02 Apr 2017, 09:12
އެއީ ހިތްހެޔޮ، އަބަދުމެ އުފާވެ، ހިނިތުންވެފައި ހުންނަ ކުއްޖެކެވެ. ރީތި، ވިލުނޫ ކުލައިގެ ދެލޮލުގެ ވެރިޔާ ރައުދާ އާތިފް ދަންނަ އެންމެން ވެސް ބުނަނީ، އޭނާ އަމިއްލަ ފުރާނަ ނަގައިނުލާނެ ކަމަށެވެ. ހަމައެހެންމެ އެފަދަ ކަމެއް ކޮށްފާނޭ ފަދަ އަލާމާތެއް ވެސް ރައުދާގެ ފަރާތުން މިއިން ދުވަހަކު ފެނިފައިވެސް ނުވެ އެވެ.
"އެއީ އަމިއްލައަށް މަރުވެދާނެ ކަހަލަ ކުއްޖެއް ނޫން. އެކަހަލަ ކަންކަން ކުރާނީ ޑިޕްރެޝަން ހުންނަ މީހުން. ރައުދާއަކީ އުފާވެރި މިޒާޖެއްގެ ކުއްޖެއް. ޑިޕްރެސްވެ، ކަމަކަމާ މާޔޫސްވެގެނެއް ނޫން ރައުދާ އުޅުނީ،" ރައުދާގެ ބައްޕަ މުހައްމަދު އާތިފް ބަންގްލަދޭޝްގެ ނޫހަކަށް ބުންޏެވެ.
އާއިލާ އެކަންޏެއް ނޫނެވެ. ކޮލެޖުގައި އެކުގައި އުޅުނު ދަރިވަރުން ވެސް ރައުދާގެ އުފާވެރި، ފޮނި ހަނދާންތައް އާކުރެ އެވެ.
"އެހެރަ ޖޯލިތައް ހެދީ ރައުދާއާ އަހަރެން ތިން ދުވަހުގެ މަސައްކަތުން. އެތަނުގައި އަހަރެމެން ތިބެ ވާހަކަ ދައްކައި، ލޮލުން ކަރުނަ އަންނަންދެން ހީނ ސަމާސާކޮށް ހަދަން،" ރައުދާއާ އެކު ކޮލެޖުގައި އުޅޭ ދިވެހި ދަރިވަރު އައިޝަތު ނާޒް ފަޔާޒް، ކޮލެޖުގެ ޑޯމިޓޮރީގެ ގޯތިތެރޭގައި ގަހެއްގައި އެލުވާފައި ހުރި ދެ އުނދޯލި ދައްކާލަމުން ބުންޏެވެ.
"ޖޯލިތައް އެ ހުރީ. އެކަމަކު މިހާރު ރައުދާއެއް ނެތް،" ކަރުނަ އޮހޮރަމުން އޭނާ ބުނި ކަމަށް ދާކާ ޓްރިބިއުން ނޫހުން ރިޕޯޓުކުރި އެވެ.

ރައުދާއާއި އޭނާގެ ރަހުމަތްތެރިޔާ ނާޒް ކޮލެޖު ޑޯމްގެ ގޯތިތެރޭގައި ހެދި ޖޯލިތައް--- ފޮޓޯ/ ދާކާ ޓްރިބިއުން
ރާޖްޝާހީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި ޑޮކްޓަރުކަން ކިޔަވަމުން އައި އުމުރުން 20 އަހަރުގެ ޒުވާނާއަކީ ގިނަ މީހުން ދަންނަ، ބައިނަލްއަގުވާމީ މޫނެކެވެ. ހޮބީއެއްގެ ގޮތުން މޮޑެލް ކުރަމުން ގޮސް، ބައިނަލްއަގުވާމީ ބޮޑު ފެޝަން މެގަޒިނެއްގެ ސަރަހައްދީ ޗާޕެއްގެ ސަމާލުކަން ވެސް ލިބުނެވެ.
