31 Mar 2017, 11:08
ލ. ފޮނަދޫން ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވައި އިއްޔެ ފެނުނު ބިދޭސީ މީހާގެ މަރާގުޅިގެން އެރަށުން ބިދޭސީ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނީ، "ލ. ފޮނަދޫގައި ބިދޭސީއެއް މަރާލި މައްސަލައާ ގުޅިގެން 3 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެވިފައި،" ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިއްޔެ 12:45 އެހައިކަންހާއިރު ފޮނަދޫ ގޮނޑުދޮށުން މަރުވެފައި އޮއްވައި ފެނުނު ބަންގްލަދޭޝް މީހާގެ މަރާ ގުޅޭ އިތުރު މައުލޫމާތު މިވަގުތަށް އަދި ހާމަކުރެވެން ނެތްކަމަށެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި، ބަންގުލަދޭޝަށް ނިސްބަތްވާ، އުމުރުން 27 އަހަރުގެ ހަސަން ނަމަކަށް ކިޔާ، އެމީހާ ފޮނަދޫގައި މަސައްކަތްކުރާން އުޅޭތާ ހަތަރުވަރަކަށް އަހަރުދުވަސް ވެދާނެއެވެ.
އެ ބިދޭސީ މީހާގެ މަރަކީ އާދައިގެ މަރެއްގެ ގޮތުގައި ނުބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނީ، އެމައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަންއިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ބައެއް އޮފިސަރުން ފޮނަދޫއަށް ގޮސް އެރަށުގައި ތިބި ފުލުހުންނާ ގުޅިގެން ފުޅާދާއިރާއެއްގައި މިހާރު ތަހުގީގު ފަށާފައިވާ ކަމަށެވެ.