ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)އާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމާމެދު މި ސީޒަން ނިމުމުން ގޮތެއް ނިންމާނެ ކަމަށް އެކްލަބުގެ އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީ ބުނެފިއެވެ.

ޕީއެސްޖީގައި ވިދަމުންއަންނަ ވެރާޓީ ހޯދުމަށް ސްޕެއިންގެ ބާސެލޯނާ އާއި އިނގިރޭސިވިލާތުގެ ޗެލްސީން ޝައުގުވެރިވާ ކަމަށް ހަބަރުތައް ދަނީ ދެކެވެމުންނެވެ. ނަމަވެސް ޕީއެސްޖީއާއެކު ވެރާޓީ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ 2021 ވަނަ އަހަރުގެ މެދުތެރޭގައެވެ.

"އަހަރެންނާއެކު ޕީއެސްޖީން ހަދާފައިވާ އެއްބަސްވުން ހަމަވާން އަދި ހަތަރު އަހަރު އެބައޮތް. އަހަރެން ޕެރިސްގައި މިހުރީ އުފަލުގައި. ކޮންމެ އަހަރެކޭ އެއްގޮތަށް އަހަރެން މިސީޒަން ނިމުމުން ކްލަބާ ވާހަކަދައްކައި، ގޮތެއް ނިންމާނަން،" ވެރާޓީގެ ކުރިމަގާ ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ ބުންޏެވެ.

ޕީއެސްޖީން ވަނީ ރޭ 4-1 ލަނޑުން މޮނާކޯ ބަލިކޮށް، ފްރާންސް ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފައެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީއަށް ޖޫލިއަން ޑްރެކްސްލާ އާއި އެންހެލް ޑިމަރިއާ ލީޑު ހޯދައިދިންއިރު، ދެވަނަ ހާފުގައި އެޓީމުން ކާމިޔާބުކުރި ދެލަނޑު ވެސް ޖަހައިދިނީ އެޑިންސަން ކަވާނީއެވެ.

ފްރާންސް ލީގު ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީން ހޯދި ނަމަވެސް، ލީގުގެ އެންމެ ކުރީގައި މިވަގުތު އޮތީ މޮނާކޯއެވެ. ދެވަނައިގައި އޮތް ޕީއެސްޖީ އާއި މޮނާކޯއާ ދެމެދު ތިން ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.