ނަމަވެސް ރައުދާގެ އެކުވެރިންނާއި އާއިލާއަށް، އަދި ރައުދާގެ ރަހުމަތްތެރި މޫނު ދަންނަ އެތައް ހާސް ބަޔަކަށް ސިހުން ލިބުނީ މިދިޔަ ބުދަ ދުވަހު ރައުދާގެ މަރުގެ ޚަބަރުންނެވެ. ރައުދާގެ ހަށިގަނޑު ބުދަ ދުވަހުގެ ހެނދުނު ފެނުނީ، އޭނާ ހެނދުނު ކޮޓަރިން ނުނިކުމެގެން އޭނާ ކޮބައިތޯ ބެލުމަށް ދިޔަ އޭނާގެ ކޮލެޖްމޭޓުންނަށެވެ. އެކުދިންނަށް ކުޑަދޮރުން ފެނުނު މަންޒަރާ އެކު، އެތެރެއިން ތަންޑު އަޅާފައި ހުރި ދޮރުގެ ތަންޑު ނެއްޓެންދެން ދޮރު ކޮށްޕައި، އެތެރެއަށް ވަނެވެ. އަދި ދަންޖެހިފައި ހުރި ރައުދާގެ ކަރުގައި އޮތް ފޮތިގަނޑު ނައްޓައި، ރައުދާގެ ހަށިގަނޑު ތިރިކުރި އެވެ.
ރައުދާގެ ޚަބަރު ލިބުމާ އެކު މަންމަ އައިމިނަތު މުހައްރިމާ އަދި ކޮއްކޮ ރައްޔާން ވަގުތުން ބަންގްލަދޭޝަށް ދިޔަ އެވެ. އަދި އޭގެ އަނެއް ދުވަހު ބައްޕަ މުހައްމަދު އާތިފާއި އާއިލާގެ އެހެނިހެން މެމްބަރުން ވެސް ރާޖްޝާހީއަށް އައެވެ. އާއިލާގެ އެންމެން ހަމަވުމުން ރައުދާގެ އޮޓޮޕްސީއެއް ރާޖްޝާހީގައި ހަދައި، އިއްޔެ އޭނާ ވަނީ ވަޅުލައިފަ އެވެ.

ރައުދާ އާތިފް އޭނާގެ މަންމަ (މ) އަދި ކޮއްކޮ (ކ) ---
ރައުދާގެ އާއިލާގެ މެމްބަރަކު ބުނި ގޮތުގައި، ރައުދާގެ މަރުގެ މައްސަލާގައި ބަންގްލަދޭޝްގެ ފުލުހުންގެ ބަހާއި، ފެންނަން ހުރި ހެކިތައް ވަރަށް ބޮޑަށް ފުށުއަރަ އެވެ. އާއިލާއިން ބުނަނީ، ބަންގްލަދޭޝްގެ ފުލުހުން ތިބީ ރައުދާގެ މަރަކީ އަމިއްލައަށް މަރުވުމުގެ، ނުވަތަ ސޫސައިޑް ކޭސްއެއްގެ ގޮތުގައި ނިންމައިގެން ކަމަށެވެ.
"އެމީހުން ތިބެނީ ސޫސައިޑެއް ކަމަށް ނިންމައިގެން. އާއިލާއަށް އެނގިފައި އޮތް ގޮތުގައި ފުލުހުން ރައުދާގެ ކޮޓަރި ވެސް ރަނގަޅަށް ނުބަލާ. ރަނގަޅަށް ތަހުގީގުކޮށްދޭށޭ ބުނެ އެދޭ އެދުންތަކަށް ވެސް ދެނީ ބީރު ކަންފަތެއް،" ރައުދާގެ އާއިލާގެ ކުއްޖަކު ބުންޏެވެ.
އޭނާ ބުނި ގޮތުގައި، ރައުދާގެ ކަރުގައި މީހަކު ހިފާފައި ހުރިކަމުގެ ނިޝާންތައް ފެނެ އެވެ.
