ގދ. ތިނަދޫގައި ފުލުސް ވޭނަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ޒަޚަމްވެ، ކަނދުރާ ބިނދުމަށްފަހު ކޯމާއެއްގައި އޮތް މީހާ އަށް ސްރީލަންކާގައި އިތުރު ފަރުވާ ދެމުން ދަނިކޮށް މަރުވުމާއި ގުޅިގެން އެ އާއިލާގެ ކިބައިން ފުލުހުން މަޢާފަށް އެދިއްޖެ އެވެ.

މިދިއަ އާދީއްތަ ދުވަހު ތިނަދޫ ބޮޑު މަގަކުން ދުއްވާފައި ދިޔަ ސައިކަލަކާ ފުލުހުންގެ ވޭނެއް ޖެހި ހިނގި އެކްސިޑެންޓްގައި ޒަޚަމްވި އެ ރަށު ބްރޯން، މޫސާ މަނިކު،32، އަށް އިތުރު ފަރުވާ ދެމުން ދަނިކޮށް މަރުވީ މިއަދު ހެނދުނު 7:00 ޖެހި އިރު އެވެ.

މޫސާ މަނިކުގެ މަރާ ގުޅިގެން މަޢާފަށް އެދި ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެކްސިޑެންޓްގެ ސަބަބުން މޫސާ މަނިކަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާތީ އޭނާގެ އާއިލާގެ ކިބައިން މުޅި ފުލުހުންގެ މުއައްސަސާގެ ފަރާތުން މަޢާފަށް އެދޭ ކަމަށެވެ. އަދި އެ ހިތާމައިގައި ހުރިހާ ފުލުހުން ބައިވެރިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
"އަލްމަރުހޫމް މޫސާ މަނިކުގެ ޢާއިލާއަށް ކުރިމަތިވި މިހިތާމައިގައި މުޅި ފުލުހުންގެ މުއައްސަސާ ބައިވެރިވާ ހާލު، އެ ޢާއިލާއަށް ކެތްތެރިކަން ދެއްވައި މަރުހޫމު މޫސާ މަނިކަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ،" ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

މި ހާދިސާ އިންސާފުވެރި ކަމާއެކު ބަލައި ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ވެސް މޫސާ މަނިކުގެ އާއިލާއަށް ފުލުހުން ދީފައި ވެއެވެ.

ފުލުހުން ނޫސް ބަޔާނެއް ނެރުނީ މި އެކްސިޑެންޓްގެ ޒިންމާ ފުލުހުން އުފުލަން ޖެހޭނެ ކަމަށް އާއިލާއިން ބުނެފައި ވަނިކޮށެވެ.
ނަމަވެސް އެކްސިޑެންޓްގެ ޒިންމާ ނެގުމާ ގުޅޭގޮތުން މިހާތަނަށް ރަސްމީކޮށް ފުލުހުން އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެ އެވެ. އަދި އެކަމާ ގުޅިގެން ވަކި އެއްޗެއް ފުލުހުންގެ ފަރާތުން އަދި ބުނަން ބޭނުންނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ތިނަދޫގައި ދުއްވި ފުލުހުންގެ ވެހިކަލަކާ މޫސާ މަނިކު ދުއްވި ސައިކަލް ޖެހި އާދިއްތަ ދުވަހު ހިނގި އެކްސިޑެންޓްގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު މޫސާ މަނިކަށް ފަރުވާ ދޭން ލަންކާއަށް ގެންދިޔައީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު އެވެ. އޭނާ މަރުވީ ސިކުނޑީގައި ހުރި ސެލްތައް މަރުވެ، ސިކުނޑި މަސައްކަތް ނުކޮށްގެން ކަމަށް ވެއެވެ. އެކްސިޑެންޓްގައި ޒަހަމްވި މޫސާ މަނިކުގެ ކަނދުރާ ބިނދުމުގެ އިތުރަށް ބޮލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

މީގެ ދެ އަހަރުން ކުރިން ވެސް އެކްސިޑެންޓެއްވެ ވެފައިވާ އެ ރަށުގެ މަޝްހޫރު ކެޔޮޅު، މަރުވި އިރު ތިން ދަރިން އެބަތިއްބެވެ. އަންބަކު ނެތެވެ.