19:00


ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާއި ބޭރު ފަރާތްތަކާ ގުޅިގެން ހިންގާ ބޮޑެތި ކުށްތައް ރާއްޖޭގައި ވެސް ހިނގަމުންދާ ކަމަށާއި އެ ފަދަ ކުށްތައް ހުއްޓުވޭނީ އިންޓަޕޯލް ފަދަ ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ އެހީގައި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ފަސީހް ވިދާޅުވެއްޖެ އެވެ.


ބައިނަލްއަގްވާމީ ޕޮލިސް އެޖެންސީ (އިންޓަޕޯލް) ގައި ހިމެނޭ އޭޝިއާގެ ގައުމުތަކާއި ޕެސިފިކް ބައެއް ގައުމުތަކުގެ ނުވަ ވަނަ ބައްދަލުވުން ނިމުމުގެ ގޮތުން ކުޑަބަނޑޮހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަސީހު ވިދާޅުވީ، މި ބައްދަލުވުމަކީ ރާއްޖެ އަށް ވަރަށް މުހިއްމު ބައްދަލުވުމެއް ކަމަށެވެ. އަދި ވޭތުވެދިޔަ ދެތިން އަހަރުގައި އެކި ގޮތްގޮތުން ރާއްޖެ އަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަރަށް ގިނަ ކަމަށް ވެސް ފަސީހު ވިދާޅުވި އެވެ.


މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޓަޕޯލްގެ އެގްޒެކްޓިވް ކޮމެޓީގެ މެމްބަރު ތޯރިގް ހޯސާ ވިދާޅުވީ ވިސާއާ ނުލައި އިންޓަޕޯލްގެ އޮފިސަރުންނަށް ރާއްޖެ އެތެރެވެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު ވިދާޅުވެފައިވާ ކަމަށެވެ. އަދި  އެކި ގައުމުތަކުގެ އިންޓަޕޯލްގެ ބިއުރޯތަކުގައި ތިބޭ އޮފިސަރުންނަށް ހާއްސަ ޕާސްޕޯޓެއް ހަމަޖައްސާފައިވާ ކަމަށާއި އެ އޮފިސަރުންނަށާއި އިންޓަޕޯލް ހިމެނޭ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އެކި ގައުމުގެ އޮފިސަރުންނަށް ވިސާއާ ނުލައި ރާއްޖެ ވަދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އޭނާ އަދި ވިދާޅުވީ، މި ބައްދަލުވުމުން ހާސިލްކުރަން ބޭނުންވި ލަނޑުދަނޑިތައް ކާމިޔާބުކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭން ހުށަހަޅައިފައިވާ އެހީތައް ދިނުމަށް އިންޓަޕޯލް އޮތީ ތައްޔާރަށް ކަމަށް ވެސް ހޯސާ ވިދާޅުވި އެވެ.