ކޮޕާ އެމެރިކާގެ ގްރޫޕް ސީގެ މެޗްތައް ރޭ ކުޅުނު އިރު ޕެރޫ އާއި އުރުގުއޭގެ މެޗް 1-1 އިން ހަމަ ހަމަވެ، ގޯލްޑްކަޕްގެ ޗެމްޕިއަން މެކްސިކޯ ބަލިކޮށްގެން ޗިލީ ހިންދެމިލައިފި އެވެ. ވަރުގަދަ އަދި ފޯމްގައި އޮތް މެކްސިކޯގެ މައްޗަށް ޗިލީ ގަދަވެގަތީ 2-1 ންނެވެ.

އުރުގުއޭ އާއި ޕެރޫ ބައްދަލުކުރި މެޗުގައި މޮޅުވެގެން އުރުގުއޭއަށް ތިން ޕޮއިންޓް ކަށަވަރު ނުކުރެވުނީ ލިބުނު ރަނުގެ ފުރުސަތުތައް ނިންމައިނުލެވުމުގެ ސަބަބުންނެވެ. ނަތީޖާއަކަށްވީ ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ފުރަތަމަ ޕެރޫއިން ފުރަތަމަ ލަނޑެއް ޖެހުމެވެ. މެޗްގެ 23 ވަނަ މިނެޓްގައި ޕެރޫއަށް ލަނޑު ޖަހައި ދިނީ ފޯވާޑް ޖޯސޭ ގުރޭރޯ އެވެ. އޭނާ ލަނޑުޖެހީ އުރުގުއޭގެ ދިފާއީ ކުޅުންތެރިން ޖައްސަން އުޅުނު އޮފްސައިޑް މަޅިން ސަލާމަތްވެގެން ކުރިއަރަ އެވެ. ހާފު ނިމުމުގެ ކުރިން އުރުގުއޭ އަށް ނަތީޖާ ނެރެދީ، ބައިނަލްއަގުވާމީ ތަރި، ލިވަޕޫލްގެ ލުއިސް ސްއަރޭޒް އެވެ. އޭނާ ގައުމީ ޓީމަށް ގޯލު ހަދިޔާ ކޮށްދިނީ ހާފްގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގަ އެވެ.

ދެވަނަ ހާފްގައި ވެސް މޮޅު ކުޅުމެއް ދެއްކި އުރުގުއޭ ޓީމަށް ލަނޑުޖާހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ. އޭގެ ތެރޭގައި ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ، އެތްލެޓިކޯ މެޑްރިޑްގެ ތަރި، ޑިއޭގޯ ފޯލާންއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެ ވެއެވެ. ނަމަވެސް މެޗްގެ ފުރިހަމަ ވަގުތު ނިންމައިލަން ޖެހުނީ ހަމަހަމަ ނަތީޖާގައި އޮވެގެނެވެ.

ގޯލްޑްކަޕްގެ ޗެމްޕިއަން މެކްސިކޯ އާއި ޗިލީ ވާދަކުރި މެޗުން ޗިލީ 2-1 ން ކުރި ހޯދީ ފަހަތުން އަރަ އެވެ. މެޗްގައި މެކްސިކޯގެ އެލެކްސެންޑްރޯ އަރޯޖޯ ރާޒޯ ޖެހި ލަނޑާއެކު ހިތްހަމަޖެހިލައިގެން ފުރަތަމަ ހާފު ނިންމާފައި ވަނިކޮށް ބަދަލުތަކާއެކު ދެވަނަ ހާފަށް ނުކުތް ޗިލީން މެކްސިކޯގެ ގޯލް ފޫދުއްވައިލީ 66 ވަނަ މިނެޓްގައި އެސްޓަބާން ޕަރެޑޭސް ޖަހައދިން ލަނޑުންނެވެ. ޗިލީގެ ދެ ވަނަ ލަނޑު އައީ އޭގެ ހަ މިނެޓް ފަހުންނެވެ. އާޓޫރޯ ވިޑާލްޑާގެ ލަނޑާއެކު މެކްސިކޯ ޕްރެޝަރަށް ވެއްޓުމުގެ ސަބަބުން ތިން ވަނަ ލަނޑެއް ޖަހާނެ ފުރުސަތު ވެސް ޗިލީއަށް ތަނަވަސްވެ ބޭނުން ނުހިފި ދިޔަ އެވެ.

ގްރޫޕް ސީގެ މިނަތީޖާގެ ސަބަބުން ޗިލީވަނީ ވަނީ އެ ފަޅީގެ އެއްވަނައަށް ޖެހިލާފަ އެވެ.