"ކަރުގައި ހުރި މާކްސްތަކެއް. މީހަކު ހިފާފައި ހުރިހެން ހީވަނީ. ކަރުގެ އެއް ފަރާތުގައި ހަތަރު އިނގިލި، އަދި އަނެއް ފަޅީގައި މޫނުގެ ކޮލާ ދިމާލުން އަތުގެ ބޮޑުވައި އިނގިލިން ހިފާފައި ހުރިކަން އެނގޭ. އެ ނޫން އެހެން އެއްވެސް ކަމެއް ބޭރުފުށުން ފެންނާކަށް ނެތް،"
ރާއްޖޭގެ ފުލުހުންގެ އިދާރާގައި އިސް މަގާމެއް އަދާކުރެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި، އަމިއްލައަށް ދަންޖެހިގެން މަރުވާ މީހަކު ނަމަ، ދަން ޖެހޭ ވަގުތު ސަލާމަތްވުމަށް މަސައްކަތް ކުރާނެ އެވެ. އެ މަސައްކަތުގެ ތެރޭގައި އަތުގެ އިނގިލިތަކުގެ ނިޔަފަތިތަކުން ގައިގައި ވަކިއެޅި، ނުވަތަ ސަލާމަތް ވުމަށް މަސައްކަތް ކުރި ކަމުގެ ނިޝާންތަކެއް ހަށިގަނޑުން ފެންނާނެ އެވެ.
ރައްޔާން ބުނީ، އާއިލާ ރާޖުޝާހީއަށް އައި އިރު ރައުދާގެ ކޮޓަރީގައި އޮތް ކްރައިމް ސީނެއް ނެތް ކަމަށެވެ.
"ފުލުހުން ބުނަނީ ތަންޑު އަޅުވާފައި ހުއްޓާ ބޭރުން ދޮރު ކޮށްޕައި، ތަންޑު ހަލާކުކޮށްލައިގެން ކުދިންތައް ކޮޓަރިއަށް ވަނީ ކަމަށް. އާއިލާ މިކޮޅަށް އައި އިރު ކްރައިމް ސީނެއް ނެތް،" ރައުދާގެ ކޮއްކޮއެއް ބުންޏެވެ.
ރައުދާ އާތިފް ---
ދިވެހި ފުލުހުގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅާ ވިދާޅުވި ގޮތުގައި، ރައުދާގެ ކޮޓަރީގައި އޮތް ސީން ރޫޅާލުމަކީ ބަންގްލަދޭޝްގެ ފުލުހުން މި މައްސަލައިގެ ތަހުގީގުގައި އިހުމާލުވެފައިވާ ކަމުގެ ހެއްކެކެވެ. ރާއްޖޭގެ ރިޓަޔަރޑް ފުލުސް ބޭފުޅާ ވިދާޅުވީ ކްރައިމް ސީން ރަނގަޅަށް ނުބަލައި ރޫޅާލުމަކީ ހެކީގެ 90 ޕަސެންޓް ނެތިގެން ދިއުމެވެ.
ރަައުދާގެ އޮޓޮޕްސީއެއް ހެދުމުގެ ވާހަކަ ދެކެވެން ފެށުމާ އެކު، ބަންގްލަދޭޝްގެ އެކި ނޫސްތަކުން ކިޔަން ފެށީ އެކި އެއްޗިއްސެވެ. ފުލުހުންގެ ގިނަ ވެރީންތައް ވެސް ދެއްކި ވާހަކަތައް އެކަކު އަނެކަކާ ފުށުއަރަން ފެށި އެވެ.
