ދެލައްކަ ރުފިޔާގެ އަގުހުރި ތަކެތި ނެގޭ ގޮތަށް، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ރަމަޟާން ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.

ސަންފްރަންޓް ލިވިންގްގައި މިއަދު ބޭއްވި ހަފްލާއެއްގައި، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑް އޮފް މާކެޓިންގް އެންޑް ކޯޕަރޭޓް އެފެއާޒް މުހައްމަދު ޝަފާއު ހަސަން ވިދާޅުވީ، މިއަދުން ފެށިގެން އަންނަ މެއި މަހުގެ 31 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަނުގެ ދަށުން، އިސްލާމިކް ބޭންކުގެ ސްކީމުގެ ދަށުން ދެ ލައްކަ ރުފިޔާއާ ހަމައަށް މުދާ ނެގޭނެ ކަމަށެވެ.

އާންމުކޮށް މި ސްކީމުގެ ދަށުން މުދާ ނެގޭނީ އެއްލައްކަ ރުފިޔާއާ ހަމައަށެވެ.

ފައިދާ އަނބުރާ ދެއްކުމަށް މީގެ ކުރިން ދެނީ ދޮޅު އަހަރު ދުވަހުގެ މުއްދަތެކެވެ. ނަމަވެސް ޕްރޮމޯޝަނުގެ މުއްދަތުގައި ނަގާ ތަކެއްޗަށް ފައިސާ ދެއްކުމުގެ މުއްދަތު ތިން އަހަރު ދުވަހުގެ މުއްދަތަށް ވަނީ ދިގުކޮށްދީފައެވެ.

މި ސްކީމުގެ ދަށުން ތަކެތި ނެގޭނީ، އިސްލާމިކް ބޭންކާ އެކު އެއްބަސްވެފައިވާ ކުންފުނިތަކުގެ މުވައްޒަފުންނެވެ. އަދި ވިޔަފާރި ކުރެވޭނީ ބޭންކާ އެކު އެކަމުގެ އެއްބަސްވުންތައް ހަދާފައިވާ ވިޔަފާރިތަކުންނެވެ.

ސްކީމުގެ ދަށުން ތަކެތި ނެގޭނީ މަދުވެގެން 4،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނަމައެވެ. ސްކީމުގެ ދަށުން ތަކެތި ނަގަން ހުށަހެޅުމަށް އިސްލާމިކް ބޭންކުގެ އެކައުންޓެއް ކޮންމެހެން އޮންނާކަށް ނުޖެހެއެވެ. ނަމަވެސް ބޭންކާ އެކު އެގްރިމެންޓް ހަދާ އިރު ބޭންކް އެކައުންޓެއް ވެސް ހަދާނެއެވެ.