02 Apr 2017, 12:31
"އުނދަގޫ ވޭ، ބުނެދޭން ދަތިވޭ، ހާލަތު މީ ދެނެގެން މީ އަހަރެންގެ ހާލު ކަން، އެހީ ވާނުހޭ..،" މިއީ އެ ބަލި ތަހައްމަލު ކުރަމުންދާ ކުދިންނަށް ކުރެވޭ އިހުސާސްތަކުގެ ވަރަށް ކުޑަ މިންވަރެކެވެ. އަޅުގަނޑުމެންނަށް ފެންނަ އަދި ގަބޫލު ކުރެވޭ ގޮތެވެ. ނަމަވެސް އެ ކުދިންނަށް ކުރެވޭ އިހުސާސް އަޅުގަނޑުމެންނަށް ފުރިހަމަ އަށް ތަސައްވަރު ކުރެވޭ ނަމަ ޔަގީން ހިތް ފުނޑުފުނޑުވާނެ އެވެ.
ރޯން އިންނަ ތަން ފެނިދާނެ އެވެ. ނަމަވެސް ކީއްވެ ކަމެއް ނޭނގޭނެ އެވެ. ރުޅި އައިސްދާނެ އެވެ. ވީ ކީއްކަމެއް ނޭނގޭނެ އެވެ. ހަގީގަތުގައި އެހެން އެވަނީ ބުނެދޭން އުޅޭ އެއްޗެއް ބުނެދިނުމަށް އުނދަގޫ ވެގެންނެވެ. ގައިމު އެކުދިންގެ ހިތަށްވެސް އަރާނެ އެވެ.
"ފެންނާނެ ނަމައޭ މި ދެ ލޮލުން ދުނިޔެ އެންމެނަށް. މި އިހުސާސްތައް އޭރުން ކުރެވޭނެޔޭ،"
އޯޓިޒަމަކީ ހެދި ބޮޑުވުމުގައި ހުންނަ އުނިކަމެކެވެ. އެއީ އުފަންވުމުގައި ދިމާވާ މައްސަލައެކެވެ. ސިކުނޑީގެ ނާރުތަކަށް ދިމާވާ ހާލަތެއްގެ ސަބަބުން ކުއްޖާގެ ވާހަކަ ދެއްކުމާއި އެހެންކުދިންނާ ގުޅިގެން އުޅުމާއި އެހެން މީހުންނަށާއި ކަންކަމަށް ސަމާލުކަން ދިނުމުގައި އުނދަގޫ ތަކެއް ކުރިމަތިވެ އެވެ. ނަތީޖާއެއްގެ ގޮތުން ކުއްޖާގެ އުޅުމަށް ބަދަލުތަކެއް އާދެ އެވެ.
މި ބަލި ކޮންމެ 100 ކުއްޖެއްގެ ތެރެއިން އެކަކަށް ޖެހޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

އޯޓިޒަމް ކުދިންނަށް އެހީވެދިނުމާއި އެކަމަށް ހޭލުންތެރި ކުރުވުމަށް މާލޭގައި ބޭއްވި ހިނގާލުމެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ
އޯޓިޒަމް ހުންނަ ކުއްޖަކު ދަނެގަންނާނީ ކިހިނެއް؟
އޯޓިޒަމް ޖެހިފައި ތިބޭ ކުދިންގެ އެއް ހާއްސަ ސިފައަކީ ބޮޑާހޭކުމާއި އަޑުގަދަކުރުމާއި އަމިއްލައަށް އަނިޔާ ދިނުމެވެ. މިއީ އެ ކުދިންގެ ތަބީއީ ސިފައެކެވެ.
އޯޓިސްޓިކް ކުއްޖެއް ނަމަ ވަށްކޮށް ހުންނަ ކުޅޭ އެއްޗެއްސަށް ސަމާލުކަން ދޭނެ އެވެ. ނުވަތަ ކުޅޭ އެއްޗެހި އަނބުރާ ހަދާނެ އެވެ. ބައެއް މަސައްކަތްތައް ރަނގަޅަށް ކުރެވުނު ނަމަވެސް މީހުންނާ ގުޅިގެން އުޅެން އުނދަގޫ ވާނެ އެވެ. އަދި އާއިލީ އެއްވުންތަކުގައި ވެސް ބޮޑު މީހަކު ވަރަށް އާދޭސްކޮށްގެން ނޫނީ އެއްކޮށް ނޫޅޭނެ އެވެ.
