31 Mar 2017, 15:00
ދިވެހިރާއްޖޭގައި އިއްޔެ ނިމިގެންދިޔަ އޭޝިއާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ބައިވެރިނުވުމަށާއި އިންފުލުއެންޒާއާ ގުޅިގެން ރާއްޖޭގެ ހާލަތު ވަރަށް ގޯސްކަމަށް ބުނެ ބަޔަކު އިންޒާރު ދިންކަމަށް، އެ މުބާރާތުގެ ޗެމްޕިއަން ޓީމު ކިރްގިސްތާންގެ އެސިސްޓެންޓް ކޯޗު އަދި އެ ގައުމުގެ ވޮލީ އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ ކްލިޗް ބުނެފިއެވެ.
ސަން ސްޕޯޓްސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކްލިޗް ބުނީ ރާއްޖޭގެ ވޮލީ ދާއިރާގައި އިސްކޮށް ހަރަކާތް ތެރިވާ ބަޔަކު އެ މުބާރާތުގައި ބައިވެރި ނުވުމަށާއި މުބާރާތަށް އައިސްފިނަމަ ކަންތައްތައް ގޯސްވެދާނެ ކަމަށް ބުނެ އީމެއިލެއް ކޮށްފައިވާކަމަށާއި އަދި "ވަޓްސް އެޕް" މެދުވެރިކޮށް އެފަދަ މެސެޖްތަކެއްވެސް ކޮށްފައިވާ ކަމަށެވެ.
" އަޅުގަނޑު ނަމެއް ނުބުނާނަން ނަމަވެސް ކިރްގިސްތާން އެސޯސިއޭޝަނަށް ލިބުނު ރާއްޖެ ނައުމަށް އިންޒާރު ކޮށްފައިވާ މެއިލްއެއް. އޭގައި ބުނެފައިވަނީ މިހާރު އޮތް އެސޯސިއޭޝަނާ ގުޅޭ ގޮތުން އަދި ބުނެފައިވަނީ އެސޯސިއޭޝަންގައި އޮތީ ސައްހަ ހިންގާ ކޮމިޓީއެއް ނޫން ކަމަށާއި އަދި އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މައްސަލަ ބަލަމުންދާތީ އެ މުބާރާތަކީ ގައިރުގާނުނީ މުބާރާތަކަށް ވުން ވެސް އެކަށީގެންވާކަމަށް،" ކްލިޗް ބުންޏެވެ.
އޭނާ އިތުރަށް ބުނީ މި ފަދަ ވާހަކަ ތަކެއް އަޑު އިވުމާ ގުޅިގެން އެ ވާހަކަތަކުގެ ހަގީގަތް އޭޝިއަން ވޮލީ ބޯޅަ ކޮންފެޑެރޭޝަންއާ މަޝްވަރާ ކުރި ކަމަށާއި އަދި އެ ފަރާތުން މި މުބާރާތަކީ ގަވައިދާ އެއްގޮތަށް ބާއްވާ މުބާރާތެއްކަމަށް ލަފާ ދިނުމުން މުބާރަތުގައި ބައިވެރިވާން ނިންމީ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ އެފަދަ ހާލަތެއް އޮތް ކަމަށް ވާނަމަ އެ މުބާރާތް ރާއްޖޭގައި ނުބޭއްވީސް. އޭވީސީ ފަދަ ބޮޑު އޮގަނައިޒޭޝަނަކުން އެފަދަ ކަމެއް ގަވައިދާ ހިލާފަށް ކުރުމުގެ ފުރުޞަތު ބަޔަކަށް ދޭނެ ކަމަކަށް ގަބޫލެއް ނުކުރަން،" ގިނަ ދުވަސް ތަކެއް ވަންދެން ވޮލީއަށް ހިދުމަތް ކުރުމުގައި ހަރަކާތްތެރިވެފައިވާ ކްލިޗް ބުންޏެވެ.
