31 Mar 2017, 13:38
ދެހާސް ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފުވެ، ފްލޮޕް އެކްޓަރެއްގެ ގޮތުގައި ލޭބަލް ވެގެން ދިޔަ ބަތަލާ ޝަމިތާ ޝެޓީ ބޮޑު މެދުކެނޑުމަކަށް ފަހު ކެމެރާގެ ކުރިމައްޗަށް ނުކުތުމަށް ތައްޔާރުވެއްޖެ އެވެ.
މިފަހަރު ޝަމިތާ ފެނިގެން ދާނީ ވަޔާކޮމް އިން އުފައްދާ ވެބް ސީރީޒް އަކުން ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި އެ ސީރީޒް ގައި ޝަމިތާ ފެނިގެން ދާނީ ވަރަށް ތަފާތު ރޯލަކުން ކަމަށްވެ އެވެ.
ޝަމިތާ ވަނީ އަލުން ކެމެރާގެ ކުރިމައްޗަށް ނުކުންނަން ތައްޔާރުވެފައިވާ ކަމަށް ބުނެ ޓުވީޓެއް ވެސް ކޮށްފައެވެ. ޝަމިތާ ބުނީ އޭނާ އެންމެ ލޯބިވާ އަދި ކުރަން ބޭނުންވާ މަސައްކަތަކަށް އެނބުރި ދިއުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
ޝަމިތާ މިހާރު ވަނީ އޭނާގެ ރޯލަށް ތައްޔާރު ވުމަށް ވޯކްޝޮޕް ތަކަށް ވެސް ދާން ފަށައިފައެވެ.
ބަތަލާ ޝިލްޕާ ޝެޓީގެ ކޮއްކޮ، ޝަމިތާ ބޮލީވުޑަށް ތައާރަފުވީ ޝާހުރުކް ޚާން ލީޑު ރޯލުން ފެނިގެން ދިޔަ ކާމިޔާބު ފިލްމު ‘މޮހޮއްބަތޭން’ އިންނެވެ. ބޮލީވުޑުގައި އޭނާ އަށް މާ ރަނގަޅު ތަރުހީބެއް ލިބިފައި ނުވާއިރު، އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ޑާންސް ރިއަލިޓީ ޝޯވ އަކުންނެވެ.