31 Mar 2017, 16:34
އަންކަރާ(މާޗް 31): ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ވެރިކަމުން ދުރުކުރުމަކީ އެމެރިކާގެ ކަމެއްނޫންކަމަށާ އެއީ ސޫރިޔާގެ ރައްޔިތުންގެ ކަމެއްކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލާސަން ވިދާޅުވެއްޖެއެވެ.
ތުރުކީއަށް ކުރައްވާ ދަތުރުފުޅެއްގައި އަންކަރާގައި ދެއްވި ބަޔާނެއްގައި ޓިލާސަން ވިދާޅުވީ ރައީސް ބައްޝާރުގެ މުސްތަގްބަލާމެދު ގޮތެއް ނިންމާނީ ސޫރިޔާގެ ރައްޔިތުން ކަމުގައެވެ. އެހެންކަމުން ބައްޝާރު ގަދަބާރުން ވެރިކަމުން ދުރުކުރުމުގެ މައްސަލާގައި އެމެރިކާގެ މިހާރުގެ ސަރުކާރުގެ ސިޔާސަތުވެސް ހުރީ އޮބާމާގެ ސަރުކާރުގެވެސް ސިޔާސަތު އޮތް ގޮތަށްކަން މިވަނީ ހާމަވެފައެވެ. އަދި މިއީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ބައްޝާރަށް ވާގިވެރިވާ ދެގައުމު ކަމަށްވާ ރަޝިޔާއާއި އީރާނުގެ ސިޔާސަތުވެސް ބިނާވެފައިވާގޮތެވެ.
ކޮންމެގޮތެއް ހަދާފައިވެސް އަދި ކޮންމެ އަގެއް ދައްކައިގެން ނަމަވެސް ބައްޝާރު ވެރިކަމުން ދުރުކުރުމުގެ ސިޔާސަތަކީ ސޫރިޔާގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކާއި އެޖަމާއަތްތަކަށް އެހީތެރިވާ ތުރުކީއާއި ސައޫދީ އަރަބިޔާއާއި ގަތަރުން ގެންގުޅޭ ސިޔާސަތެކެވެ. މިއީ މިތިން ގައުމުގެ އަމިއްލަ މަސްލަހަތަށްޓަކައި މިގައުމުތަކުން ގެންގުޅޭ ސިޔާސަތެއްކަމަށް ވަނީ ބެލެވިފައެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނީވެސް އަދި މިހަނގުރާމަ 6 އަހަރަށް ދިގުލައިގެންގޮސް ސޫރިޔާގެ އެތަށް ލައްކަ ބަޔަކު މަރުވެ އެގައުމުގެ ބޮޑުބައި ހަލާކުވެ ވީރާނާވެގެން ދިޔައީވެސް ބައްޝާރު ވެރިކަން ގަދަބާރުން ވައްޓާލުމަށް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކާއި އެޖަމާއަތްތަކަށް ވާގިވެރިވާ ތުރުކީއާއި ސައޫދީ އަރަބިޔާއާއި ގަތަރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުންނެވެ.
ބައްޝާރުގެ ވެރިކަން ވައްޓާލުމުގެ ސިޔާސަތު ނާކާމިޔާބުވެ 6 އަހަރަށް ސޫރިޔާގެ ހަނގުރާމަ ދިގުލައިގެން ދިޔަ ނަމަވެސް މިފަރާތްތަކުގެ ސިޔާސަތާ ވިސްނުން އަދިވެސް ހުރީ ހަމައެގޮތަށެވެ. އެމެރިކާގެ ޚާރިޖީ ވަޒީރުގެ މިބަޔާނަކީ ބައްޝާރު ވެރިކަމުން ދުރުކުރުމަށް އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިސްކަން ދޭނެކަމަށް ނޫނީ އެކަމަށް ޓްރަމަޕްގެ ސަރުކާރުން މަސައްކަތްކުރާނެ ކަމަށް އުންމީދުކޮށްގެންތިބި ގަތަރާއި ސައޫދީ އަރަބިޔާ ކަންބޮޑުވާނެ ކަމެއްކަމަށް މުރާސިލުން ބުނެއެވެ.