"ފެމިލީ އިން ދެކޮޅެއް ނޫން އެއް އިރަކު ވެސް އޮޓޮޕްސީ ހެދުމަށް. ފެމެލީ އިން ބުނީ އަހަރެމެންނަށް ދެވެންދެން ބޮޑީ ބާއްވައިދިނުމަށް،
"އޮޓޮޕްސީ ހަދައި ނިމުމުން އާއިލާއިން އެދުނިން ރިޕޯޓު ހިއްސާކޮށްދޭން. ޕޮލިހުން ބުނީ ދެ ހަފްތާ ވަރު ވާނެ ކަމަށް ރިޕޯޓު ނެރެން. އެކަމަކު އިއްޔެ ރައުދާ ވަޅުލުމާ އެކު ފުލުހުން އާއިލާއާ ވާހަކަ ނުދައްކައި، ފުރަތަމަވެސް މީޑިއާއަށް ގޮސް ބުނީ އޮޓޮޕްސީ ރިޕޯޓު ބުނަނީ ރައުދާ މަރުވީ އަމިއްލައަށޭ." ރައުދާގެ އާއިލާގެ މީހަކު ބަންގްލަދޭޝްގެ ފުލުހުންނާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުން ބުންޏެވެ.
"އެއްވެސް މީހަކު އެއްބަހެއް ނުވޭ ސޫސައިޑެއް ކަމަކަށް. ކޮލެޖުގެ ސްޓާފުން ވެސް ބުނަނީ ސޫސައިޑަކަށް ނުވާނެއޭ. ރިޕޯޓެއް ވެސް އަދި ނުނެރޭ. އެކަމަކު މިހާރު ފުލުހުން އެ ކިޔަނީ އޮޓޮޕްސީ ރިޕޯޓުގައި އޮތީ މިހެނޭ،"

ރައުދާ އާތިފް ---
އާއިލާއިން ގަބޫލުކުރަނީ ރައުދާގެ މަރުގެ މައްސަލައިގައި ބަންގްލަދޭޝް ފުލުހުން ފެށުނީއްސުރެ ގޮތެއް ނިންމައިގެން ތިބީ ކަމަށެވެ. އިތުރު ތަހުގީގަކަށް ދިއުމަށް ފުލުހުން ބޭނުން ނުވަނީއޭ އާއިލާ މެމްބަރުންގެ ހިތަށް އަރަ އެވެ. ތުހުމަތަކީ، ބަންގްލަދޭޝް ފުލުހުން މި މައްސަލާގައި ސީރިއަސް ވާންވާ ވަރަށް ނުވުމެވެ.
މިކަމުގެ ތެރޭގައި އެތައް ސުވާލުތަކެއް އެނބުރެމުން ދެ އެވެ. މައްސަލާގައި ބަލައިލި ކޮންމެ ދިމާލެއްގައި ވެސް ޖަވާބު ނުލިބޭ ސުވާލުތަކެވެ. ޚާއްސަކޮށް ބަންގްލަދޭޝްގެ ފުލުހުންގެ ބަސްމަގާއި، ބުނާ އެއްޗެތި ފުށުއަރާ އެރުންތައް ފާހަގަވެ އެވެ. ކޮލެޖުގެ އޮފިޝަލުންގެ އަމަލުތަކާ މެދު ވެސް ބެލެނީ ޝައްކުގެ ނަޒަރުންނެވެ.
ކޮންމެއަކަސް މި މަރުގެ ހަގީގަތް މިވަނީ މިވަގުތަށް ނުހޯދި، ގެއްލިފަ އެވެ. މި މައްސަލައިގެ ތެރޭގައި، ބަންގްލަދޭޝްގެ ކަމާ ބެހޭ ފަރާތްތަކުން ވީ އިހުމާލާ ހެދި އެ ހަގީގަތް މިވަގުތަށް ސިއްރުވީ އެވެ. އެ ހަގީގަތް ވަނީ، ވިލު ނޫ ކުލައިގެ ޗާލު ދެ ލޮލުގެ ފަހަތުގައި ފޮރުވިފަ އެވެ. މި ސުވާލުތަކުގެ ޖަވާބުތައް ތާއަބަދަށް ބިމު އަޑީގައި ފޮރުވިގެން ގޮސްގެން ނުވާނެ ކަމަށް އާއިލާއިން ގަބޫލުކުރެ އެވެ.