ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ޓީވީ ޑްރާމާ ސިލްސިލާ، 'ދިޔާ އޯރް ބާތީ ހަމް' ގެ ފިރިހެން ލީޑު ރޯލުން ފެނިގެން ދިޔަ އެކްޓަރު އަނަސް ރާޝިދު ކައިވެނި ކުރަން ތައްޔާރު ވެއްޖެ އެވެ.

އަނަސް އެ ޑްރާމާ ގައި އަދާކޮށްފައި ވަނީ 'ސޫރަޖް' ގެ ރޯލެވެ.

ޚަބަރުތައް ބުނާ ގޮތުން އަނަސް ކައިވެނި ކުރަނީ އޭނާގެ އުފަން އަވަށުގެ ކުއްޖެއް ކަމަށްވާ ހީނާ އާއެވެ. ހީނާ އަކީ އަނަސްގެ މައިންބަފައިންގެ ހޮވުމެކެވެ.

އަނަސް ވަނީ އޭނާ ކައިވެނި ކުރާނީ މައިންބަފައިން ގަބޫލު ކުއްޖަކާ ކަމަށް މީގެ ކުރިން ވެސް ބުނެފައެވެ. އުމުރުން 38 އަހަރުގެ އަނަސް އަށް ވުރެ ހީނާ 14 އަހަރު ކުޑަކެވެ.

ކައިވެނި ކުރާނެ ސީދާ ތާރީޚު އަދި ހާމަކޮށްފައި ނުވި ނަމަވެސް، މި އަހަރުގެ ތެރޭގައި ކައިވެނި ކުރާނެ ކަމަށް އަނަސް ވަނީ ބުނެފައެވެ. އަދި ކައިވެނި ނުކޮށް ލަސްކޮށްފައި ވަނީ 'ދިޔާ އޯރް ބާތީ ހަމް' ގެ މަސައްކަތް ނުނިމޭތީ ކަމަށް އަނަސް ބުންޏެވެ.

އަނަސްގެ ކައިވެނީގެ ކަންކަން މިހާރު ކުރިއަށް ދާއިރު، އޭނާ އާއި 'މިލޭ ޖަބް ހަމް ތުމް' ގެ ބަތަލާ ރާތީ ޕާންޑޭ އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު ފެތުރިފައިވެ އެވެ. ނަމަވެސް ރާތީ އަދި އަނަސް ވެސް އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.