ގްރީސްގެ ވެރިރަށް އެތެންސްގައި ކުރިއަށްދިޔަ ސްޕެޝަލް އޮލިމްޕިކްސް މުބާރާތުން ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދިން އެތުލީޓުން މިއަދު ހެނދުނު މާލެ އަތުވެއްޖެ އެވެ. ޖުމްލަ ހަތަރު އެތުލީޓުން ބައިވެރިވި މި މުބާރަތުގައި ރާއްޖެއަށް ވަނީ ތިން ރަން މެޑަލަކާއި އެއް ރިހި މެޑަލްގެ އިތުރުން ލޯ މެޑައްޔެއް ހޯދާ ދީފައެވެ. ވިސްނުމުގައި ކަންކަން ނަގައިގަތުމުގައި ދަތިކަން ހުންނަ ކުދިންނަށާއި މީހުންނަށް ޚާއްސަކޮށްގެން ބާއްވާ ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖޭން ބައިވެރިވީ އައްޑޫ ތިން ފިރިހެން ކުއްޖަކާއި ފުވައްމުލަކު އަންހެން ކުއްޖެކެވެ. އެ ހަތަރު ކުދިން ވެސް ވަނީ އެ ކުދިން ބައިވެރިވި އިވެންޓުތަކުން ވަނަ ހޯދާފަ އެވެ.

ހަބަރުތައް ކުރުކޮށް:

* ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް ބ އޭދަފުށީގައި ބެޑްމިންޓަން މުބާރާތެއް ބާއްވާގޮތައް ބެޑްމިންޓަން އެސޯސިއޭޝަނުން ހަމަޖައްސައިފި އެވެ.
އޭދަފުށީގައި މުބާރާތުގެ އޮފިޝަލަކު ވިދާޅުވީ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިނިވަން ދުވަހާއި ދިމާކޮށް މިމަހުގެ 25 އިން 30 ގެ ނިޔަލަށް ކަމަށެވެ. އަދި މުބާރާތް ހާއްސަކޮށްފައި ވަނީ 15 އަހަރުން މަތީގެ ދެ ޖިންސަށެވެ.
މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޯޕަން އިވެންޓުތަކެވެ. އެއީ އޯޕަން ސިންގަލްސް، ޑަބަލްސް އަދި މިކްސްޑްޑަބަލްސް އެވެ.



* ކެރަމް ހޯލުގައި ކުރިއަށްދާ އިންޓަ ސްކޫލް ކެރަމް މުބާރާތުގެ ތިންވަނަ ދުވަހުގެ ކުޅުން ނިމުނުއިރު ސިނަގްލްސް އިވެންޓުގެ ފައިނަލަށް 12 ކުޅުންތެރިޔަކު ދަތުރު ކޮށްފި އެވެ. ތޭރަ އަހަރުން ދަށުގެ ފިރިހެން ފައިނަލަށް ހޮވިފައިވަނީ ގިޔާސުއްދީންގެ މުހައްމަދު ނިޖާދު އާއި ހަމަ އެ ސުކޫލުގެ މުހައްމަދު ހަސަން އެވެ. މިބައިން އަންހެން ފައިނަލަށް ހޮވިފައިވަނީ ގިޔާސުއްދީންގެ އައިޝަތު ރިފްޤާ އަދި ތާޖުއްދީންގެ ފާތިމަތު ޝިއުނާ އެވެ.

ސޯޅަ އަހަރުން ދަށުގެ ފިރިހެން ފައިނަލަށް ހޮވިފައިވަނީ ދަރުމަވަންތައިގެ މުހައްމަދު ލަޔާން އާއި ހަމަ އެ ސުކޫލުގެ ޔަމާން އަބްދުލް ޖަލީލުއެވެ. މިބައިން އަންހެން ފައިނަލަށް ހޮވިފައިވަނީ އަމިނިއްޔާގެ ރައުހާ އަބްދުލް ނަސީރު އާއި ހަމަ އެ ސްކޫލުގެ އައިޝަތް މައިޝާއެވެ. ނަވާރަ އަހަރުން ދަށުގެ ފިރިހެން ފައިނަލަށް ހޮވިފައިވަނީ މަޖީދިއްޔާގެ ޝަފްރާޒް އާދިލް އާއި ހަމަ އެ ސުކޫލް ހާރިޝް ޒުހެއިރު އެވެ. މިބައިން އަންހެން ފައިނަލަށް ދަތުރުކުރީ އަމީނިއްޔާގެ ފާތިމަތް ރަޔާން އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ފާތިމަތް ރައުފާއެވެ.



* ނަވާރަ ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާ އެތުލީޓުން އިއްޔެ ޖަޕާނަށް ފުރައިފި އެވެ. އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ޖަޕާންގެ ކޯބޭ ސިޓީގައި ބާއްވާ މި މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ އަންހެން އެތުލީޓަކާއި ފިރިހެން އެތުލީޓެކެވެ. ފިރިހެން އެތުލީޓަކީ ޤައުމީ ޕޫލްގައި ފަރިތަކުރަމުން އަންނަ ދިވެހި ސިފައިންގެ ކްލަބްގެ އެތުލީޓް ޝިފާޒް މުޙައްމަދު އެވެ. އަދި އަންހެން އެތުލީޓަކީ ޤައުމީ ޕޫލްގައި ފަރިތަކުރަމުން އަންނަ ކަސްޓަމްސް ރިކްރިއޭޝަން ކްލަބްގެ ޢަފާ އިސްމާޢީލްއެވެ. މި ދެ އެތުލީޓުންނާއެކު ޤައުމީ ޕޫލްގެ މިޑްލް ޑިސްޓެންސް ކޯޗް އިބްރާހީމް ތަވްފީޤް ވެސް ދިޔައެވެ.