31 Mar 2017, 14:44
ފުލުހުންގެ ހާލަތު ކަންބޮޑުވެފައިވާ ދަރަޖައަށް ގޮސްފައިވަނިކޮށް، ފުލުހުންނަށް ގާނޫނީ ޒިންމާ އަދާކުރުމުގެ ދޮރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ހިދުމަތަށް 84 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިން ފުލުހުންގެ ބާރާއި އިއްޒަތާއި ކަރާމާތް ނަގާލަން ގިނަ ބަޔަކު މަސައްކަތް ކުރި ކަމަށާއި ނަމަވެސް އޭރުވެސް ފުލުހުން ރިވެތި ނަމޫނާ ދައްކަމުން ގެންދިޔަ ކަމަށެވެ.
އަޒްލީން ވިދާޅުވީ، މިއަދު ފުލުހުންގެ މަސައްކަތަކީ ޕްރޮފެޝަނަލް މަސައްކަތަކަށް ވެފައިވާކަމަށާ، އެ މަސައްކަތް މިއަދުގެ މުޖުތަމަޢު ބަލައިގަންނަ ކަމަށެވެ.
މިނިސްޓަރު އަޒްލީން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ފުލުހުންގެ ތަރައްގީ އާއި ކުރިއެރުމަށް ޒަމާނީ ވަސީލަތްތައް ފަހި ކޮށްދެވިފައިވާ ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތުގެ ދުވެލި މިއަދު ބާރުވެފައިވާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އެގޮތުން މީގެކުރިން 160 ދުވަހުގެ ތެރޭގައި ނިންމޭ މައްސަލަތައް މިއަދު 30 ދުވަހުގެ ތެރޭގައި ނިންމާލެވޭކަމަށް އަޒްލީން ވަނީ ވިދާޅުވެފައެވެ.
ފުލުހުން މަސައްކަތްކުރަނީ ރައްޔިތުންނާ ގާތުން ހިދުމަތްތައް ފޯރޮކޮށްދިނުމަށް ކަމަށާއި އެގޮތުން ރާއްޖޭގެ 116 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިކުރައްވައިގެން މިހާރު ޚިދުމަތް ދެއްވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވިދާޅުވިއެވެ.