01 Apr 2017, 02:12
އިނގިރޭސި ޓީވީ ހޯސްޓް އަދި މޮޑެލް ކޭޓީ ޕްރައިސް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ތެރޭގައި، ބަރަހަނާކޮށް އުޅުނު މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާއިފިނަމަ އެ މައްސަލަ ބަލާނެ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
ކޭޓީ ޕްރައިސާއި އޭނާގެ ފިރިމީހާ ކީރަން ހޭލަރ އަދި ފަސް ދަރީން ޗުއްޓީއަށް ރާއްޖެ އައީ މިދިޔަ ހަފްތާއެވެ. އެ އާއިލާ ޗުއްޓީ ހޭދަކުރަމުން ދަނީ ދ. އަތޮޅު ކަނޑިންމަ ރިސޯޓުގައެވެ.
ކޭޓީ ޕްރައިސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ އިރު، އޭނާ އެ ރިސޯޓުގެ ބީޗުގައި ބަރަހަނާ ހާލުގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް އިންޓަނެޓުގައި ވަނީ އާންމުވެފައެވެ.
އިނގިރޭސިވިލާތުގެ "ދަ ސަން" ނޫހަށް މައުލޫމާތު ދެމުން، ދިވެހި ފުލުހުން ބުނީ ބަރަހަނާކޮށް އުޅުމަކީ ރާއްޖޭގައި ހުއްދަ ކަމެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ދިވެހި ފުލުހުންނަށް ހުށަހަޅައިފި ނަމަ އެ މައްސަލަ ތަހުގީގުކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
"މިއީ ތެދެއް ނަމަ، އަދި މި މައްސަލަ ފުލުހަށް ހުށަހަޅައިފި ނަމަ އެ މައްސަލަ ތަހުގީގު ކުރާނަން. މިއީ ރއްޖޭގެ ގާނޫނާ ޚިލާފު ކަމެއް. އަދި ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކަން ބެލޭނެ،" ދަ ސަން ނޫހަށް ދިވެހި ފުލުހުން ބުންޏެވެ.