01 Apr 2017, 10:23
ޖެންޑާ މިނިސްޓްރީ އާއި އަނަންތަރާ ރިސޯޓްސް ގުޅިގެން، ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންނަށް ހާއްސަ އަންޓާންޝިޕް ޕޮރޮގްރާމެއް ފަށައިފި އެވެ.
އަނަންތަރާ ރިސޯޓްސްގެ އާންމު އިޖްތިމާއީ ހިދުމަތުގެ ގިތުގައި ކުރިއަށްގެންދާ "މައިނަރ ހޯޕް" ޕްރޮގްރާމް މެދުވެރިކޮށް، އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގާ އެ ތަމްރީނު ޕްރޮގްރާމް އިފްތިތާހުކޮށްދެއްވާފައި ވަނީ ހުކުރު ދުވަހު އެ ރިސޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމެވެ.
އެ ތަމްރީނު ޕްރޮގްރާމަކީ މަރުކަޒުގައި ދިރިއުޅޭ ކުދިންނަށް ވަޒީފާގެ މާހައުލުގައި ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށާއި އެކުދިންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ފަޖިކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އިއްޔެ އަނަންތަރާގައި ބޭއްވި ރަސްމިއްޔާތުގައި މެޑަމް ފާތުން އާއި ރިސޯޓްގެ އިސްވެރިންނާއި ޖެންޑާ މިނިސްޓްރީގެ އިސްވެރިން --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ
އެ ޕްރޮގްރާމްގައި މިއަހަރު ކުޑަކުދިންގެ ހިޔާގެ 16 އަހަރުން މަތީގެ ދެކުދިން ބައިވެރިވެ އެވެ.
އިއްޔެ އަނަންތަރާ ރިސޯޓްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު ޒެނީޝާ ވިދާޅުވީ، ހިޔާގައި އުޅޭ ކުދިން ބޭނުންތެރި ބަޔަކަށް ހަދައި މުޖުތަމައަށް ނެރުން މުހިންމު ކަމަށާއި އެކުދިންނަށް ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދެއްވާފައިވާތީ އަނަންތަރާ ރިސޯޓްސް އަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
އޭގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ހިޔާގައި އުޅޭ ކުދިންގެ ހުނަރާއި ގާބިލުކަން އިތުރުކޮށް، ކުދިން ބިނާކުރުމަށް އެފަދަ ތަފާތު ފުރުސަތުތައް ހޯދައިދިނުމަށް އެހެން ރިސޯޓްތަކާއި ކުންފުނިތަކުން މަސައްކަތްކުރާނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިއްޔެ އަނަންތަރާގައި ބޭއްވި ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު ވާހަކަ ދައްކަވަނީ --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ
އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ޖެންޑާ މިނިސްޓްރީ އާއި އަނަންތަރާ ރިސޯޓްސް އެއްބަސްވުމުގައި ސޮއިކުރުމަށް މިދިޔަ ޖެނުއަރީ މަހު ބޭއްވި ރަސްމިއްޔާތުގައި އަނަންތަރަ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވިދާޅުވީ އެފަދަ ޕްރޮގްރާމެއް ފެށުމުގެ ބޭނުމަކީ އެފަދަ ކުދިންނަށް މުޖުތަމައުގައި ބޭނުން ހިފޭ ހަރުދަނާ މީހަކަށް ވުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށެވެ.
އޭނާ ވިދާޅުވީ ކޮންމެ އަހަރަކު ވެސް އެފަދަ ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމްތަކުގެ ދަށުން ތަމްރީނު ލިބޭ ކުދިންނަށް އަނަންތަރާ އިން ހަތަރު ޑިޕާޓްމަންޓެއްގައި ތަޖުރިބާ ކުރުމުގެ ފުރުސަތު ދޭނެ ކަމަށާއި އެއަށްފަހު އެކުއްޖަކު ބޭނުންވާ ދާއިރާއަކުން ކުރިއަށްދިއުމުގެ ފުރުސަތު އަނަންތަރާއިން ދޭނެ ކަމަށެވެ.