ގަތަރާއި ސައޫދީ އަރަބިޔާ، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރު ދެކެވެސް ހިތްހަމަ ނުޖެހުނީ ބައްޝާރުގެ ވެރިކަން ވައްޓާލުމަށްޓަކައި އެމެރިކާ ސިފައިން ސޫރިޔާއަށް ފޮނުވުމަށް އޮބާމާ ފަސްޖެހިވަޑައިގަތުމުގެ އިތުރުން ބައްޝާރުގެ ވެރިކަން ވައްޓާލުމަކީ އެމެރިކާގެ ސިޔާސަތެއްނޫންކަން އޮބާމާގެ ސަރުކާރުން ހާމަކުރުމާ ގުޅިގެންނެވެ.
އޮބާމާގެ ފަސްޖެހުމާއެކު މިދެ ގައުމުގެ އިސް މަސްއޫލުވެރިންވަނީ ޓްރަމްޕްގެ ސަރުކާރުން ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް އަސްކަރީ ގޮތުން އެހީތެރިވެދޭނެ ކަން ދޭހަވާގޮތަށް ވާހަކަ ދައްކާފައެވެ. ބައްޝާރު ވެރިކަމުން ދުރުކުރުމަކީ އެމެރިކާ އިސްކަން ދޭ ކަމެއްނޫންކަމަށް ވިދާޅުވެ އދ. ގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންދޫބު ނިކީ ހެލީ އިއްޔެ ވާހަކަ ދެއްކެވުމުން ނިޔުޔޯކްގައި ހުންނަ އެމެރިކާގެ މިޝަން އިންވަނީ ނިކީގެ ވާހަކަތައް ހުރީ އޮޅޭގޮތަށް ކަމަށް ބުނެ ބައްޝާރުގެ ވެރިކަން ވައްޓާލުމަކީ އެމެރިކާ އިސްކަން ދިނުމާއި ނުދިނުމުގެ މައްސަލައެއް ނޫންކަމަށާ އެއީ އެމެރިކާގެ ސިޔާސަތެއްނޫން ހާމަކޮށް ބަޔާނެއް ނެރެފައެވެ.
ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދަކީ ހަރުކަށި ޑިކްޓޭޓަރެއް ނަމަވެސް އޭނާގެ ވެރިކަން ގަދަބާރުން ވައްޓާލައިފިނަމަ ސޫރިޔާއަށްވެސް ވެގެންދާނީ ލީބިޔާގެ ހަރުކަށިވެރިޔާ ކާނަލް މުއައްމަރުލްގައްޒާފީގެ ވެރިކަން ގަދަބާރުން ވައްޓާލުމުން ވެގެންދިޔަ ގޮތްކަމަށް ބެލެވިފައިވެއެވެ. ގައްޒާފީގެ ވެރިކަން ވައްޓާލުމަށްފަހު ލީބިޔާގައިވަނީ ވެރިކަމުގެ އަރާރުންތައް އިތުރަށް ބޮޑުވެ ވާދަވެރި ތިން ސަރުކާރު އުފެދިފައެވެ. ބައްޝާރު ވެރިކަމުން ވައްޓާލަން މަސައްކަތްކުރާ އެތަށް ސަތޭކަ ޖަމާއަތެއް ސޫރިޔާގައި ހަރަކާތްތެރިވާއިރު މިއިން ކޮންމެ ޖަމާއަތަކީ އަނެއް ޖަމާއަތާ ދެކޮޅަށްވެސް މަސައްކަތްކުރާ ވާދަވެރި ޖަމާއަތްތަކެކެވެ. ވެރިކަން ހޯދަން އުޅޭއިރު މިހާ ވާދަވެރި އަރާރުންތައް ބޮޑު ޖަމާއަތްތަކަކަށް ވެރިކަން ލިބެއްޖެނަމަ ސޫރިޔާ ދެތިން ގައުމަކަށް ފަޅިފަޅިވެ އެގައުމުތަކުގެ މެދުގައި ވަރުގަދަ ހަނގުރާމަތަކެއް އުފެދިގެންދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ. (ނޫސްއެޖެންސީތައް)