31 Mar 2017, 19:11
ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގައި ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް،ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން އެކުލަވައިލި ވޯލްޑް ކަޕް ޕްރޮޕޯސަލްގައި، އޭޝިއާގެ ގައުމުތަކަށް އަށް ޖާގަ ލިބޭގޮތަށް ހަމަޖައްސައި، ޕްލޭއޮފް ކުޅޭނޭ ގޮތް ހާމަކޮށްފިއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފެންޓިނޯއާއި ފީފާގެ ހަ ކޮން ކޮންފެޑެރޭޝަންގެ ރައީސުން ހިމެނޭ ފީފާ ކައުންސިލް ބިއުރޯއިން ފާސްކޮށްފައިވާ އެ ހުށަހެޅުން، އަންނަ މޭ މަހުގެ 9 ވަނަ ދުވަހު ތަސްދީގުކުރާނޭކަމަށް ބެލެވެއެވެ.
ސްވިޓްޒަލޭންޑްގެ ޒިއުރިކްގައި ހުންނަ ފީފާގެ މައި އިދާރާގައި ބުރާސްފަި ދުވަހު ބޭއްވި ބައްދަލުވުމުގައި އެ އިދާރާގެ ރައީސާއި ހަ ކޮންފެޑެރޭޝަންގެ ރައީސުން ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޓީމުތަކަށް ޖާގަ ދޭނޭ ގޮތާއި، އަދި ޕްލޭއޮފް ކުޅޭނޭ ގޮތްތައް ކަނޑައަޅައި އެއްބަސްވުމަކަސް އައިސްފައެވެ.
"ހުށަހެޅިފައިވާ ރެކޮމެންޑޭޝަންތައް ތައްދީގުކުރުމަށް، ފީފާގެ 67 ވަނަ ކޮންގްރެސްގެ ދެދުވަސް ކުރީން، މޭމަހުގެ 9 ވަނަ ދުވަހު ބަހުރެއިންގެ މަނާމާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކައުންސިލް ބައްދަލުވުމަށް ހުށަހެޅޭނެ،" ފީފާއިން ބުނެފައިވެއެވެ.
ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު އިތުރުކުރުމަށް ނިންމާފައިވާއިރު، އަދިވެސް އެންމެ ގިނަ ޖާގަތައް ލިބެނީ ޔޫރަޕަށެވެ. އެގޮތުން ކުރީން، ޔޫރަޕަށް ލިބޭ 13 ޖާގައިގެ ބަދަލުގައި މިހާރު އެ ސަރަހައްދަށް 16 ޖާގަ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިހާރު ހަމަޖެހިފައިވާ ގޮތުން ކޮންމެ ބައްރަކުންވެސް، މަދުވެގެން އެއްޓީމު ޕްލޭއޮފްގެ ކުރީން މުބާރާތަށް ކޮލިފައިވާނެއެވެ. ހަމައެހެންމެ ކުރިއެކޭ އެއްގޮތަށް މިހާރުވެސް މުބާރާތް ބާއްވާ ގައުމަށް އޮޓޮމެޓިކް ޖާގައެއް ލިބޭނެއެވެ.
ޖާގަތައް ބެހިފައިވާ ގޮތް
- އެފްރިކާ - 9 ޖާގަ (ކުރީން 5)
- އޭޝިއާ 8 ޖާގަ (ކުރީން 4 ނުވަތަ 5)
- ޔޫރަޕް 16 ޖާގަ (ކުރީން 13 ޖާގަ)
- އުތުރު، މެދުތެރޭ އެމެރިކާ އަދި ކެރީބިއަން 6 ޖާގަ (ކުރީން 3 ނުވަތަ 4)
- އޯޝޭނިއާ 1 (ކުރީން 0 ނުވަތަ 1)
- ދެކުނު އެމެރިކާ 6 ޖާގަ (ކުރީން 5 ނުވަތަ 6)
މިހާރު ހުށަހެޅިފައިވާ ގޮތަށް އެ ޕްރޮޕޯސަލް ތަސްދީގުކުރުމަށް ނިންމައިފި ނަމަ، ޔޫރަޕް ފިޔަވައި ކޮންމެ ކޮންފެޑެރޭޝަނަކުން ވެސް، އެއް ޓީމު، ފައިނަލް ޓީމަކަށް މުބާރާތް ބާއްވާ ގައުމު ހިމެނޭގޮތަށް ޕްލޭއޮފް މުބާރަތަށް ނެގޭނެއެވެ.
ދެޓީމެއް ނަގާނީ، ފީފާ ރޭންކިންއަށް ބަލައިފައެވެ. އަދި ނޮކްއައުޓް ދެ މެޗު ކުޅުމަށްފަހު ސީޑް ނުކުރާ ހަތަރު ޓީމެއް ހިމެނޭގޮތަށް ޖުމުލަ ހަ ޓީމު ޕްލޭއޮފްގައި ވާދަކުރާނެއެވެ. އެގޮތުން ޕްލޭއޮފް ކުޅޭނީ މުބާރާތް ބާއްވާ ގައުމުގައި 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
ވޯލްޑް ކަޕްގެ ޖާގަ އިތުރުކުރުމަކީ ފީފާގެ މިހާރުގެ ރައީސްގެ ކެމްޕޭނު ވައުދެކެވެ. އެގޮތުން ޖެނުއަރީ 10ގައި ފީފާގެ ކައުންސިލްގެ އިއްތިފާގުން ނިންމާފައި ވަނީ މުބާރާތް އިތުރަށް ފުޅާކޮށް 48 ޖާގައަށް އިތުރުކުރުމަށެވެ.