31 Mar 2017, 10:50
މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ނ. އަތޮޅު ބުރުގައި ހަސަން ސޯދިގުގެ ހެޓްރިކާއެކު ކުޑަފަރީން ފުރަތަމަ މޮޅު ހޯދައިފިއެވެ.
ނ. ކެނދިކުޅުދޫގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ކުޑަފަރީ މޮޅުވެފައިވަނީ ޅޮހި ޓީމާ ވާދަކޮށް، 4-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މުބާރާތުގައި ކުޑަފަރީ ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހޮނިހިރު ދުވަހު މާޅެންދޫ އަތުން 4-0 ލަނޑުން ވަނީ ބަލިވެފައެވެ.
އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔައީ އެންމެ ލަނޑެކެވެ. މެޗުގެ 16 ވަނަ މިނެޓުގައި ކުޑަފަރީއަށް އެލަނޑު ކާމިޔާބުކޮށްދިނީ ހަސަން ސޯދިގެވެ. އެ ލަނޑުގެ އިތުރުން ވެސް ކުޑަފަރީއަށް ފުރަތަމަ ހާފުގައި ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބިފައިވެއެވެ.
މެޗުގެ ދެވަނަ ހާފުގައި ކުޑަފަރީން ތިން ލަނޑު ކާމިޔާބުކުރިއެވެ. މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓްފަހުން ކުޑަފަރީގެ ދެވަނަ ލަނޑު ހުސައިން ޖަވާދު ކާމިޔާބުކޮށްދިންއިރު، މެޗުގެ 69 ވަނަ މިނެޓުގައި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ސޯދިގެވެ. މެޗުގައި ސޯދިގުގެ ހެޓްރިކް ފުރިހަމަކޮށްފައިވަނީ މެޗު ނިމެނިކޮށެވެ.
ނ. އަތޮޅު ބުރުގެ މެޗުތައް ކުރިއަށްދާނީ ކެނދިކުޅުދޫގައެވެ. އެ އަތޮޅު ބުރުގައި ކެނދިކުޅުދުއާއި ޅޮހީގެ އިތުރުން ދެން ވާދަކުރަނީ މަނަދުއާއި، މާޅެންދުއާއި، ކުޑަފަރީ އަދި ޅޮހި ޓީމެވެ.
މިފަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޖުމްލަ 81 ރަށަކުން ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ އަތޮޅު ބުރެވެ. އެ ބުރުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު ޒޯން ބުރަށް ދަތުރުކުރާނެއެވެ. އަދި ޒޯން ބުރުގެ ޗެމްޕިއަން ޓީމުތައް ފައިނަލް ބުރަށް ދަތުރުކުރާނެއެވެ.
އެންމެ ފަހުން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ބ. އޭދަފުށްޓެވެ. އެ ޓީމު އެ މުބާރާތް ކާމިޔާބުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ތ. ތިމަރަފުށި 1-0 ލަނޑުން ބަލިކޮށްގެންނެވެ.