31 Mar 2017, 13:36
ޝްރައްދާ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު، 'ހަސީނާ: ދަ ކުއީން އޮފް މުމްބާއީ'ގެ ޝޫޓިން ނިންމާލައިފި އެވެ.
އެ ފިލްމަކީ އިންޑިއާގެ ޑޯން ދާވޫދް އިބްރާހިމްގެ އަންހެން ކޮއްކޮ ހަސީނާ ޕާކަރުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ހަސީނާގެ މައްޗަށް 88 ދައުވާއެއް ކޮށްފައި ވީނަމަވެސް، އޭނާ ކޯޓަށް ހާޒިރު ކުރެވިފައި ވަނީ އެންމެ ފަހަރަކު އެވެ.
'ހަސީނާ' ގެ ޝޫޓިން ނިންމާލާފައި މިވަނީ ހަ މަސް ދުވަހުންނެވެ. މިއީ ޝްރައްދާ ބަޔޮޕިކް އެއްގެ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.
އެ ފިލްމު ޑައިރެކްޓު ކުރަނީ 'ޝޫޓްއައުޓް އެޓް ލޮކަންޑްވާލާ' ވެސް ޑައިރެކްޓް ކުރި އަޕޫރްވާ ލާކިއާ އެވެ. އެ ފިލްމުގައި ދައްކުވައިދޭނީ ހަސީނާ ޕާކަރުގެ އުމުރުން 17 އަހަރާއި 55 އަހަރާއި ދެމެދު ހިނގާފައިވާ ހާދިސާތަކެވެ.
ފިލްމުގައި ދާވޫދްގެ ރޯލުން ފެނިގެންދާނީ ޝްރައްދާގެ ބޭބެ ސިދާންތު ކަޕޫރެވެ. މިއީ ޝްރައްދާ އާއި ސިދާންތު އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.
'ހަސީނާ' ގައި ހަސީނާގެ ރޯލު ކުޅުމަށް ފުރަތަމަ ހަމަޖެހުނީ ސޮނާކްޝީ ސިންހާ އެވެ. ނަމަވެސް ސޮނާކްޝީ ވަނީ ފަހުން ފިލްމު ދޫކޮށްލައިފައެވެ.
އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ.