02 Apr 2017, 08:32
މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ރޭގެ ޝޯ ވަރަށް ވެސް ފޯރިގަދަ އެވެ. ރޭގެ ޝޯ ރޮކް އެންޑް ރޯލަށް ހާއްސަ ކޮށްފައިވާއިރުު އެ ޝޯގެ ތީމަކީ މޫވީ ނައިޓެވެ. ދިވެހި ފިލްމުތަކުގެ ރީތި ލަވަތަކެއް ހުށަހަޅައި ދިނުމަށްފަހު މޫވީ ނައިޓާ އެކު ރޭ އައިޑޮލްއާ ވަކިވާން ޖެހުނީ ހަސަން އިރުފާން (ޒަކިއްޓެ) އަށެވެ.
އައިޑޮލްގެ ހުރިހާ ބައިވެރިން ރޭގެ ޝޯގައި ތަފާތު ހެދުންތަކަކުން ފެނިގެން ގޮސްފައިވާއިރު އެ ބައިވެރިން ވަނީ ރޮކް ލަވަތަކެއް ހަށަހަޅަދީ މުޅި ސްޓޭޖް ގުގުމާލާފައެވެ.

ގަދަ އަށެއް ހޮވަމަށް ބޭއްވި ޝޯގެ ގެސްޓް ޖަޖު ނިއުމާ މުހައްމަދު----
އައިޑޮލްގެ ގަދަ އަށަކަށް ދަތުރުނުކޮށް މުބާރާތުން ވަކިވާން ޖެހުނު، ޒަކިއްޓެއަކީ މީގެ ކުރިން ހިތްގައިމު ލަވަތަކެއް ހުށަހަޅައިދީ ޖަޖުންގެ ފަރާތުން ރަނގަޅު ކޮމެންޓްތަކެއް ލިބިމެން އައި ބައިވެރިޔެކެވެ.
ޒަކިއްޓެ އައިޑޮލްގެ ދަތުރު ނިންމާލަން ޖެހުނީ، ޖަޖުންގެ މާކުހާއި ބެލުންތެރިންގެ ވޯޓު އެއްކޮށްލުމުން އެންމެ މަދުން މާކްސް ލިބުމުންނެވެ.
މޫވީ ނައިޓަށް ހާއްސަ ކޮށްގެން ކުރިޔަށް ގެންދިޔަ އެ ޝޯގެ ގެސްޓް ޖަޖެއްގެ ގޮތުގައި މުނިފޫހި ފިލުވުމުގެ ދާއިރާގެ ފިސާރި ކަނބަލެއް ވަނީ ބައިވެރިވެފަ އެވެ. އެ ޝޯގެ ހާއްސަ މެހެމާނަކީ ފިލްމީ ދާއިރާގައި 21 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށް 40 ވުރެ ގިނަ ފިލްމު ކުޅެ، އެތަކެއް އެވޯޑެއް ހާސިލް ކޮށްފައިވާ ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދެވެ.

ގަދަ އަށެއް ހޮވަމަށް ބޭއްވި ޝޯގައި އަމާން އަދި ފުބޫ ލަވަ ހުށަހަޅައިދެނީ---
ރޭގެ ޝޯގައި ހުރިހާ ބައިވެރިންވެސް ވަނީ ހިތްގައިމު ލަވަތަކަށް ޑުއެޓް ލަވަތަކެއް ހުށަހަޅައިދީ ބެލުންތެރިން އަންތަރީސްކޮށްލާފައެވެ.
އޭގެ އިތުރުން، ޑާކްރެއިން އެންޓަޓެއިންމެންޓުން އަންނަ ބުދަ ދުވަހު ރިލީޒް ކުރަން ތައްޔާރުވެފައިވާ ފިލްމު،"މީ ލޯތްބަކީ" ގެ ފުރަތަމަ ޕްރޮމޯޝަނަލް ލަވަ ވެސް ވަނީ ރޭގެ ޝޯގައި ހުށަހަޅަދީފައެވެ. ފިލްމުގެ ރޯލަކުން ފެނިގެންދާ އިބްރާހީމް އަމާނާއި އިބްރާހީމް ޝާފިއު (ފުބޫ)ގެ އަޑުން "އޭމަންޖޭ" ލަވަ ރޭގެ ޝޯގައި ކިޔާފައިވާއިރު އަމާނަކީ މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދާލި ތަރިއެކެވެ.
ގަދަ އަށެއް ހޮވުމަށް ބޭއްވި އެލިމިނޭޝަން ނައިޓް އަނެއްކާވެސް ފޯރި ގަދަކޮށްލީ އައިޑޮލްގެ ޖަޖު އިބްރާހީމް ޒައިދު އަލީ އަދި ނިއުމާ ސްޓޭޖެ މަތީގައި ދައްކާލި ޕާފޯމެންސުންނެވެ.

ގަދަ އަށެއް ހޮވަމަށް ބޭއްވި ޝޯގެ ގެސްޓް ޖަޖު ނިއުމާ އާޢި ޖަޖު އިއްބެ ޕާފޯމް ކުރަނީ---
ފޯރިގަދަ ހުށަހެޅުންތަކަކަށްފަހު އައިޑޮލްގެ ގަދަ އަށަކަށް ދަތުރު ކުރި ބައިވެރިންނަކީ، އިބްރާހިމް ވަހީދު (ބޮޑުބެ)، މުހައްމަދު ތަސްނީމް (ބޮބް)، ޝަމްވީލް މުހައްމަދު، އަހްމަދު ނަބީލް، އަހްމަދު ފަރަޝް، އަބްދުﷲ ހިޝާން، ހަމޫދު އަހްމަދު ގެ އިތުރުން އައިޝަތު ޖައިޝާ (ޖައި) އެވެ.