ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ދިދަ އާއި ނަންބޯޑު ގެންދިޔައީ ދިން މުހުލަތުގައި ނުނެގުމުން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން ބުނީ ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ދިދަ އާއި ނަންބޯޑު ނެގުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރުމާ ގުޅިގެން ދިދަ އާއި ނަންބޯޑު ނެގުމަށް ފުރުސަތުދީފައިވާ ކަމަށެވެ. ނަމަވެސް އެ މުހުލަތުގެ ތެރޭގައި ދިދަ އާއި ނަންބޯޑު ނުނެގުމުން ފުލުހުން ކޯޓު އަމުރު ތަންފީޒުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ދިދަ އާއި ނަންބޯޑު ފުލުހުން ގެންދިޔައީ ހުކުރު ދުވަހުގެ ރޭ 7:00 ހާއިރު އެވެ.

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ދިދަ އާއި ނަންބޯޑު ހުކުރު ދުވަހުގެ 6:00 ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އެންގުމެއް އަންގައިފައެވެ. ފުލުހުންގެ އެންގުމުގައި ވަނީ އެ އެންގުމާ ޚިލާފުވެގެން ފުލުހުން އެތަނުން ނަންބޯޑާއި ދިދަ ނަގަންޖެހިއްޖެ ހާލަތެއްގައި ނަގާނެ ކަމަށާއި ނެގުމުގެ ތެރޭގައި ތަނަށް އަދި އެއްޗަކަށް ލިބޭ ގެއްލުމެއްގެ ޒިންމާ ނެގެން ނޯންނާނެ ކަމަށެވެ.

ނަމަވެސް ރައީސް މައުމޫން ވިދާޅުވީ އެފަދަ އެންގުމެއް އެމަނިކުފާނަށް އަންގާފައިނުވާ ކަމަށެވެ.

ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ އެ ކޯޓުގެ ހުކުމަކުން ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރާ ހަވާލުކޮށްފައިވާ ކަމަށާއި އެ ހުކުމުގެ ބާރު ނަފީވާ ގޮތަށް ހުކުމަށް ކިޔަމަންވެ ތަބާވުމެއް ނެތި ޕީޕީއެމްގެ ރައީސްގެ ނަމުގައި އޮފީހެއް ހަދައި ޕީޕީއެމްގެ ޕީޕީއެމްގެ ނަމުގައި ޖަލްސާތަކާއި ހަރަކާތްތައް ހިންގައި ހެދުމަކީ އެ ހުކުމް ތަންފީޒު ކުރުމަށް ހުރަސްއެޅުމުގެ ގޮތުން ހިންގާ ހަރަކާތްތަކާއި އަމަލުތަކެއް ކަމަށެވެ.

އެހެންކަމުން ޕީޕީއެމްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގަމުންދާނަމަ އެކަމެއް ހުއްޓުވުމަށާއި ހ. ތެމާގައި ހަދާފައިވާ ޕީޕީއެމްގެ ރައީސްގެ އޮފީހުގައިވާ ދިދަ ނަގައި އެތަނުގައި ޕީޕީއެމްގެ ހަރަކާތެއް ހިންގިޔަ ނުދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށް އެ އަމުރުގައިވެ އެވެ.

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ ގެންދިޔައިރު ރައީސް މައުމޫންގެ ސަޕޯޓަރުން ވަނީ އެ ސަރަހައްދަށް އެއްވެ، އެކަމާ ދެކޮޅަށް އަޑުއުފުލައިފައެވެ.