02 Apr 2017, 09:52
އެމެރިކާ ކްލަބު ޗިކާގޯ ފަޔާއަށް ކުޅުނު ފުރަތަމަ މެޗުގައި ލަނޑެއް ކާމިޔާބުކުރެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށް ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑުން ޗިކާގޯ ފަޔާއާ ގުޅުނު ޖަރުމަން މިޑްފީލްޑަރު ބަސްޓިއަން ޝުވެންސްޓައިގާ ބުނެފި އެވެ.
އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް)ގައި އިއްޔެ ޗިކާގޯ ފަޔާ ކުޅުނު މެޗުގައި ޝުވެންސްޓައިގާ ލަނޑެއް ކާމިޔާބުކުރި ނަމަވެސް، މޮންޓްރިއާލް އިމްޕެކްޓްއާ ދެކޮޅަށް ކުޅުނު އެ މެޗު ނިމިގެންދިޔައި 2-2 ލަނޑުން އެއްވަރުވެގެންނެވެ. ޝުވެންސްޓައިގާގެ ލަނޑު ފެނިގެންދިޔައީ މެޗުގެ 17 ވަނަ މިނެޓުގަ އެވެ.
"ފުރަތަމަ މެޗުގައި ލަނޑެއް ކާމިޔާބުކުރެވުމުން ވަރަށް ވަރުގަދަ އިހުސާސްތަކެއް އާވެގެންދިޔަ. އެއީ ޑޭވިޑްގެ ވަރަށް ރީތި ހުރަހެއް. ލަނޑެއް ކާމިޔާބުކުރެވުމުން ހިތްހަމަޖެހުނު ކަމަށްވިޔަސް، މެޗުން މޮޅެއް ހޯދިފައި ނުވުމުން އެކަމާ ކުޑަކޮށް ދެރަވޭ،" ޝުވެންސްޓައިގާ ބުންޏެވެ.

އެމްއެލްއެސްގައި މޮންޓްރިއާލް އިމްޕެކްޓް ކޮޅަށް ލަނޑުޖެހުމަށްފަހު، ޗިކާގޯ ފަޔާގެ ޖަރުމަން މިޑްފީލްޑަރު ޝުވެންސްޓައިގާ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑަށް ކުޅުނުއިރު، މެޗެއް ފުރިހަމަކޮށްލުމަށް ފުރުސަތެއް ނުލިބުނު ކަމުގައިވިޔަސް އިއްޔެ ކުޅުނު މެޗު ނިމެންދެން ޗިކާގޯގެ ޓީމުން ޝުވެންސްޓައިގާ ފެނިގެންދިޔަ އެވެ.
"އެއީ ފަސޭހަކަމެއް ނޫން. އަހަރެން މި ކްލަބާ ގުޅުނުތާ އަދި މިވީ ހަތަރެއް ނުވަތަ ފަސް ވަރަކަށް ދުވަސް. އެކަމަކު ވަރަށް ރަނގަޅު. އަހަރެން މެޗަށް ރަނގަޅަށް ތައްޔާރުވިން. މި ކްލަބުގައި ވަރަށް ރަނގަޅަށް ފަރިތަކުރުންތައް ކުރިއަށްގެންދެވުނު،" އޭނާ ބުންޏެވެ.
ޝުވެންސްޓައިގާ ބުނީ، އަދިވެސް ކަންތައްތަކެއް ރަނގަޅުކުރަން މަސައްކަތްކުރަން ޖެހޭ ކަމަށާއި އިއްޔެގެ މެޗުގައި އޭނާއަށް ދެއްކުނު ކުޅުން ވަރަށް ރަނގަޅު ކަމުގައި ގަބޫލުކުރާ ކަމަށެވެ.