31 Mar 2017, 16:24
ބަންގްލަދޭޝްގައި މަރުވި ދިވެހި ދަރިވަރު އަދި މޮޑެލް ރައުދާ އާތިފްގެ އާއިލާގެ ރުހުމާ އެކު، އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދައިފިއެވެ.
ބަންގްލަދޭޝްގެ ރާޖްޝާހީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި އެމްބީބީއެސް ހަދަމުން ދިޔަ 20 އަހަރުގެ ދިވެހި ދަރިވަރު މަރުވެފައި ހުއްޓާ ފެނުނީ ބުދަ ދުވަހު، ކޮލެޖުގެ ޑޯމިޓޯރީގައި އޭނާ ދިރިއުޅޭ ކޮޓަރިންނެވެ.
ރައުދާ މަރުވެފައި ހުއްޓާ ފެނުނީ އޭނާގެ އެކުވެރިންނަށެވެ. ދާކާ ޓްރިބިއުން ނޫހުން ބުނާ ގޮތުގައި އިއްޔެ ހެނދުނު ރައުދާ ކޮޓަރިން ނުނިކުމެގެން، އޭނާގެ އެކުވެރިން އެ ކޮޓަރީގެ ކުޑަދޮރުން އެތެރެ ބެލި އިރު، ފެނުނީ ރައުދާ ދަންޖެހިފައި ހުއްޓައެވެ.
"ސަން"އަށް މިއަދު މައުލޫމާތު ދެއްވަމުން، ބަންގްލަދޭޝްގެ ރާޖްޝާހީ މެޓްރޮޕޮލިޓަން ޕޮލިސްގެ ދަށުން ހިންގާ މޮތިހަރު ތާނާ ޕޮލިސް ސްޓޭޝަނުގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ސުޝާންތު ޗަންދްރާ ރޯއީ ވިދާޅުވީ، ރައުދާ އާތިފްގެ އާއިލާގެ ރުހުމާ އެކު ރައުދާގެ ހަށިގަނޑު އޮޓޮޕްސީ މިއަދު ހަދާފައިވާ ކަމަށެވެ.
ޗަންދްރާ ރޯއީ ވިދާޅުވި ގޮތުގައި، ރައުދާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދީ ރާޖްޝާހީ މެޑިކަލް ކޮލެޖު ހޮސްޕިޓަލުގައެވެ.
"މިހާރު މެޑިކަލް ޕްރޮފެޝަނަލުން ދަނީ ރިޒަލްޓްސް އެނެލައިޒް ކުރަމުން. އެނެލައިޒްކޮށް ނިމުމުން އެމީހުންގެ އޮޕީނިއަނާ އެކު އެނެލިސިސް ރިޕޯޓު އާންމުކުރާނެ،" އޭސީޕީ ޗަންދްރާ ރޯއީ ވިދާޅުވިއެވެ.
ރައުދާގެ އާއިލާއާ ގާތް ފަރާތަކުން "ސަން"އަށް ބުނި ގޮތުގައި، އޮޓޮޕްސީ ހެދުމަށް އެ އާއިލާއިން އެއްފަހަރުވެސް އިންކާރު ކޮށްފައެއް ނުވެއެވެ.
ރައުދާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމާ ބެހޭގޮތުން މިއަދު މީޑިއާގައި ވަނީ ފުށުއެރުންތަކެއް ހުރި ޚަބަރުތަކެއް އާންމުވެފައެވެ. އޭގެ ތެރޭގައި، އޮޓޮޕްސީ ހެދުމަށް ރައުދާގެ އާއިލާއިން އިންކާރުކުރި ކަމަށް، ްނާއި އަދި އެނޫންވެސް ބައެއް މީޑިއާތަކުން ޚަބަރުތައް ފެތުރި އިރު، އާއިލާއިން އެކަމަށް އިންކާރު ނުކުރާކަމަށް ވެސް ބައެއް ޚަބަރުތައް ފެތުރުނެވެ.
ފުށުއެރުންތަކަކާ އެކު ޚަބަރުތަކެއް މިއަދު ފެތުރެމުން ދިއުމާ ގުޅިގެން، ދިވެހި ފުލުހުން ޓްވިޓާ މެދުވެރިކޮށް ވަނީ، އެފަދަ ގޮތަށް ޚަބަރު ނުފެތުރުމަށް މީޑިއާއަށް އިލްތިމާސްކޮށްފައެވެ. އަދި މިވަގުތު ރައުދާގެ އާއިލާއަށް އިހުތިރާމުކުރުމަށްވެސް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.
ރައުދާ މަޝްހޫރުވެފައި ވަނީ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފޮޓޯއަކުންނެވެ. އެއީ ފޮޓޯގްރަފަރު ޝިފާޒް ޝައްމޫން ނަގާފައިވާ "މޯލްޑިވިއަން ގާލް ވިތު އަކުއާ ބްލޫ އައިސް"ގެ ނަމުގައި އާންމުވި ފޮޓޯއެކެވެ.
އެއަށް ފަހު މަޝްހޫރު ފެޝަން މެގަޒިން "ވޯގު އިންޑިއާ"ގެ، ރައުދާ ފީޗަރ ކޮށްފައި ވެސްވެއެވެ.