ޕާޓީގައި ވަކި ބޭފުޅަކު ނެތުމުން އެ ޕާޓީން ކުރަމުން އަންނަ މަސައްކަތަށް އެއްވެސް ހުރަހެއް ނާންނާނެ ކަމަށް ޕީޕީއެމް އިން މިއަދު ބުނެފި އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް އެހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނޫސްވެރިޔާ ސުވާލު ކުރީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕާޓީން ވަކިކޮށް، އޮފީސް ބަންދުކުރުން ފަދަ ކަންކަމުން މައުމޫނަށް ތާއީދުކުރާ ރައްޔިތުންގެ ވޯޓު ލިބޭނެ ކަމަށް ގަބޫލުކުރައްވަންތޯ އެވެ.

ޖަވާބުގައި އިގުބާލް ވިދާޅުވީ "އަޅުގަނޑުމެން ޕާޓީގެ އިދާރީ އިންތިޒާމުތައް ހަމަޖެހިފައި ހުރި ގޮތުން، ޕާޓީގެ ވަކި ބޭފުޅަކު ނެތުމަކުން އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަކަށް އެއްވެސް ހުރަހެއް ނާންނާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތްތައް އަމާޒުކުރެވިފައި އޮތީ މި އިންތިހާބު ކާމިޔާބު ކުރުމަށް،" ކަމަށެވެ.

"ވަކި ބޭފުޅެއްގެ ނަން ދަންނަވާކަށް ނެތިން، އެކަމަކު ވަކި ބޭފުޅަކު ނެތިގެން މި ޕާޓީއަށް އަންނާނެ ހީނަރު ކަމެއް ނެތް. މިއީ އުއްމީދެއް، މުސްތަގުބަލެއް އޮތް ޕާޓީއެއް،" އޭނާ ވިދާޅުވި އެވެ.

އިގްބާލް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެ ޕާޓީން އަންނަނީ ކުރަމުން ކަމަށާއި އެކި އަތޮޅުތަކުގައި ކެމްޕޭން ޓީމުތައް މިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މެއި 6 ގައި ބާއްވަން ނިންމާފައިވާ ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން 522 ކެންޑިޑޭޓުން ވާދަކުރެ އެވެ.