01 Apr 2017, 08:58
ބޮލީވުޑުގެ އެކްޓަރު ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުތުއަށް ފިލްމު ކުޅެން ގިނަ ހުށަހެޅުންތަކެއް ލިބެމުން އެބަ ދެއެވެ.
ފިލްމީ ދާއިރާގައި ނޫޅޭ އަނބިންނަށް ބޮލީވުޑު ފިލްމު ކުޅެން ފުރުސަތުތައް ލިބުމަކީ އެހާ އާންމު ކަމެއް ނޫނެވެ. މަޝްހޫރު އެކްޓަރުންގެ މަޝްހޫރު ނޫން އަނބިން އުޅެނީ ވަރަށް ފޮރުވިގެންނެވެ.
ނަމަވެސް މީރާ އާއި ޝާހިދުގެ ވާހަކަ ތަފާތެވެ. ފިލްމު އުފައްދާ ފަރާތްތަކުގެ އެހާބޮޑު ސަމާލުކަމެއް މީރާއަށް ހުއްޓުނީ ޝާހިދު އާ ދެމީހުން އެކުގައި ގިނަ ފޮޓޯތަކެއް އާންމު ކުރުމުގެ އިތުރުން، ރެޑް ކާޕެޓް ތަކުންނާއި، ޓޯކް ޝޯވ ތަކުގެ އިތުރުން ވެސް އެހެނިހެން ހުރިހާ ކަމެއްގައި ޝާހިދު އާއެކު މީރާ ވަރަށް އެކްޓިވް ކޮށް ހަރަކާތްތެރި ވާތީ އެވެ.
ދެމީހުންގެ ފަރާތުން އެންމެ ބޮޑަށް ފާހަގަ ވަނީ އެ ދެމީހުންގެ ދެމެދުގައިވާ ކެމިސްޓްރީ އެވެ. ޚަބަރުތައް ބުނާގޮތުން، ފިލްމު ކުޅެން ގިނަ ހުށަހެޅުންތަކެއް ލިބިފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ޝާހިދު އާއެކު ފިލްމު ކުޅުމަށް ލިބޭ ހުށަހެޅުންތައް ކަމަށެވެ.
ޝާހިދު ވެސް ވަނީ މީރާގެ މަޝްހޫރުކަން ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނަ ކަމަށާއި، އަދި ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ ކަމަށް ބުނެފައެވެ.
ނަމަވެސް 22 އަހަރުގެ މީރާ މިހާތަނަށް ވަނީ ހުރިހާ ހުށަހެޅުމަކަށް ވެސް އިންކާރު ކޮށްފައެވެ.