޓްގައި "އިލް ނޮއިސް" ގެ ޓީމުން ވަނީ މޯލްޑިވިއަން އަދި އޮނާސް ރެސިޑެންސް އާ ގުޅިގެން ފޭސްބުކްގައި ފެށިގެން ކުރިއަށް ގެންދާ ޝެއާ އެންޑް ވިން ޕްރޮމޯޝަން ގެ ޑެޑްލައިން ވެސް އިތުރު ކޮށްފައެވެ. އެ ޕްރޮމޯޝަނުން ހޮވޭ އެއްފަރާތަކަށް މޯލްޑިވިއަންގެ ފަރާތުން ލ. ގަމަށް ދެކޮޅު ޓިކެޓާއި ލ. އަތޮޅު އޮނާސް ރެޒިޑެންސް ގެސްޓް ހައުސް ގައި ދެ މީހަކަށް ހަތަރު ދުވަހުގެ ފުލްބޯޑް އެކަމަޑޭޝަން ލިބޭނެ ކަމަށް ފިލްމުގެ ޓީމުން ބުންޏެވެ.

"އިލް ނޮއިސް" ގެ ޓްރެއިލާ---

މުހައްމަދު މުންތަސިރް (މުންކޮ) ޕްރޮޑިއުސްކޮށް އެކްޓް ވެސް ކޮށްފައިވާ "އިލް ނޮއިސް" ވަނީ މީގެ ކުރިން ސްޓޭޖް ޑްރާމާއެއްގެ ގޮތުގައި ގެނެސްދީފައެވެ. އަދި ފިލްމުގެ ޓީމުން ދަނީ އެ ފިލްމު މާލެ އާއި އެއްކޮށް އަވަށްޓެރި ހަތަރު ގައުމެއްގައި އަޅުވަން ތައްޔާރުވަމުންނެވެ. އެޓީމުގެ އަމާޒަކީ "އިލް ނޮއިސް" ބޭރު ދުނިޔޭގައިވެސް ކާމިޔާބީ ހޯދުމެވެ.

އެ ފިލްމުގައި މުންކޮ އާ އެއްކޮށް ދެން ފެނިގެންދާނީ އަހުމަދު އަލަމް ގެ އިތުރުން ޝަމްއަތު އިބްރާހީމެވެ. އެއީ މުންކޮގެ ފުރަތަމަ ފީޗާ ފިލްމެވެ.