އޭނާ ބުނީ މުބާރާތް ފަށާ ދުވަސް ގާތް ވެފައިވަނިކޮށް މުބާރާތް އޮންނަ މާލޭގައި އެޗް1އެން1 ރޯގާ ފެތުރެމުން ދާކަމަށް ބުނެ ވެސް ބަޔަކު މެސެޖްތަކެއް ކޮށްފައިވާކަމަށާއި އަދި ހާލަތު ވަރަށް ގޯސްކަމަށްވެސް ބުނެފައިވާކަމަށެވެ. އެކަމާ ގުޅިގެން ވެސް ލިބެން ހުރި މައުލުމާތު ހޯދާފައިވާ ކަމަށާއި އަދި ރާއްޖޭގެ ހާލަތު ހުރި ގޮތް ވަރަށް ރަނގަޅަށް ބަލާފައިވާ ކަމަށާއި އެ މައުލޫމާތު ތަކުން ރާއްޖެއައިސް މުބާރާތުގައި ވާދަކުރުމަށް އެއްވެސް ނުރައްކަލެއް ނެތް ކަން އެނގުނު ކަމަށެވެ.
" ރޯގާގެ ވާހަކަވެސް އެނގުނު. އެހިސާބުން ބެލިން ކިހާވަރެއްގެ ކަމެއްތޯ މިއީ. ބެލިބެލިމުން އެނގުނީ ބޮޑު ނުރައްކަލެއް ނެތްކަން. އަނެއްކާ މިތަނަށް އައިސް ދިހަ ދުވަސް މިވީ އެކަހަލަ ކަމެއް އެއްވެސް ކުޅުންތެރިއަކަށް ނުވޭ ހަމަ ވަރަށް ނޯރމަލް،"
ކްލިޗް ބުނީ ރާއްޖޭގައި އަލަށް މިފަދަ މުބާރާތެއް ބާއްވަން މަސައްކަތް ކުރި ވަގުތެއްގައި މިފަދަ މެސެޖްތަކެއް ދައުރުކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަަމަށެވެ. އަދި އެފަދަ ކަމެއް ކުރީ ވޮލީއަށް ހެޔޮ އެދިގެން ކަމަށް ގަބޫލު ނުކުރާކަމަށްވެސް އޭނާ ބުންޏެވެ.
" އަސްލު ވަރަށް ބޮޑު ލަދެއް އެއީ ދިވެހީންނަށް ވެސް. މިފަދަ މުބާރާތަކުން ފައިދާ ވާނީ ދިވެހި ފަތުރުވެރިކަމަށް ދިވެހިންނަށް. ނަމަވެސް މިކަހަލަ ކަންކަން ކުރީމަ ދިވެހިރާއްޖޭގެ ނަން ހަޑިވަނީި. މިއީ އަހަރަމެންގެ ބަޔަކު ކުރި ކަމެއް ނަމަ ހަރުކަށި އަދަބު ލިބޭނެ،" ކްލިޗް ބުންޏެވެ.
ނިންމާލަމުން ކްލިޗް ބުނީ ޖުމުލަ ގޮތެއްގައި ދިވެހި ރާއްޖެއިން ލިބުނީ ހީކުރިވަރަށްވުރެ ރަނގަަޅު މެހެމާންދާރީއެއްކަމަށާއި ރާއްޖެ ވޮލީބޯޅައިން ކުރުއެރުން ހޯދާފައިވާކަން އެ މުބާރަތުން ފެނުނު ކަމަށެވެ.
އަދި ވޮލީގެ ތެރޭގައި ހުރި މައްސަލަތައް ހަނދާން ނައްތާލައި އެންމެން އެކަތިގެނޑެއްގެ ގޮތުގައި މަސައްކަތް ކޮށް ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރުން ބުއްދިވެރި ކަމަށެވެ. އަދި ރާއްޖެއިން ރަން މެޑައްޔެއް ހޯދައިގެން ފުރަނީ ކުރިން އިވުނު ވާހަކަތަކަށް ބީރު ކަންފަތެއްދީ މުބާރާތަށް އާދެވެމުންކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގައި މުބާރާތެއް ބާއްވާނަމަ އެކަމަށް މަރުހަބާ ކިޔާނެ ފުރަތަމަ ޓީމަކަށް ކިރްގިސްތާން ވާނެކަމަށް ކްލިޗް ބުންޏެވެ.
ުއޭޝިއާ ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކިރްގިސްތާން ހޯދީ ފައިނަލުގައި ތުރުކްމަނިސްތާން ބަލިކޮށްގެންނެވެ. މިއީ މި މުބާރާތް އެޓީމުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.