ބ. ތުޅާދޫ ކައުންސިލުން ވަކި ކުރި ކަމަށް އަންގާފައިވާ މެންބަރު އުމައިރާ އަބޫބަކުރު އަދިވެސް އޮފީހަށް ނުކުންނެވައި ސޮއިކުރައްވާތީ ކައުންސިލުގެ އެއްވެސް މަސައްކަތެއް ކޮށްގެން ނުކުރުމާއި ކައުންސިލް އިދާރާގެ އެއްވެސް އެއްޗެއްގައި އަތް ނުލެއްވުމަށް ކައުންސިލުން އުމައިރާއަށް އަންގައިފި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު މިއަދު ވިދާޅުވީ ޑީއާރްޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ އުމައިރާ އަކީ ކައުންސިލްގެ މެންބަރު ކަމުން ވަކިކޮށްފައިވާ ބޭފުޅެއް ކަމަށާއި އެކަން ލޯކަލް ގަވަރުމެންޓް އޮތޯރިޓީން އަންގާފައި ވަނިކޮށް ވެސް އެކަމަނާ އޮފީހަށް ނިކުންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ އުމައިރާ އެގޮތަށް އަމަލުކުރައްވާތީ ކައުންސިލް އިދާރާގެ ލިޔެކިޔުންތަކުގަ އާއި ކޮމްޕިއުޓަރު ތަކުގައި އަތްނުލެއްވުމަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

"އެކަމަނާ މިއަދުވެސް ނިކުންނެވި އޮފީހަށް. ސޮއި ވެސް ކުރައްވާފައި ވަޑައިގަތީ. އެކަމަނާ މެންބަރަކަށް ނުވެ އެގޮތަށް އަމަލުކުރައްވަމުން ގެންދަވާތީ އަޅުގަނޑުމެން ވާނީ އެކަމަނާ ކައުންސިލްގެ އެއްވެސް މަސައްކަތެއް ނުކުރުމަށް އަންގާފައި،" ރަޝީދު ވިދާޅުވި އެވެ.

ކައުންސިލްގެ މެންބަރު ކަމުން އުމައިރާ ވަކިކޮށްފައިވަނީ މަގުބޫލު އުޒުރެއްނެތި ކައުންސިލްގެ 10 ޖަލްސާއަކަށް ހާޒިރުވެވަޑައިގެންފައި ނުވާތީ ކަމަށްބުނެ އެވެ. ލާމަރުކަޒީ ގާނޫނު ބުނަނީ މަގުބޫލު ސަބަބެއް ނެތި ވިދިވިދިގެން ކައުންސިލްގެ ހަތް ޖަލްސާ އަކަށް ހާޒިރުނުވެއްޖެނަމަ ކައުންސިލްގެ މެމްބަރުކަމުން ވަކިވާނެ އެވެ.

އުމައިރާ މިއަދު ވިދާޅުވީ އޭނާ ކައުންސިލްގެ މެންބަރު ކަމުން ވަކި ކުރިކަން ލޯކަލް ގަވަރުމެންޓް އޮތޯރިޓީން އަންގާފައި ނުވާކަމަށެވެ. އަދި ވިދާޅުވީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީން އެކަމަނާ އަށް ވަކި ގޮތެއް އަންގަވަންދެން އޮފީހަށް ނުކުންނަވާނެ ކަމަށެވެ.

"ހުރިހާ ކައުންސިލަރުން ވެސް އަޅުގަނޑަށް އަންގާފައި އޮތީ އެއްވެސް ލިޔެކިޔުމެއްގައި އަދި ކޮޕިއުޓަރެއްގައި ވެސް އަތްނުލުމަށް. އަޅުގަނޑު ސޮއި ކުރަން ދިޔައިރު ފޮތުގައި ވެސް އިނީ އަޅުގަނޑުނަމުގައި ރޮގެއް ދަމާ ކަޑާލާފައި. އެކަމަކު އެބޭފުޅުންނަކަށް އެގޮތަކަށް ނޭނގޭނެ. ލޯކަލް ގަވަރުމެންޓް އޮތޯރިޓީން އެއްޗެއް އަންގަންދެން އޮފީހަށް ނުކުންނާނަން،" އުމައިރާ ވިދާޅުވި އެވެ.