02 Apr 2017, 10:05
ވޮޝިންޓަން (އެޕްރީލް 2) : އިރާގުގެ ސަރަހައްދުތައް އައިއެސް ޖަމާއަތުގެ އަތްދަށުން މިނިވަންކުރުމަށް ކުރަމުންގެންދާ ހަނގުރާމައިގާ އިރާގުގެ ކުށެއްނެތް އާންމުންގެ އެތައް ސަތޭކަ ބަޔަކު މަރުވެފައިވާ ކަމަށް އެމެރިކާ އިސްވެ އޮވެގެން އުފައްދާފައިވާ ކޯލިޝަނުން އެއްބަސްވެއްޖެ އެވެ.
މި ކޯލިޝަނުން ނެރުނު އަސްކަރީ ބަޔާނެއްގައި ބުނެފައި ވަނީ އައިއެސްއާ ދެކޮޅަށްކުރާ ހަނގުރާމައިގާ އިރާގުގެ އާންމުންގެ 229 މީހުން މަރުވެފައިވާ ކަމަށާއި މަރުވި މީހުންގެ ތެރޭގައި ގިނައަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭކަމުގަ އެވެ. ނަމަވެސް ކޯލިޝަންގެ ޙަމަލާތަކުގައި އާންމުން މަރުވި ތަންތަނާއި ދުވަސްތައް ހާމައެއްނުކުރެ އެވެ.
އެމެރިކާ އިސްވެ އޮވެގެން އުފައްދާފައިވާ މިކޯލިޝަންގައި އެތައް ގައުމެއް ބައިވެރިވި ނަމަވެސް މިކޯލިޝަންގެ ނަމުގައި އިރާގަށް ދޭ ވައިގެ ހަމަލާތަކުގެ ތެރެއިން 90 ޕަސެންޓް ތަންފީޒުކުރަނީ އެމެރިކާގެ އަސްކަރީ ފައިޓަޖެޓްތަކުންނެވެ. މިބަޔާނުގައި ކޯލިޝަންގެ ޙަމަލާތަކުގައި އާންމުން މަރުވި 43 ހާދިސާއެއް ފާހަގަކޮށްފައިވެ އެވެ.
އައިއެސް އާ އިދިކޮޅު ކޯލިޝަނުން މިބަޔާން ނެރުނީ އައިއެސްގެ އަތްދަށުން އިރާގުގެ މޫސަލް ސިޓީ މިނިވަންކުރުމަށް ކުރަމުންގެންދާ ހަނގުރާމައިގާ މޫސަލްގެ އާންމުންގެ އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމުގެ ޚަބަރުތައް ފެތުރިފައިވަނިކޮށެވެ. މުސަލްގައި މިހާގިނަ އަދަދެއްގެ އާންމުން މަރުވީ އިރާގު ސިފައިންނާއި އެމެރިކާގެ ވައިގެ ސިފައިންގެ ބޮމުގެ ޙަމަލާތައް މޫސަލްގެ އާންމުންގެ ގެދޮރަށް އަމާޒުކުރުމުގެ ސަބަބުން ކަމަށްވެ އެވެ.
ވައިގެ ޙަމަލާތައް އާންމުންގެ ގެދޮރަށް އަމާޒުކުރަނީ މޫސަލްގެ ހުޅަނގު ފަޅީގެ ގެތަކުގައި އައިއެސްގެ ހަނގުރާމަވެރިން ފިލައިގެންތިބޭތީ ކަމަށްވެ އެވެ. އައިއެސްގެ ހަނގުރާމަވެރިން ގެންދަނީ އެމީހުންގެ ސަލާމަތީ އައްޑަނައަކަށް މޫސަލްގެ އާންމުން ބޭނުންކުރަމުންނެވެ. އިރާގުގެ މަދަނީ ދިފާއީ ސޯސްތަކާއި އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ ޖަމާއަތްތައް ބުނާ ގޮތުން ވައިގެ ހަމަލާތައް މޫސަލްގެ އާންމުން ދިރިއުޅޭ ގެތަކަށް އަމާޒުކުރަމުން ގެންދިޔުމުގެ ސަބަބުން އެގެތައްވަނީ އެގެތަކުގައި ދިރިއުޅޭ މީހުންގެ ބޮލަށް ވެއްޓި އާންމުންގެ އެތައް ސަތޭކަ ބަޔަކު މަރުވެފަ އެވެ.
އިރާގުގެ ރެޑް ކްރެސެންޓާއި މަދަނީ ދިފާއީ ބާރުތައް ގުޅިގެން ވަނީ ވެއްޓިފައިވާ ގެތަކުގެ ދަށުން އާންމުންގެ އެތަށް ބައެއްގެ ހަށިތައް ނަގާފަ އެވެ. އަދި މޫސަލްގެ ހުޅަނގު ފަޅިން ދުވަނީ އިންސާނުންގެ ހަށިތައް ކުނިވުމުންދާ ކަމަށް ވެސް މިފަރާތްތަކުން ބުނެއެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުން އައިއެސްގެ ހަނގުރާމަވެރިން ފިލަން ވަންނަނީ އިރާގުގެ އާންމުންގެ ގެތަކަށެވެ. އެގެތަކުން ފިރިހެނުން ފިލައިގެން ގޮސްފައިވާ އިރު އެގެތަކުގައި ތިބެނީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ ވަނީ މޫސަލް މިނިވަންކުރުމުގެ ހަނގުރާމަ ދެހަފްތާތެރޭގައި ނިމޭނެކަމަށާ މޫސަލް މިނިވަންވުމަކީ އިރާގުން އައިއެސްގެ ވަސް ފުހެވިގެން ދިޔުންކަމަށް ސިފަކުރައްވާފަ އެވެ. އަދި މޫސަލްގައި ފައިހަރުކޮށްލައިގެން އާންމުން އިންސާނީ އައްޑަނައަކަށް ހަދައިގެންތިބި އައިއެސްގެ ހަނގުރާމަވެރިންނަށް އޮތީ މަރުވުން ނޫނީ އަމާންދިނުންކަމަށާ އެމީހުންނަށް ފިލައިގެން ނުދެވޭނެ ކަމަށް ވެސް އަބާދީ ވިދާޅުވި އެވެ.
ހަނގުރާމައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި އާންމުން ދިފާއީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރުމަކީ ހަނގުރާމައިގެ ޖަރީމާއަކަށްވާއިރު ހަނގުރާމަވެރިން ފިލައި ތިބި ނަމަވެސް އާންމުންގެ ގެދޮރަށް ބޮންއަޅައި ހަނގުރާމަވެރިންނާ އެކު އާންމުން މެރުމަކީ ވެސް ހަނގުރާމައިގެ ޖަރީމާއެކެވެ. މޫސަލްގެ ހަނގުރާމައިގާ މިހުރިހާ ޖަރީމާތަކެއް ވެސް ދަނީ ހިންގަމުންނެވެ. (އަލްޖަޒީރާ)