01 Apr 2017, 22:37
ފުލުހުން ހިންގަމުންދާ ތަހުގީގު ލަސްކުރަން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު މަސައްކަތް ކުރައްވާ ކަމަށް ފުލުހުން ބުނެފި އެވެ.
މީގެ ކުރިން ތަފާތު އެކި ފަހަރު މަތިން ފާރިސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. ނަމަވެސް ފާރިސްގެ މައްޗަށް ތުހުމަތުކުރެވެނީ ކޮން މައްސަލައެއްގައި ކަމެއް ނޭންގެ އެވެ.
މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތަހުގީގު މަރުހަލާގައި ލިބިދޭ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާކަމަށް ފާރިސް ވިދާލުވެފައި ވާ ކަމަށެވެ. އަދި ވަކީލަކާ އެކު ހާޒިރުވުމަށް ފަސް ފަހަރު ފުރުސަތު ދިން ކަމަށާއި އެހެންނަމަވެސް އޭން ކޮންމެ ފަހަރަކުވެސް ހާޒިރުވެފައި ވަނީ ވަކީލަކާ ނުލައިކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންކަމުން ފާރިސް މަސައްކަތް ކުރައްވަނީ ގަސްތުގައި ތަހުގީގު ލަސްކުރަން ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.
"ފުލުހުން ހިންގާ ތަހުގީގަށް އެއްބާރުލުން ދިނުމަށާއި ކަމުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރަން" ފުލުހުންގެ ބަޔާނުގައި ވެ އެވެ.
އެކަމާ ގުޅިގެން ފާރިސްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.