ފިލްމް އިންޑަސްޓްރީގެ މަސައްކަތަށް ވީ މިންވަރަކުން ވާގިދީ ސަރުކާރުން އަޅައިލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ "އެންޝޯންޓާ ފިލްމް އެވޯޑް" ދިނުމުގެ ހަފްލާގާއި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މާލޭ ސޯޝަލް ސެންޓަރުގައި ރޭ ބޭއްވެވި އެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފިލްމް އިންޑަސްޓްރީ މިހާރު ކުރިއަށްދާ ގޮތަށް ބާރަށް ގޮސް ތަރައްޤީވެ ދިޔުމަކީ، ސަރުކާރުގެ ވެސް ވަރަށްބޮޑު އުންމީދެއް ކަމަށް ވިދާޅުވެ ފިލްމް އެވޯޑް ލިބުނު ހުރިހާ ފަންނާނުންނަށް ތަހުނިޔާ ވިދާޅުވި އެވެ. އަދި ފިލްމް އެވޯޑްގައި އެންމެ ގިނަ އެވޯޑް ލިބުނު ހެޕީބާތްޑޭ މޮޅު ފިލްމަކަށް ވެގެން ދިޔައީ އެއާ ގުޅުނު އެހެން ހުރިހާ ކަމެއްވެސް މޮޅުވުމުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

" އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ ނެރެވޭ ފިލްމްތަކުގެ ފެންވަރު ކިތަންމެ ގޮތަކުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނަތަން. އަޅުގަނޑަށް ޔަގީން މިއަހަރަށްވުރެ އަދި އަންނަ އަހަރު މާ މޮޅުވާނެ. އަޅުގަނޑު ހިތަށްއެރި އެއްފަހަރަކު "ހެޕީބާތްޑޭ" ފިލްމްގެ ކްރޫ ސްޓޭޖުން ނުފައިބާ ތިއްބެވިނަމަ، ގައިމު މާ ރަނގަޅުވީސްތާއޭ. ވަރަށް މޮޅަށް ކަމެއް ކުރެވުނީމާ، އެއިން ފެންނާނީ އެކަމަކާ ގުޅޭ ހުރިހާ ކަމެއްވެސް މޮޅުވެފައި އޮއްވާ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އެންޝޯންޓާ ފިލްމް އެވޯޑްގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހާސިލު ކުރެއްވި ރޯނު ހަސަން މަނިކަށް، އެ އެވޯޑް ހަވާލުކޮށްދެއްވީ ވެސް ރައީސް ނަޝީދެވެ.

ރޭގެ އެވޯޑް ހަފުލާގައި ތިމާވެށީގެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އެމެރިކާގެ ކުންފުންޏަކުން އުފައްދާފައިވާ ޑޮކިއުމަންޓްރީ ފިލްމު "ދި އައިލެންޑް ޕްރެޒިޑެންޓް" މައްޗަށް ބަލައިލުން ވެސް އޮތެވެ. އެ ޑޮކިއުމަންޓްރީ މިއަހަރުގެ ނޮވެންބަރުގައި ބާއްވާ ބައިނަލްއަޤްވާމީ ފިލްމް ފެސްޓިވަލެއްގައި ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.