ބޮލީވުޑުގެ ކާމިޔާބު ބަތަލާ ރާނީ މުކަރްޖީ އަދި ކާމިޔާބު ޑައިރެކްޓަރު އަދިއްތުޔަ ޗޯޕްރާގެ ގުޅުމަކީ ވަރަށް ސިއްރު ގުޅުމެކެވެ. ދެމީހުންގެ ކައިވެނި ވެސް ނިމިގެން ދިޔައީ ވަރަށް ސިއްރުންނެވެ. އަދި އެއަށްފަހު ފުރަތަމަ ދަރިފުޅު ވެސް ވަނީ ވަރަށް ބޮޑަށް އާންމުންގެ ލޯތަކަށް ސިއްރު ކޮށްފައެވެ.

ބޮލީވުޑުގެ ފަންނާނުން އެމީހުންގެ ދަރިން މީޑިއާ އާއި އާންމުންގެ ލޯތަކަށް ފޮރުވުމަކީ އާ ކަމެއް ނޫނެވެެ. އެކި މީހުން އެކަން ކުރަނީ އެކި ސަބަބު ތަކާ ހެދި އެވެ.

ރާނީ އަދި އަދިއްތުޔަގެ ފުރަތަމަ ދަރިފުޅު އަދީރާ އުފަންވެފައި ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. މިއަދާ ހަމައަށް ވެސް އަދީރާގެ އެއްވެސް ފޮޓޯއެއް އާންމު ކޮށްފައެއް ނުވެ އެވެ. އަދި ރާނީ ވެސް ވަނީ ވަރަށް ބޮޑަށް މީޑިއާ އާއި ސަޕޯޓަރުންނާ ދުރުވެފައެވެ.

ދާދި ފަހުން ރާނީ މިވަނީ އެކަމުގެ ސަބަބު ހާމަކޮށްފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ފޭސްބުކް ލައިވް މެދުވެރިކޮށް އޭނާގެ ސަޕޯޓަރުންނާ ވާހަކަ ދައްކަމުން، ރާނީ މިވަނީ އޭނާގެ ދަރިފުޅުގެ ފޮޓޯ އާންމު ކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

ނަމަވެސް އޭނާގެ ފިރިމީހާ އެގޮތް ބޭނުން ނުވާ ކަމަށާއި، ފިރިމީހާގެ ޕްރައިވެސީ އަށް ރާނީ އިހުތިރާމް ކުރާ ކަމަށް ބުންޏެވެ.

"އަހަރެންގެ ފިރިމީހާ އަކީ ވަރަށް ޕްރައިވެޓް މީހެއް. އަހަރެން ބޭނުންވޭ އަހަރެންގެ ހަޔާތުގެ ކަންކަން ސަޕޯޓަރުންނާ ހިއްސާ ކުރަން. އަދި އަދީރާގެ ފޮޓޯ އާންމު ކުރަން ވެސް ބޭނުން. އެކަމަކު އަހަރެން އިހުތިރާމް ކުރަން ފިރިމީހާގެ ޕްރައިވެސީ އަށް." ރާނީ ބުންޏެވެ.

ރާނީ ބުނީ ކިތަންމެ ބޮޑަށް ބޭނުންވި ނަމަވެސް، އަދިއްތުޔަ ގަބޫލު ނުވަނީސް، އަދީރާގެ އެއްވެސް ފޮޓޯ އެއް އޭނާ އާންމު ނުކުރާނެ ކަމަށެވެ.

ފިލްމީ ދާއިރާގެ މަސައްކަތް ތަކަށް ބަލާއިރު، ރާނީ މިހާރު އަންނަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އޭނާ އެނބުރި އަންނަ ފިލްމު 'ހިޗްކީ'ގެ ޝޫޓިން އަށް ތައްޔާރުވަމުންނެވެ.

ޔަޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށް، ސިދާރްތު ޕ.މަލޯތުރާ ޑައިރެކްޓް ކުރާ އެ ފިލްމުގައި ރާނީ އާއެކު ފެނިގެން ދާނީ ކޮން ފިރިހެން އެކްޓަރެއް ކަން އަދި ޔަގީން ނުވެ އެވެ.