ރާއްޖޭގެ ޓެކްނޮލޮޖީގެ އަނދިރިފަރާތް ނާންމާވެފައިވާ ކަމަށާއި ސައިބާ ހަނގުރާމައިން ދިފާއުވުމުގެ އައްޑަނައަކަަށް ރާއްޖެ ވާން ޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތަށް 84 ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަރީފު ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މީހުންގެ އިއްޒަތާއި އިއްފަތްތެރި ކަމާއި އަބުރާއި މުދަލާއި ފައިސާއަށް އަރައިގަނެ، ގެއްލުންތައް ދެމުންދާ ކަމަށެވެ. އެހެންކަމުން ޒަމާނީ ޓެކްނޮލޮޖީގެ އަނދިރިފަރާތަށް ރައްކާތެރިވާންޖެހޭ ކަމަށް ސީޕީ އަރީފު ވިދާޅުވި އެވެ.

"އަނެކާގެ އިއްޒަތް، އިއްފަތް، އަބުރު، މުދާ އަދި ފައިސާ މިހުރިހާ ކަމަކަށް އެބަ ހަމަލާ ދޭ. އެއީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގަ. އެހެން ކަމުން ޓެކްނޮލޮޖީގެ މި އަންދިރި ފަރާތަށް އަޅުގަނޑުމެން ސަމާލުވާން އެބަ ޖެހޭ،" އަރީފު ވިދާޅުވި އެވެ.

އަރީފު ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް ބަލާއިރު އިނގިރޭސި ވިލާތުގައި ނޭޝަނަލް ސައިބާ ސެކިއުރިޓީ ފްރޭމް ވޯކެއް ގާއިމުކޮށްފައިވާ ކަމަށާއި އެމެރިކާ އާއި ކޮރެއާފަދަ ގައުމުތަކުގައި އެ މައްސަލައަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް ގަނޫނުތައް ހަދާފައި ކަމަށެވެ.

އަރީފު ވިދާޅުވީ، ރާއްޖެ މިހާރު ދަތުރު ކުރަމުންދަނީ އިގްތިސާދީ އާ އުދަރެސްތަކަކަށް ކަމަށާއި އެ ދަތުރުގައި ދިވެހި ރައްޔިތުން ދެކެމުންދާ އެއް މަންޒިލަކީ ފުޅާވަމުންދާ ރަށްފުށުގެ ފަތުރުވެރިކަމާއި އެކި ފެންވަރުގައި ހުޅުވެމުންދާ ރިސޯޓްތައް ކަަމަށެވެ. އަރީފް ވިދާޅުވީ އެ ހުރިހާ ގޮތްޕަކަށް ވެސް ރައްކާތެރިކަން ބޭނުންވާނެ ކަމަށެވެ.

"އެއިން ކޮންމެ ގޮތްޕަކަށް ރައްކާތެރިކަން ބޭނުންވާނެ. ސަލާމަތީ ފިޔަވަޅުތައް ބޭނުންވާނެ. އަދި އެ ހިދުމަތް ދޭން ތިބޭ ބަޔަކީ ސިއްހީ ގޮތޮން ދުޅަހެޔޮ އިލްމީ ގޮތުން ގާބިލް ބަޔަކަށް ވާންޖެހޭނެ،" އަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފަތުރުވެރިކަމާ ބެހޭ ވުޒާރާއަށް ވާނީ ސަލާމަތީ ހިދުމަތް އާންމުކޮށް ކިޔވައިދޭ ކޯސްތަކެއް ތައާރަފް ކޮށްފައި ކަަމަށެވެ. އަދި ފުލުހުންގެ އިންސާނީ ހިދުމަތް ހަރުދަނާ ކުރުމަށް ފަންނީ، އިލްމީ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އަރީފް ވިދާޅުވިއެވެ.

އަރީފް ވިދާޅުވީ ރާއްޖޭގައި އަމާން ހަމަހިމޭން މާހައުލެއް ގާއިމު ކުރެވިފައި ވަނީ ފުލުހުންގެ ސަބަބުން ކަމަށާއި ފުލުހުންގެ ހިދުމަތަށް އަހަރެއް ފުރުން ވާނީ ރާއްޖޭގެ އަމާން ކަމަށް ވެސް އަަހަރެއް ފުރުން ކަމަށް އަރީފު ވިދާޅުވި އެވެ.