31 Mar 2017, 22:47
އަންނަ ހަފްތާގެ ބުދަ ދުވަހު އޮލިމްޕަސް ސްކްރީންގައި ޑާކްރެއިން އެންޓަޓެއިންމެންޓުން އަޅުވަން ތައްޔާރުވެފައިވާ ކޮމެޑީ ރޮމޭންޓިކް ފިލްމު،"މީ ލޯތްބަކީ"ގެ ދެވަނަ ޕްރޮމޯޝަނަަލް ލަވަ ރިލީޒްކޮށްފިއެވެ. މިފަހަރު ގެ ލަވައަކީ މަޝްހޫރު ޑިޓިއުން ބޭންޑުގެ "ހީލާ ހަދާލަން" އެވެ.
ލަވަ ފެށިގެން އަންނަނީ ފްލައިޓެއް ޑިލޭ ވުމުގެ ސަބަބުން ބޯޓުގައި ތިބި އެންމެން ފޫހި ވެފައި ވަނިކޮށެވެ. އެ ފިލްމުގެ ދެވަނަ ލަވަ "ހީލާ ހަދާލަން" އިން ބޯޓުގައި ތިބި އެންމެންގެ ފޫހިކަން ފިލުވަދެނީ ބޭންޑުގައި ހިމެނޭ ހަަމަ އެކަނި އަންހެން ތަރި ފާތިމަތު ފެޒްލީން (ފެޒޫ) އެވެ. ފޯރިގަދަ ލަވައިން އެންމެން ހެއްވާލީއެވެ.
އިއްޔެ މެންދުރުގެ ވަގުތެއްގައި ލަވަ ރިލީޒްކޮށްފައި ވާއިރު އެ ލަވަ އާ ގުޅޭގޮތުން ފެޒޫ ބުނީ، "ހީލާ ހަދާލަން" އެއީ އޭނާ އަށް ވަރަށް ހާއްސަ ލަވައެއް ކަމަށާއި އެ ލަވަ އަކީ އަނެއްކާވެސް ޑިޓިއުން ބޭންޑުގެ ހާއްސަ ލަވައަކަށް ވާނެ ކަމަށެވެ.
"އަސްލު އެ ލަވަ އަކީ އަޅުގަނޑުގެ ލައިފާ ވެސް ވަރަށް ގުޅުން ހުރި ލަވައެއް. މިއީ އަނެއްކާވެސް ޑިޓިއުން ބޭންޑުގެ ވަރުގަދަ އުފެއްދުމެއް،" ފެޒޫ ބުންޏެވެ.
ފިލްމުގެ ބައެއް ތަރިންނާއެކު މުޅި ޖުމްލަ 60 ވަރަކަށް މީހުން ހިމަނައިގެން ލަވައިގެ ހުރިހާ މަންޒަރެއް މެގަ މޯލްޑިވްސް ގެ ފްލައިޓެއްގެ ތެރޭގައި ޝޫޓް ކޮށްފައިވާއިރު އެ ލަވަ އިވިގެން ގޮސްފައިވަނީ ފެޒޫގެ އަޑުންނެވެ.

ޑިޓިއުން ބޭންޑުގެ "ހީލާ ހަދާލަން" ލަވައިގައި ފެޒޫ---
ފެޒޫ ބުނީ، ޑާކްރެއިން އެންޓަޓެއިންމެންޓަކީ އޭނާ އާ އަބަދުވެސް ގުޅުން އޮންނަ ޕްރޮޑަކްޝަނެއް ކަމަށާއި "މީ ލޯތްބަކީ" ގައި އެ ލަވަ ހިމެނުމުން ވަރަށް އުފާވި ކަމަށެވެ. އަދި މިދިޔަ އަހަރު މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކޮށްފައިވާ "ވާށޭ މަށާ އެކީ" ގައިވެސް އެ ބޭންޑުގެ ލަވައެއް ހިމެނިފައިވާނެ ކަމަށް އޭނާ ބުންޏެވެ.
"މިފަހަރުގެ ލަވަ މީ މީގެ ކުރިން ވީޓީވީން ދެއްކި ޝޯ އެއްގަ ފެޒޫ މެން ކިޔާފަ އިންނަ ލަވައެއް. ދެން މޮގާ އަށް އެ ލަވަ ކަމުގޮސްގެން އެދުނީ އެ ފިލްމުގެ އެލަވަ ހިމަނަން. އަބަދުވެސް އަޅުގަނޑު ވަރަށް ގުޅުން އޮންނާނެ ޑާކްރެއިން އެންޓަޓެއިންމެންޓާ. ވަރަށް އުފާވޭ އެ ފިލްމުން އަޅުގަނޑުމެންގެ ލަވައެއް އިތުރަށް ޕްރޮމޯޓް ވާތީ،" ފެޒޫ ބުންޏެވެ.
އެ ލަވައަކީ ބުރަ މަސައްކަތެއް ކޮށްގެން ޝޫޓު ކޮށްފައިވާ ލަަވައެއް ކަމަށާއި މެގަ މޯލްޑިވްސްގެ ފަަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށް ވެސް ފެޒޫ ބުންޏެވެ.
ލަވައާ ގުޅޭގޮތުން ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު މޮގާ ބުނީ، އެ ލަވަ އަކީ ފިލްމުގެ ވަރަށް ހާއްސަ ލަވައެއް ކަމަށާއި ލަވައަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި އެއީ މިހާތަނަށް ރާއްޖޭގައި ފްލައިޓެއްގެ ތެރޭގައި ޝޫޓް ކުރި ފުރަތަމަ ލަވަ ކަމަށް ވެސް އޭނާ ބުންޏެވެ.
" މީ ލޯތްބަކީ" ފިލްމުގެ ދެވަނަ ޕްރޮމޯޝަނަލް ލަވަ "ހީލާ ހަދާލަން"-
މި މަހުގެ ސާދަ ވަނަ ދުވަހު އޮލިމްޕަހުން "މީ ލޯތްބަކީ" ގެ ޓިކެޓް ވިއްކަން ފަށާފައިވާއިރު ޓިކެޓްގެ ސޭލްސް ވެސް ވަރަށް ރަނގަޅު ކަމަށާއި ފިލްމުގެ އޮފިޝަލް ޓްރެއިލާ އަށާއި ފުރަތަމަ ލަވައަށް ވެސް ބޮޑު ތަރުހީބެއް ލިބުނުކަމަށް އޭނާ ބުންޏެވެ.
ބޮޑު ކާސްޓެއް ފެނިގެންދާ އެ ފިލްމުގެ ލީޑު ރޯލުން މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަ އާއި ޖުމައްޔިލް ނިމާލް ފެނިގެންދާނެ އިރު މުޅިން އަލަށް ދާއިރާއަށް ތައާރަފްވާ ތަރިންވެސް ފެންނާނެއެވެ.
ފިލްމު ދެއްކުމަށް އޮލިމްޕަސް ތައްޔާރުކުރަމުން އަންނަ އިރު އެ ފިލްމުގެ ޓީމުން ދަނީ ފިލްމުގެ ޕްރިމިއަރ ނައިޓަށް ވެސް ޚާއްސަ ހަރަކާތްތަކެއް ރާވަމުންނެވެ.