ބަންގްލަދޭޝްގައި މަރުވި ދިވެހި ދަރިވަރު އަދި މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

ބަންގްލަދޭޝްގެ ރާޖްޝާހީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި އެމްބީބީއެސް ހަދަމުން ދިޔަ 20 އަހަރުގެ ދިވެހި ދަރިވަރު މަރުވެފައި ހުއްޓާ ފެނުނީ އިއްޔެ، ކޮލެޖުގެ ޑޯމިޓޯރީގައި އޭނާ ދިރިއުޅޭ ކޮޓަރިންނެވެ.

ރައުދާ މަރުވެފައި ހުއްޓާ ފެނުނީ އޭނާގެ އެކުވެރިންނަށެވެ. ދާކާ ޓްރިބިއުން ނޫހުން ބުނާ ގޮތުގައި އިއްޔެ ހެނދުނު ރައުދާ ކޮޓަރިން ނުނިކުމެގެން، އޭނާގެ އެކުވެރިން އެ ކޮޓަރީގެ ކުޑަދޮރުން އެތެރެ ބެލި އިރު، ފެނުނީ ރައުދާ ދަންޖެހިފައި ހުއްޓައެވެ.

ދިވެހި ފުލުހުން މިއަދު އިނގިރޭސިބަހުން ކުރި ޓްވީޓެއްގައި ބުނީ، ބަންގްލަދޭޝްގައި އަމިއްލައަށް މަރުވިކަމަށް ބެލެވޭ ދިވެހި އަންހެން ކުއްޖެއްގެ މަރުގެ މައްސަލަ ދިވެހި ފުލުހުން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ބަންގްލަދޭޝްގެ ކަމާ ބެހޭ ފަރާތްތަކާއި އެކުއްޖާގެ އާއިލާއާ ފުލުހުން މުއާސަލާތު ކުރަމުންދާ ކަމަށެވެ.

"ސަން"އަށް މިއަދު މައުލޫމާތު ދެއްވަމުން، ބަންގްލަދޭޝްގެ ރާޖްޝާހީ މެޓްރޮޕޮލިޓަން ޕޮލިސްގެ ދަށުން ހިންގާ މޮތިހަރު ތާނާ ޕޮލިސް ސްޓޭޝަނުގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ސުޝާންތު ޗަންދްރާ ރޯއީ ވިދާޅުވީ، ރައުދާގެ ހަށިގަނޑު މިވަގުތު އޮތީ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގެ ހޮސްޕިޓަލުގައި ކަމަށެވެ.

އޭސީޕީ ޗަންދްރާ ރޯއި "ސަން"އަށް ވިދާޅުވި ގޮތުގައި، ރައުދާ އާތިފްގެ މަންމައާއި އާއިލާގެ އެހެން މެމްބަރަކާއި، ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީޜު އާއިޝަތު ޝާން ޝާކިރު ރާޖްޝާހީއަށް މިއަދު ވަޑައިގެންނެވި ކަމަށެވެ. އަދި ރައުދާގެ ބައްޕައާއި އާއިލާގެ އެހެނިހެން މެމްބަރުން ވެސް ރާޖްޝާހީއަށް އައުމުގެ މަގުމަތީގައިވާ ކަމަށް އޭސީޕީ ޗަންދްރާ ރޯއީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައުދާއާ ބެހޭ ގޮތުން ހޮސްޕިޓަލުން މިވަގުތު ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ރައުދާގެ ހަށިގަނޑު އޮޓޮޕްސީ ހަދާނީ އާއިލާގެ ހުރިހާ މެމްބަރުން ހަމަވެ، ގޮތެއް ނިންމުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައުދާ މަޝްހޫރުވެފައި ވަނީ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފޮޓޯއަކުންނެވެ. އެއީ ފޮޓޯގްރަފަރު ޝިފާޒް ޝައްމޫން ނަގާފައިވާ "މޯލްޑިވިއަން ގާލް ވިތު އަކުއާ ބްލޫ އައިސް"ގެ ނަމުގައި އާންމުވި ފޮޓޯއެކެވެ.

އެއަށް ފަހު މަޝްހޫރު ފެޝަން މެގަޒިން "ވޯގު އިންޑިއާ"ގެ، ރައުދާ ފީޗަރ ކޮށްފައި ވެސްވެއެވެ.