31 Mar 2017, 12:32
މިހާރު ޝޫޓިން ކުރިއަށް ދާ ސަލްމާން ޚާން އަދި ކެޓްރީނާ ކައިފްގެ ފިލްމު 'ޓައިގާ ޒިންދާ ހޭ' އަށް ފަހު، ދެ ތަރިން އެކުގައި އިތުރު ފިލްމަކުން ފެނިގެން ދާނެ ކަމަށް ޚަބަރުތައް ބުނެފި އެވެ.
'ޓައިގާ ޒިންދާ ހޭ' އަކީ 2012 ވަނަ އަހަރު ރިލީޒް ކުރި އެ ދެމީހުންގެ ކާމިޔާބު ފިލްމު 'އެކް ތާ ޓައިގާ' ގެ ދެ ވަނަ ބައެވެ. އޮސްޓްރިއާ ގައި އެ ފިލްމުގެ ބައެއް މަންޒަރުތައް މިހާރު ވަނީ ޝޫޓު ކޮށްފައެވެ.
އޮސްޓްރިއާގެ ޝޫޓިން އަށް ފަހު ކެޓްރީނާ މުމްބާއީގައި ހުރި އިރު، ޝޫޓިން މެދުކަނޑާލުމަށް ފަހު ސަލްމާން މިވަގުތު ހުރީ ރާއްޖޭގައެވެ.
ޚަބަރުތައް ބުނާ ގޮތުން 'ޓައިގާ ޒިންދާ ހޭ' އަށް ފަހު ސަލްމާންގެ ޅިޔަނު، އަތުލް އަގްނިހޯތުރީ ޕްރޮޑިއުސް ކުރާ ފިލްމެއްގެ މަސައްކަތް އޭނާ ފަށާނެ އެވެ. އަދި އެ ފިލްމުގައި ދެން ފެނިގެން ދާނީ ކެޓްރީނާ ކަމަށް ޚަބަރުތައް ބުނެ އެވެ.
އެ ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ މެދު ތެރޭގައެވެ.
ސަލްމާން އާއި ކެޓްރީނާ އިތުރު ފިލްމެއްގައި މަސައްކަތް ކުރާނެ ކަމަށް ޚަބަރުތައް ބުނަން ފަށާފައި މިވަނީ، ދެ މީހުންގެ މެދުގައި އަނެއްކާ ވެސް ލޯބީގެ ގުޅުމެއް އުފެދިފައި ވާކަމަށް ވާހަކަތައް ދެކެވެމުން އަންނަ ދަނޑިވަޅެއްގައެވެ.