31 Mar 2017, 11:38
ބަންގްލަދޭޝްގައި މަރުވި ދިވެހި ދަރިވަރު އަދި މޮޑެލް ރައުދާ އާތިފްގެ ޕޯސްޓްމޯޓެމް ނުހަދައި އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް އެދިފައިވާ ކަމަށް ބަންގުލަދޭޝްގެ ރާޖްޝާހީގެ ފުލުހުން ބުނެފިއެވެ.
ރާޖްޝާހީ މެޓްރޯ ޕޮލިޓަންގެ ޕޮލިސްގެ ޑެޕިއުޓީ ކޮމިޝަނަރ އާމިރް ޒަފަރްއާ ހަވާލާދީ އެގައުމުގެ ޑެއިލީސްޓާ ނޫހުން ބުނީ، ޕޯސްޓްމޯޓެމް ނުހަދައި ރައުދާގެ ހަށިގަނޑު އާއިލާއާ ހަވާކުރުމަށް އޭނާގެ މަންމަ، ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ.
"އޮޓޮޕްސީ ނުހަދައި އޭނާގެ ހަށިގަނޑު ހަވާލުކުރާން، އޭނާގެ ބެލެނިވެރީން ހިމެނޭގޮތަށް، އާއިލާގެ މުހިއްމު ހުރިހާ ފަރާތްތަކެއް، އެދޭނަމަ، ފުލުހުންނަށް އެކަން ކުރެވިދާނެ،" އެމައްސަލައިގައި ދާކާގެ ފުލުހުންގެ މައި އިދާރާއިން ލަފައަކަށް އެދިފައިވާކަން ހާމަކުރައްވަމުން ޒަފަރް ވިދާޅުވިއެވެ.
ރާއްޖޭން ބަނގުލަދޭޝަށް ކަނޑައަޅަވާފައި ހުންނަވާ އެމްބެސެޑަރ އައިޝަތު ޝާން ޝާކިރުއާއެކު އާއެކު އިއްޔެގެ ވަގުތެއްގައި ރައުދާގެ މަންމަ ވަނީ، ބަނގުލަދޭޝަށް ގޮސްފައެވެ.
މަޝްހޫރު ފެޝަން މެގަޒިން "ވޯގު އިންޑިއާ"ގެ، ފީޗަރ ކޮށްފައިވާ ރައުދާ އަމިއްލައަށް މަރުވެދާނޭކަން ގަބޫލުފުޅު ނުކުރެއްވޭ ކަމަށް ވެސް ޒަފަރު ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ ރާޖްޝާހީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި އެމްބީބީއެސް ހަދަމުން ދިޔަ 20 އަހަރުގެ ދިވެހި ދަރިވަރު މަރުވެފައި ހުއްޓާ ފެނުނީ ބުދަދުވަހު، ކޮލެޖުގެ ޑޯމިޓޯރީގައި އޭނާ ދިރިއުޅޭ ކޮޓަރިންނެވެ.
ރައުދާ މަރުވެފައި ހުއްޓާ ފެނުނީ އޭނާގެ އެކުވެރިންނަށެވެ. ދާކާ ޓްރިބިއުން ނޫހުން ބުނާ ގޮތުގައި ބުދަ ދުވަހު ހެނދުނު ރައުދާ ކޮޓަރިން ނުނިކުމެގެން، އޭނާގެ އެކުވެރިން އެ ކޮޓަރީގެ ކުޑަދޮރުން އެތެރެ ބެލި އިރު، ފެނުނީ ރައުދާ ދަންޖެހިފައި ހުއްޓައެވެ.
ބުދަ ދުވަހު ރައުދާ މަރުވެފައި ހުއްޓާ ފެނުނު ނަމަވެސް އޭނާ ދިރިއުޅޭ ޑޯމިޓޮރީގެ އިންޗާޖު ޑރ. ލައިލާ އަޚްތަރު ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ނިދުމަށް ކޮޓަރިއަށް ދިޔައީ ރޭގަނޑު ކައިގެން ކަމަށެވެ.
ރާޖްޝާހީ މެޓްރޮޕޮލިޓަން ޕޮލިސްގެ ކޮމިޝަނަރު ޝަފީގުލް އިސްލާމްއާ ހަވާލައިދީ ދާކާ ޓްރިބިއުން ނޫހުން އެދުވަހު ރިޕޯޓުކޮށްފައިވާ ގޮތުން، ރައުދާ އަމިއްލައަށް މަރުވި ކަމަށް ނުނިންމި ނަމަވެސް، ކަރުގައި ހިފާފައި ނުވަތަ އެއްޗެއް އޮޅިފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ. އެހެންކަމުން ފުލުހުން ބޭނުންވަނީ، މައްސަލަ އިތުރަށް ތަހްގީގުކުރުމަށް އޮޓޮޕްސީ ހަދާށެވެ.
ރައުދާގެ އާއިލާގެ މެންބަރުންނާއި، އެމްބެސެޑަރ އައިޝަތު ޝާން ޝާކިރު ވަނީ، ޕްރައިވެޓް މެޑިކަލް ކޮލެއްޖަށް ޒިޔާރަތްކޮށް، ރައުދާއާއެކު އެތަނުގައި ކިޔަވަން އުޅުނު އޭނާގެ ބައެއް އެކުވެރީންނާއި، ކޮލެޖްގެ ވެރީންނާއި އަދި ފުލުހުންނާ ބައްދަލުކޮށްފައެވެ.
ޑެއިލީ ސްޓާއިން ރިޕޯޓްކުރާ ގޮތުގައި، ރައުދާގެ މަރުގެ ހާދިސާއާ ގުޅިގެން އޭނާއާއެކު ކިޔަވަމުންދިޔަ ގިނަ ރަހްމަތްތެރީންނަށް ވަނީ ވަރަށްބޮޑު ޝޮކެއް ލިބިފައެވެ. އަދި އެކުދީން އެއްވެސް ވަރަކަށް މީޑިއާއަށް މައުލޫމާތު ހިއްސާކުރާން ބޭނުންމެއް ނުވެއެވެ.