ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ދިދަ އާއި ނަންބޯޑު ފުލުހުން ގެންގޮސްފި އެވެ.

މިރޭ 7:00 ހާއިރު އެސްއޯ ފުލުހުންގެ ޓީމެއް ގޮސް ވަނީ ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ނަންބޯޑު ނެއްޓުމަށްފަހު، އެ އޮފީހުގެ ގޭޓުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އެތަނުގައި ނަގާފައިހުރި ޕީޕީއެމްގެ ދިދަ ވެސް ގެންގޮސްފައެވެ.

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ދިދަ އާއި ނަންބޯޑު މިއަދު 6:00 ގެ ކުރިން ނެގުމަށް ފުލުހުން މިއަދު ވަނީ އެންގުމެއް އަންގައިފައެވެ. ފުލުހުންގެ އެންގުމުގައި ވަނީ އެ އެންގުމާ ޚިލާފުވެގެން ފުލުހުން އެތަނުން ނަންބޯޑާއި ދިދަ ނަގަންޖެހިއްޖެ ހާލަތެއްގައި ނަގާނެ ކަމަށާއި ނެގުމުގެ ތެރޭގައި ތަނަށް އަދި އެއްޗަކަށް ލިބޭ ގެއްލުމެއްގެ ޒިންމާ ނެގެން ނޯންނާނެ ކަމަށެވެ.

ޕީޕީއެމްގެ ރައީސްގެ އޮފީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ސިވިލް ކޯޓުން ރޭ ނެރުނު އަމުރުގައި ވަނީ އެ ކޯޓުގެ ހުކުމަކުން ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރާ ހަވާލުކޮށްފައިވާ ކަމަށާއި އެ ހުކުމުގެ ބާރު ނަފީވާ ގޮތަށް ހުކުމަށް ކިޔަމަންވެ ތަބާވުމެއް ނެތި ޕީޕީއެމްގެ ރައީސްގެ ނަމުގައި އޮފީހެއް ހަދައި ޕީޕީއެމްގެ ޕީޕީއެމްގެ ނަމުގައި ޖަލްސާތަކާއި ހަރަކާތްތައް ހިންގައި ހެދުމަކީ އެ ހުކުމް ތަންފީޒު ކުރުމަށް ހުރަސްއެޅުމުގެ ގޮތުން ހިންގާ ހަރަކާތްތަކާއި އަމަލުތަކެއް ކަމަށެވެ.

އެހެންކަމުން ޕީޕީއެމްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގަމުންދާނަމަ އެކަމެއް ހުއްޓުވުމަށާއި ހ. ތެމާގައި ހަދާފައިވާ ޕީޕީއެމްގެ ރައީސްގެ އޮފީހުގައިވާ ދިދަ ނަގައި އެތަނުގައި ޕީޕީއެމްގެ ހަރަކާތެއް ހިންގިޔަ ނުދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށް އެ އަމުރުގައިވެ އެވެ.

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ ގެންދިޔައިރު ރައީސް މައުމޫންގެ ސަޕޯޓަރުން ވަނީ އެ ސަރަހައްދަށް އެއްވެ، އެކަމާ ދެކޮޅަށް އަޑުއުފުލައިފައެވެ.

އެ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ވިދާޅުވީ ނަންބޯޑާއި ދިދަ ގެންދިޔަޔަސް ރައީސް މައުމޫނަށް ދިވެހީން ކުރާ ތާއީދު ގެއްލުވައި ނުލެވޭނެ ކަމަށެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ވައްޑޭ ވިދާޅުވީ އެފަދަ ކަންތައްތަކުގެ ސަބަބުން ރައީސް މައުމޫނަށް ތާއީދު އަންނަނީ އިތުރުވަމުން ކަމަށެވެ.

ފުލުހުން މިހާރު ވަނީ ޕީޕީއެމްގެ ރައީސްގެ އޮފީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ އޮފީހުގެ ބޭރުގައި އަދިވެސް އެސްއޯ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.