ފަރުވާކުރުމުން ރަނގަޅުވޭ
އޮޓިޒަމަކީ އެހެން ނުކުޅެދުންތެރިކަމާ ހިލާފަށް ފަރުވާކުރެވިދާނެ ކަމެކެވެ. އުމުރުގެ ކުރީކޮޅު ދެވޭ ފަރުވާއިން އޮޓިޒަމް ޖެހިފައި ތިބި ކުދިން ރަނގަޅުވެފައި އެބަތިއްބެއެވެ. އަދި އާލީ އިންޓަވެންސަންގެ ތެރެއިން ތިންބައި ކުޅަ އެއްބައި ކުދިން ރަނގަޅުވާ ކަމަށް ދިރާސާތަކުން ދައްކައެވެ. ގިނަ ކުދިންނަކީ ބޭރު ފުށުން އެއްވެސް އުނި ސިފަ ފެންނަން ނުހުންނަ، ވިސްނުމުގެ ގޮތުން އެ އުމުރުގެ އެހެން ކުދިންނެކޭ އެއްފަދަ ބަޔެކެވެ.
އޯޓިޒަމަކީ ބައްޔަކަށްވުރެ ބޮޑަށް ގުދުރަތީ ގޮތުން ކުދިންނަށް ދިމާވެފައިވާ އުނި ކަމެކެވެ. ބައްޔަކީ އެބައްޔަށް ބޭސް ކައިގެން ރަނގަޅުކުރެވޭ ބައްޔެކެވެ. އޯޓިޒަމަކީ ބިހޭވިއަރަލް ޗޭންޖެކެވެ. މިސާލަކަށް ބައެއް ކުދިންނަކީ ކަންކަން އުނދަގުލުން ދަސްކުރާ ބައެކެވެ. ބައެއް ކުދިންނަކީ ވަރަށް ތޫނުފިލި ކުދިންނެވެ. އަނެއްބައި ކުދިންނަކީ ވަރަށް ރުޅިގަދަ ކުދިންނެވެ. ގޮތް ދޫނުކުރުމުގެ ސިފަ ހުންނަ ކުދިންނެވެ. މިކުދިން ފެތޭނީ މިބާވަތުގެ އުނިކަމަކަށެވެ. ބިހޭވިއަރަލް ތެރެޕީ ދީގެން މިކަންކަން ރަނގަޅު ކުރެވިދާނެ އެވެ.
އެހެން ކަމުން ވީހާވެސް އަވަހަށް މިބަލި ހުރިތޯ ބަލައި، ކުއްޖާއަށް ފަރުވާ ދިނުމަކީ އެންމެ ރަނގަޅު ގޮތެވެ. ކުއްޖާގެ އުމުރުން 3 އަހަރުވުމުގެ ކުރީގައި މި ބަލި ޑައިގްނޯސް ކުރެވޭނެއެވެ.
އެ ކުދިންގެ ތަރުބިއްޔަތާ ގުޅުވައިގެން އެއްޗެތި ނުބުނުމަށް އެހެން މީހުން ސަމާލުކަން ދޭންޖެހެއެވެ. އޯޓިޒަމް އަވަހަށް ދެނެގަތުމާއި އޭގޭ ފަރުވާ ކުރިން ފެށުމަކީ މި ކަމަށް އޮތް އެންމެ ބޮޑު ހައްލެވެ.
ރާއްޖޭގައި މިހާރުވެސް މިފަދަ ކުދިންނަށް ފަރުވާ ހޯދައިދޭ މަދަރުސާތައް އެބަ ހުއްޓެވެ. ޑޮކްޓަރުން ވެސް އެބަ ތިއްބެވެ. ނަމަވެސް އެންމެ އެދެވޭ ގޮތެއްގައި އެތަންތަނުން ޚިދުމަތެއް ނުލިބެ އެވެ. ގިނަ ފަހަރު ކުދިންނާ މެދު އިހުމާލު ވެވެނީ އެވެ. މިފަދަ ކުދިންނަކީ މުޖުތަމައުގައި އުޅޭ އެހެން ކުދިންނެކޭ އެއް ފަދައިން އަމަލު ކުރުމަށްޓަކައި ސަރުކާރުގެ ދައުރު މުހިއްމެވެ. ފަރުވާ ދިނުމަށް ވަސީލަތްތައް ގާއިމުކުރުމާއި އެކަމަށް މަގުފަހިކޮށްދިނުމެވެ. އެއީ ސަރުކާރުގެ މަސްއޫލިއްޔަތެކެވެ.